ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު މެޗު 60-58 ޕޮއިންޓުން ބެންޗު ބަލިކޮށް ލީގު ދިފާއުކުރުމުގެ އުއްމީދު ކުއީންސް ބީސީ އިން ދަމަހައްޓައިފި އެވެ.
ގައުމީ ލީގުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ މެޗުތައް ނިމުނުއިރު އެއްވަނައިގައި އޮތީ ސައިކްލޯން ބީސީ އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަންް ކުއީންސް އޮތްއިރު، ތިން ވަނައިގައި އޮތީ ބެންޗެވެ. އެލީޓް އޮތީ ހަތަރު ވަނައިގަ އެވެ. ދެ ވަނަ ބުރުން ފުރުސަތު ނުލިބި ކެޓި ދެ ޓީމަކީ ލަޔަނެސް އާއި ކީންސް ސްޕޯޓްސް ކުލަބެވެ.
އަންހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި ކުއީންސް ކުޅުނު ފަހު މެޗު ދެ ޕޮއިންޓްގެ ތަފާތުން އެ ޓީމުން ކާމިޔާބުކުރިއިރު، މި މެޗު ފުރަތަމަ ދެ ކުއާޓާ ވެސް އޮތީ ވަރަށް ވަރަށް ވާދަވެރިކޮށެވެ. ފުރަތަމަ ކުއާޓާ ނިމުނުއިރު ކުއީންސް ކުރީގައި އޮތްއިރު ދެ ވަނަ ކުއާޓާ ނިމުނުއިރު ބެންޗުން ސްކޯ އެއްވަރުކުރި އެވެ.
މެޗުގެ ތިން ވަނަ ކުއާޓާގައި ބެންޗުން މޮޅު ކުޅުމެއް ދެއްކި އެވެ. މިހާތަނަށް ލީގުގައި އެ ޓީމުގެ އެންމެ ތަފާތު މޮޅު ކުޅުން ފެނުނު މި ކުއާޓާ އެ ޓީމުން ނިންމާލީ 9 ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ. ނަމަވެސް ފަހު ކުއާޓާގައި ފަހަތުން އަރައި އެއްވަރުކޮށް އަދި ލީޑް ނަގައި ކުއީންސް މެޗު ކާމިޔާބުކުރި އެވެ. މެޗުން ކުއީންސް މޮޅުވީ އެންމެ ފަހު ސިކުންތު ކޮޅުގައި ލިބުނު ދެ ފްރީތުރޯ ކާމިޔާބުކޮށްގެންނެވެ. ޕްރެޝަރު ދަނޑިވަޅުގައި މި ދެ ފްރީތުރޯ ކާމިޔާބުކޮށްދިނީ ރާއީ ހާމްޒާ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކުއީންސްގެ ތަޖުރިބާކާރު ތަރި، ޝިއުރާ އަބްދުލްބާރީ އެވެ. އެއީ އެ ޓީމަށް 26 ޕޮއިންޓް ހޯދައިދީ 25 ރީބައުންޑް ނަގައިދިނެވެ. ބެންޗަށް ބަލާއިރު ފާތިމަތު އިފާ އާތިފް އާއި އާމިނަތު އިސްރާއު (އިއްކޮ) މޮޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން އިފާ 23 ޕޮއިންޓް ހޯދައިދިންއިރު، އިއްކޮ 28 ޕޮއިންޓް ހޯދައިދިނެވެ.
މުބާރާތުގައި އިއްޔެ ކުޅުނު އަންހެން ޑިވިޝަންގެ އަނެއް މެޗުގައި ސައިކްލޯނުން ވަނީ އެލީޓްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފަ އެވެ. މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅެ ސައިކްލޯނުން ތަފާތު ދެއްކި އެވެ. މިގޮތުން ބިދޭސީ ކުޅުންތެރިޔާ އަނާ ބްރޮންޔަކް 34 ޕޮއިންޓް އެ ޓީމަށް ހޯދައިދިންއިރު، ޝައިލާން އަފްޒަލް 23 ޕޮއިންޓް ހޯދައިދިނެވެ.

ކިންގްސް އާއި ރެޕްޓާސް ކުޅުނު މެޗުގެ ތެރެއިން.- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ކިންގްސްގެ މޮޅުވުމުގެ ސިލްސިލާ އަށް ހުއްޓުމެއް ނެތް
މުބާރާތުގައި އިއްޔެ ދެން ކުޅުނީ ފުރަތަމަ ޑިވިޝަންގެ މެޗެކެވެ. ޗެމްޕިއަން ކިންގްސް ވަނީ 98-69 ޕޮއިންޓުން ރެޕްޓާސް ބަލިކޮށް އެ ޓީމް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ. ފުރަތަމަ ދެ ކުއާޓާ އަށް ބަލާއިރު ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަމަވެސް ފަހު ދެ ކުއާޓާގައި ކިންގްސް އިން ތަފާތު ދައްކައި މެޗު ކާމިޔާބުކުރި އެވެ. މިހާތަނަށް ކިންގްސް ކުޅުނު ކޮންމެ މެޗެއްގެވެސް ފަހު ދެ ކުއާޓާ ގައި އެ ޓީމުގެ ކުޅުން ތަފާތުކަން ފާހަގަކޮށްލެވެ އެވެ.
މި މެޗުގައި ކިންގްސްގެ ޑެކޯރޭ ޖޯންސް އެޓީމަށް 33 ޕޮއިންޓް ހޯދައިދިންއިރު، އާލަންޑޯ ކުކް 26 ޕޮއިންޓް ހޯދައިދިނެވެ. ދިވެހި ކުޅުންތެރިންނަށް ބަލާއިރު، އެންމެ ރަނގަޅު ސްކޯއެއް ކޮށްދިނީ އަހުމަދު ހުޝާމް އެވެ. އޭނާ ވަނީ 11 ޕޮއިންޓް ސްކޯކޮށްދީފަ އެވެ. ރެޕްޓާސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ޖެފްރީ ކޯބީ އެވެ. އޭނާ އަށް ސްކޯ ކުރެވުނީ 16 ޕޮއިންޓެވެ.
މުބާރާތުގައި މިއަދުވެސް ތިން މެޗެއް ކުޅޭނެއެވެ. ފުރަތަމަ ޑިވިޝަންގައި ހަވީރު ޓީރެކްސް ނުކުންނާނީ ރެޑްވިންގްސް ބީސީ އާއި ދެކޮޅަށެވެ. މިރޭ ކުޅޭނީ ދެވަނަ ޑިވިޝަންގެ ދެ މެޗެވެ. ވައިޕާސް ޓަލަންސްއާއި ދެކޮޅަށް ނުކުންނައިރު، ވުލްވްސް ނުކުންނާނީ ސްޕާޓަންސް އާއި ދެކޮޅަށެވެ.













