ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ކުޅުން ނިމުމަކާ ގާތްވެފައިވާއިރު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގެ ފޯރިވަނީ ގަދަވެފަ އެވެ.
މި ފަހަރުގެ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ނުވަ ޓީމެއް ވަނީ ބައިވެރިވެފަ އެވެ. ނުވަ ޓީމުގެ މެދުގައި ފުރަތަމަ ކުޅުނީ ގްރޫޕް ސްޓޭޖެވެ. ގްރޫޕް ސްޓޭޖުން އެންމެ މޮޅު ހަ ޓީމާ އެކު ދެ ވަނަ ބުރު ވަނީ މިދިޔަ މަހު 26 ގައި ފަށައިފަ އެވެ.
ދެ ވަނަ ބުރުން ފުރުސަތު ނުލިބި ކެޓި ތިން ޓީމަކީ ވައިކިންސް ބީސީ، ނައިޓްސް ބީސީ އަދި ހުޅުމާލޭ ސްޕޯޓް ކުލަބެވެ.
ގަދަ ހަ ޓީމާއިއެކު ދެ ވަނަ ބުރުގެ ކުޅުން މިހާރު ނިމުމަކާ ގާތްވެފައިވާއިރު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ފަސް ޓީމަކަށް އެބައޮތެވެ. އެއީ ވައިޕާސް ބީސީ، ސްޕާޓަންސް، ޓަލަންސް، ރޯޔަލްސް އަދި ވުލްވްސް އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޕޮއިންޓް ޓޭބަލް / ފޮޓޯ: އަދަދު ގްރެފިކްސް (މުހައްމަދު އިސާމް ސަމީރު)
މި ޓީމުތަކުގެ ތެރެއިން އެންމެ ފަހި ފުރުސަތެއް އޮތީ ސްޕާޓަންސް އަށެވެ. އެ ޓީމު މިހާތަނަށް ދެ ވަނަ ބުރުގައި 2 މެޗު ކުޅުނުއިރު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ ރޯޔަލްސް އާއި ވުލްވްސް އަތުންނެވެ. އެޓީމަށް ބާކީ ތިން މެޗު އޮތްއިރު، ޔޫއެން އަތުން ބަލިވެ ޓަލަންސް އާއި، ވައިޕާސް މެޗުން މޮޅުވެގެން އެޓީމަށް ޗެމްޕިއަންކަން ލިބޭނެ އެވެ.
ރޯޔަލްސް އާއި ޓަލަންސް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު އެ ދެ މެޗު ކާމިޔާބުކޮށްގެން ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮންނާނެ އެވެ.
ވައިޕާސް އާއި ވުލްވްސް އަށް އޮތީ ހަނި ފުރުސަތެކެވެ. ދެ ޓީމު ވެސް ވަނީ ދެ މެޗުން ބަލިވެފަ އެވެ. ވައިޕާސް ދެ މެޗުން މޮޅުވިއިރު ބާކީ އޮތީ އެއް މެޗެވެ. އެހެން ޓީމުތަކަށް ވުރެ ގިނައިން މެޗު ކުޅެ ވައިޕާސް އޮތީ އެއް ވަނައިގައި އެއް ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ. ވުލްވްސް އަށް ބަލާއިރު އެ ޓީމަށް ތިން މެޗުން ހޯދުނީ އެންމެ މޮޅެކެވެ. ބާކީ އޮތް ދެ މެޗު ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް ޖެހެނީ ބާކީ ހުރި ޓީމުތަކުގެ ނަތީޖާތަކަށް ބަލަން ތިބޭށެވެ.
އެންމެ ފުލުގައި އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާ ޔޫއެން ފްރެންޑްސް އެވެ. އެ ޓީމަށް ވެސް ބާކީ ދެ މެޗު އެބައޮތެވެ.
ކޮންމެ ގޮތެއް ވިޔަސް މި ފަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަނަކީ ފަހަކަށް އައިސް ކުޅޭ އެންމެ ވާދަވެރި އަދި ފޯރިގަދަ ފަހަރެވެ. ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ ހުނަރާ އެކު މުބާރާތުގެ ފެންވަރު ވެސް އެހެން ފަހަރުތަކަށް ވުރެ މި ފަހަރު ރަނގަޅު ކަމަށް ބާސްކެޓްބޯޅަ ކޯޗުން ގަބޫލުކުރެ އެވެ.













