ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި އެލީޓް އަތުން 50-51 ޕޮއިންޓުން މޮޅުވެ ލީގު ދިފާއު ކުރުމުގެ އުންމީދު ކުއީންސް ބާސްކެޓްބޯލް ކްލަބުން ދަމަހައްޓައިފި އެވެ.
އަންހެން ޑިވިޝަންގައި ބާކީ ދެ މެޗު އޮތްއިރު، ނަތީޖާ ނެރޭ މެޗަކީ ކުއީންސް އާއި ސައިކްލޯން ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗެވެ. މި މެޗުން ސައިކްލޯން މޮޅުވެއްޖެ ނަމަ 100 ޕަސެންޓް ރެކޯޑަކާ އެކު އެ ޓީމަށް ޗެމްޕިއަންކަން ލިބޭނެ އެވެ. ކުއީންސް އަށް ލީގު ދިފާއުކުރެވެން އޮތީ ސައިކްލޯން ބަލިކޮށްގެންނެވެ.
މި ދެ ޓީމު ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ދެ ޕޮއިންޓްގެ ތަފާތުން ކާމިޔާބުކޮށްފައިވަނީ ސައިކްލޯން ބީސީ އެވެ.
ދެ ވަނަ ބުރުގައި ދެން ވާދަކުރާ ދެ ޓީމްކަމަށްވާ ބެންޗު އަދި އެލީޓް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ލީގުގެ ތިން ވަނަ ލިބޭނީ މާދަމާ ހަވީރު މި ދެ ޓީމުގެ ކުރިމަތިލުމުން ކުރި ލިބޭ ޓީމަކަށެވެ.
އަންހެން ޑިވިޝަންގެ އެންމެ ފަހުން ކުޅުނު ދެ މެޗަށް ބަލާއިރު ކުއީންސް ބީސީ އާއި އެލީޓްގެ ކުރިމަތިލުން ފެނުނީ ވަރަށް ފޯރިގަދަ ކޮށެވެ. ފުރަތަމަ ކުއާޓާ ނިމުނުއިރު ކުއީންސް އޮތީ އެންމެ ޕޮއިންޓަކުން ކުރީގަ އެވެ. މި ދެ ކުއާޓާގައި ދެ ޓީމުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.
އެލީޓުން އެންމެ ރަނގަޅަށް ކުޅުނީ ތިން ވަނަ ކުއާޓާގަ އެވެ. މި ކުއާޓާގެ މެދާ ހަމައަށް ދިޔައިރު، އެ ޓީމުން ހަތް ޕޮއިންޓްގެ ލީޑެއްވެސް ނެގި އެވެ. ނަމަވެސް ތަޖުރިބާކާރު ދެ ކުޅުންތެރިންކަމަށްވާ ހައުމާ އުބެއިދުﷲ (ހައު) އަދި އާމިނަތު ޝިއުރާ އަބްދުލްބާރީ މޮޅު ކުޅުމާ އެކު ކުއީންސް އިން ފަހަތުން އަރައި އެއްވަރުކޮށް އަދި ފަހު ވަގުތު އެއް ޕޮއިންޓްގެ ލީޑެއް ނެގި އެވެ.
ފަހު ކުއާޓާގައި ކުއީންސް އިން ރަނގަޅު ލީޑެއްވެސް ނެގި އެވެ. ނަމަވެސް އެލީޓްގެ އައިޝަތު އިނާޝާގެ ރަނގަޅު ކުޅުމާ އެކު އެ ޓީމުން ސްކޯ އެއްވަރުކުރެވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް ފަހު ވަގުތާ ހަމައަށް ރަނގަޅަށް ޑިފެންސްކޮށް ކުއީންސް މެޗުން މޮޅުވީ އެވެ.
މި މެޗުގައި ކުއީންސްގެ ޝިއުރާ އެ ޓީމަށް 20 ޕޮއިންޓް ސްކޯ ކޮށްދިނެވެ. އަދި ރާއީ ހަމްޒާ ވަނީ 12 ޕޮއިންޓް އެއްކޮށްދީފަ އެވެ. އެލީޓަށް ބަލާއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިނާޝާ 23 ޕޮއިންޓް އެ ޓީމަށް ސްކޯކޮށްދިނެވެ. އެެހެން ކުޅުންތެރިންނަށް ބަލާއިރު ދެން އެންމެ ރަނގަޅު ސްކޯއެއް ކުރީ 12 ޕޮއިންޓް ހޯދައިދިން އާމިނަތު ޒާޔާ އެވެ.
އަންހެން ޑިވިޝަންގައި ސައިކްލޯން މޮޅުވުމުގެ ރެކޯޑު ދެމެހެއްޓީ ބެންޗު އަތުން ހޯދި ފަސޭހަ މޮޅާ އެކު ގައެވެ. ބެންޗު އަތުން ސައިކްލޯން މޮޅުވީ 95-49 ޕޮއިންޓުންނެވެ.
މި މެޗުގެ ހުރިހާ ކުއާޓާ އެއްގައިވެސް ކުރީގައި އޮވެ ކުޅުނީ ސައިކްލޯނެވެ. އެންމެ ބޮޑު ފަރަގެއް ފެނުނީ ދެ ވަނަ ވަނަ ކުއާޓާގަ އެވެ. މި ގޮތުން މި ކުއާޓާގައި ސައިކްލޯނުން 22 ޕޮއިންޓް ސްކޯ ކުރިއިރު ބެންޗަށް ސްކޯ ކުރެވުނީ އެންމެ ހަތަރު ޕޮއިންޓެވެ.
މި މެޗުގައި ސައިކްލޯންގެ ބިދޭސީ ކުޅުންތެރިޔާ އަނާ ބޮރޮންޔަކް ފުލްކޮށް ކުޅުނުއިރު، 40 މިނެޓުގައި 40 ޕޮއިންޓު ސްކޯކޮށްދިނެވެ. މީގެ އިތުރުން އެ ޓީމްގެ ޝައިލާން އަފްޒަލް 16 ޕޮއިންޓް އަދި މަރިޔަމް ސޮފްވާ 15 ޕޮއިންޓް އެ ޓީމަށް ސްކޯކޮށްދިނެވެ. ބެންޗު ޓީމުގެ އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) 29 ޕޮއިންޓް އެއްކޮށްދިނެވެ.













