ލީގުގެ ފަހު މެޗުގައި ފަސޭހަކަމާ އެކު އެންމެ ފަހުގެ ޗެމްޕިއަން ކުއީންސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ސައިކްލޯން ބާސްކެޓްބޯލް ކްލަބުން ރޭ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ތަށި އުފުލާލައިފި އެވެ.
ބިދޭސީ ކުޅުންތެރިއަކާ އެކު މި ފަހަރުގެ ލީގަށް ވަރުގަދަ އަށް ތައްޔާރުވި ސައިކްލޯނުން ކުއީންސްގެ މައްޗަށް ރޭ ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި ކުޅުނު ފައިނަލުގައި ކުރި ހޯދީ 47-89 ޕޮއިންޓްގެ ބޮޑު ތަފާތާކުންނެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ވާދަވެރިކޮށް ނިމުނު ނަމަވެސް ފަހު މެޗު ސައިކްލޯނުން ކާމިޔާބުކުރީ ފަސޭހަކަމާ އެކުގަ އެވެ. އަދި މުބާރާތުގެ ޗެމްޕިއަންކަން ސައިކްލޯނުން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ 100 ޕަސެންޓް ރެކޯޑަކާ އެކުގަ އެވެ.
ލީގުގެ ފަހު މެޗުގައި ކުއީންސްގެ އެންމެ މުހިންމު ކުޅުންތެރިޔާ އާމިނަތު ޝިއުރާ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އަނެއްކޮޅު ހައުމާ އުބެއިދުﷲ (ހައު) މެޗު ފުރިހަމަ ކުރީ އަނިޔާގައި ހުރެ އެވެ. މުޅި މެޗަށް ބަލާއިރު ވާދަވެރިކަމެއް ފެނުނީ ފުރަތަމަ ކުއާޓާގައި އެކަންޏެވެ. ފުރަތަމަ ކުއާާޓާގައި ކުއީންސް އިން 19 ޕޮއިންޓް ސްކޯ ކުރިއިރު ސައިކްލޯނުން 21 ޕޮއިންޓް އެއްކުރި އެވެ. ފަހު ތިން ކުއާޓާގައި ސައިކްލޯނުން ބޮޑު ލީޑެއް ނަގައި ފަސޭހަކަމާއިއެކު މެޗު ކާމިޔާބުކުރި އެވެ.

ރަނަރަޕަށް ދިޔަ ކުއީންސްގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސައިކްލޯންގެ އަނާ ބޮރޮންޔަކް މެޗުގައި އެ ޓީމަށް 46 ޕޮއިންޓް ސްކޯކޮށްދިނެވެ. ދިވެހި ކުޅުންތެރިންގެ ތެރެއިން ފާތިމަތު ޝައިލާން އަފްޒަލް 17 ޕޮއިންޓް ސްކޯ ކުރި އެވެ. ކުއީންސް އަށް ބަލާއިރު، ތަފާތެއް ދެއްކުނީ ހައު އަށް އެކަންޏެވެ. އޭނާ 24 ޕޮއިންޓް އެއްކުރި އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ބެންޗުގެ އާމިނަތު އިސްރާއު އަބްދުއްޝުކުރޫ (އިއްކޮ)، ކުއީންސްގެ ޝިއުރާ، ސައިކްލޯންގެ ޝައިލާން، މަރިޔަމް ސޮފްވާ ހަސަންގެ އިތުރުން އެލީޓުގެ އައިޝަތު އިނާޝާ އެވެ.
އަންހެން ޑިވިޝަންގެ ތިންވަނަ ޓީމަކީ ބެންޗު ސްޕޯޓްސް ކުލަބެވެ. ބެންޗަށް ތިން ވަނަ ލިބުނީ ލީގު ބުރުގައި އެ ޓީމު ކުޅުނު ފަހު މެޗުގައި އެލީޓް ބަލިކުރުމުންނެވެ.
ގައުމީ ލީގުގެ މެޗުތަކަށް ފަހު ދެން އޮތީ ގައުމީ މުބާރާތެވެ. ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާއިރު، ފުރަތަމަ ސެމީ ފައިނަލްގައި ވާދަކުރާނީ ވެސް ކުއީންސް އާއި ސައިކްލޯން އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނާނީ ދެ ވަނަ ސެމީ ފައިނަލްގައި އެލީޓާާއި ބެންޗު ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.













