މި މަހު ރާއްޖޭގައި ބާއްވަން ނިންމި ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މިހާރު ވަނީ މެއި މަހަށް ފަސް ކޮށްފައި ކަމަށާއި މިއީ ބައިނަލްއަގުވާމީ ގޭމްސް އަށް ބަލާކަމަށްވާ ނަމަ ރާއްޖޭގެ ޓީޓީ އަށް ބޮޑު އަހަރެއް ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
ޝިއުރީ މިހެން ވިދާޅުވީ "އަދަދު" އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގެ ހަތަރު ވަނަ އެޕިސޯޑްގައި ވާހަަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ޝިއުރީ ވަނީ ތަފްސީލް ގޮތެއްގައި މި އަހަރު ރާއްޖޭގައި ހޯސްޓްކުރާ ޓީޓީގެ ބައިނަލްއަގުވާމީ މުބާރާތާއި އިންޓަނޭޝަނަލް ގޭމްސްތަކަށް ޓީޓީ ކުރަން ވިސްނާފައިވާ ކަންކަމުގެ އިތުރުން ޓީޓީ ޑިވެލޮޕްކުރަން ރާއްޖޭން ކުރަން ހުރި ކަންތައްތަކަށް އަލިއަޅުވާލައިފަ އެެވެ.
އެންމެ ފުރަތަމަ ނިންމާފައި އޮތީ 2021ގެ ދެކުނު އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ފަހު މި އަހަރު ލަންކާގައި އެ މުބާރާތް ހޯސްޓްކުރާ ގޮތަށެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި 2021 ގެ މުބާރާތް ބޭއްވޭ ގޮތެއް ނުވިއިރު، މި ފަަހަރު ލަންކާ އިން ވަނީ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ދޫކޮށްލައިފަ އެވެ.
ޝިއުރީ ވިދާޅުވީ މި މަހު 20-22 އަށް ބާއްވަން މުބާރާތް ޝެޑިއުލްކޮށްފައި ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ހާލަތު މި ފަހުން ގައުމުތަކުގައި ގޯސްވާން ފެށުމާ އެކު އެ ގައުމުތަކުން މުބާރާތް ފަަސްކުރަން އެދުމުން ކަމަށެވެ.
"މަޝްވަރާ ކުރުމަށް ފަހު މިހާރު ފަށަން މި އޮތީ މެއި 8 ގައި. އިތުރު ކަމެއް ގޯސް ނުވާކަމަށް ވާނަމަ އެ ތާރީހުގައި ދެން އޮންނާނީ،" ޝިއުރީ ވިދާޅުވި އެވެ.
ޝިއުރީ ދެކޭގޮތުގައި މުބާރާތް ފަސްވުމަކީ ރާއްޖެ އަށް ރަނގަޅެކެވެ. އެއީ ގައުމީ ޓީޓީ ޓީމުގެ ކޯޗު ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލަސް (ކޮސްޓޯ) ޓީމާ އަލުން ގުޅުނުތާ މާގިނަ ދުވަހެއް ނުވެ ސީދާ މުބާރާތަށް ނުކުތުމުގެ ބަދަލުގައި ރަނގަޅަށް ވަގުތު ލިބިގެން ފަރިތަކުރުންތައް ބާއްވައިގެން ތައްޔާރުވާން ފުރުސަތު ލިބޭނެތީ އެވެ. އަދި މުބާރާތް ބޭނުންވާ ލެވަލަށް އިސްތިހާރު ކޮށްލަން ވެސް ވަގުތު ލިބޭނެތީ އެވެ.
"މިސާލަކަށް މާކެޓިން އާއި މުބާރާތް ޕްރޮމޯޓްކުރުމާ ކަން ކަމަށް ވެސް ވަގުތު އެބަލިބޭ. މުބާރާތެއް ވެއްޖިއްޔާ ބައިވަރެއް ކަންކަން އޮންނާނެ ކުރަން. އެކަންކަމަށް ލިބުނު ލުޔެއް މިއީ،" ޝިއުރީ ވިދާޅުވި އެވެ.
މި ވަގުތު ޓީޓީ ހޯލުގެ މަރާމާތު މަސައްކަތް ކުރަމުން އަންނައިރު، ޝިއުރީ ވިދާޅުވީ ދެ މަހެއްގެ ތެރޭގައި ނިމޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެކަމަކު، އެއީ ވެސް ސީދާ ޔަގީންކަމާ އެކު ބުނެވޭނެ ކަމެއް ނޫން ކަމަށާއި އުންމީދަކީ އަވަހަށް ނިމުން ކަމަށެވެ.
ޓީޓީ ހޯލު ނުނިމޭތީ ވަރަށް ކުޑަ ޖާގައެއްގައި ޕްރެކްޓިސް ކުރަން ޖެހުމުން މިއީ ޗެލެންޖިން ވަގުތެއްގެ ގޮތުގައި ޝިިއުރީ ފާހަގަކުރެއްވި އެވެ.
ޓީޓީން މި އަހަރު ބައިނަލްއަގުވާމީ ގިނަ ގޭމްސްތަކެއްގައި ބައިވެރިވާނެ އެވެ. އޭގެ ތެރެއިން ހާއްސަ ގޭމްސްތަކަށް ބަލާއިރު، ކޮމަންވެލްތު ގޭމްސް، އޭޝިއަން ގޭމްސް އަދި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހިމެނެ އެވެ.
ޝިއުރީ ވިދާޅުވީ އޮލިމްޕިކް ކޮމިޓީއާ ގުޅިގެން އެ ގޭމްސް ތަކަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އެކަމަކު، މި ވަގުތު މައިގަނޑު ފޯކަސް އަކީ މާލޭގައި ހޯސްޓްކުރާ ޖޫނިއާ މުބާރާތް ކަމަށް ވިދާޅުވި އެވެ.
"މިހާރު އެންމެ ބޮޑު ފޯކަސް އެއް މި އޮތީ ކައިރީގައި މި އޮތް ޖޫނިއާ މުބާރާތަށް. މާނަ އަކީ އަނެއް މުބާރާތްތަކަށް ފޯކަސް ނުކުރަނީއެއް ނޫން. އެ މުބާރާތްތަކަށް ސީނިއާ ޓީމު ކުރާ ޕްރެކްޓިސް ވެސް އެބަދޭ. ދެން އެ މުބާރާތްތަކަށް ބޮޑަށް ތައްޔާރުވާން ފަށާނީ މުބާރާތް ކައިރިވާ ވަރަކަށް. އެކަން އެ ގޮތަށް ކުރަން މި ޖެހެނީ ރިސޯސަސް މަދުވެ، ޖާގައިގެ ދަތިތަކާ ހެދި،" ޝިއުރީ ބުންޏެވެ.
ޓީޓީއާ މެދު މީހުންގެ ވިސްނުން ބަދަލުވެއްޖެ، ފަހި މުސްތަގުބަލެއްގެ މަލަމަތި
މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު، ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބީ އަށް ބަލާނަމަ ރާއްޖޭގެ ކުޅިވަރުގެ އިސް ސަފު ޑޮމިނޭޓްކުރާނީ ޓީޓީންނެވެ.
ޓީޓީ ގައުމީ ޓީމުގައި މިހާރު އަރަމުން އަންނަ ޖީލު، މިހާރު ވެސް ތަޖުރިބާ ލިބިފައި ތިބި ޒުވާން ކުޅުންތެރިން ކަމަށްވާ، ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲ ފަދަ ކުޅުންތެރިންނާ މެދު ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ.

2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތެރެއިން ޝިއުރީ (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ސަލާމްކުރަނީ.
ޝިއުރީ ވިދާޅުވީ 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ހޯދި ކާމިޔާބީއާ އެކު ޓީޓީއާ މެދު މީހުން ދެކޭ ގޮތް ވަރަށް ބޮޑަށް ތަފާތުވެއްޖެ ކަމަށެވެ.
"އޭރު ދެން މަޖަލަކަށް ހަދާފައި ވެސް، ވެދާނެ ތެދެއް ކަމަށް ވެސް، އޭރު ހަބަރު ލިބުނު ހުރިހާ ރެކެޓްތައް ވެސް ހުސްވެއްޖެއޭ، ބޯޅަ ވެސް ހުސްވެއްޖެޔޭ، މާލެ އިން،" ޝިއުރީ ވިދާޅުވި އެވެ.
"ޕާސަނަލީ ވަރަށް ގިނަ ޕޭރަންޓުން (ބެލެނިވެރިން) އެ މީހުންގެ ޔަންގް (ޒުވާން) ކުދިން ލައްވައި ކުޅުވަން ބޭނުންވެގެން އައި، އެކަމަކު، ކޮވިޑާ ހެދި ރަނގަޅަށް ނުޖެއްސުނީ އަނެއް ކޮޅުން ހޯލު މަރާމާތަށް ދިޔައީމަ ޖާގައިގެ ދަތިތަކަން ވެސް އައީ. އެންމެނަށް އެއްކޮށް ފަސޭހަ ގަޑިތަކުގައި ކުޅެން ބަލާއިރު އެ ޖާގައެއް ނެތް، އެއީ އެހާ މޭޒުތަކެއް ބެހެއްޓެން ވެސް ނެތީ މި ވަގުތަށް. އެ ކަންކަމަށް ހައްލެއް މި އޮތީ އާ ހޯލް ނިމުނީމަ،"
އައިއޯއައިޖީގައި 2019 ވަނަ އަހަރު ހޯދާފައިވާ ކާމިޔާބީ އާއި އެ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ވެސް ޓީޓީން ވަނީ ކުރިއެރުން ހޯދައިފަ އެވެ. ޓީީޓީގައި މިހާރު އޮތް ލީޑަޝިޕަށް އޮތް ޗެލެންޖަކީ ހޯދާފައިވާ ކާމިޔާބީ ދިފާއުކުރުމާއި އަދި އެއް ހަރުފަތް މައްޗަށް ޖައްސާލަން ކުރަން ޖެހޭ މަސައްކަތް ކުރުމެވެ.
ޝިއުރީ ވިދާޅުވީ އާންމު ގޮތެއްގައި ކުޅިވަރުތަކުގައި ދައްކާ އެއް ވާހަކަ އަކީ ޗެމްޕިއަންޝިޕެއް ޑިފެންޑް ކުރުމަކީ ޗެމްޕިއަންޝިޕެއް ހޯދުމަށް ވުރެ އުނދަގޫ ކަމެއް ކަމެވެ. އެކަން ގަބޫލުކުރަންޖެހޭ ކަމަށް ޝިއުރީ ވަނީ ވިދާޅުފަ އެވެ.
"އެއީ ކުރިން ކުރި މަސައްކަތަށް ވުރެ ދެ ގުނަ މަސައްކަތް ކުރަން ޖެހޭ. އެހެން ގައުމުތަކުން ހެދުނު މިސްޓޭކާއި އެ މީހުންގެ އާ ކުޅުންތެރިން ޑިވެލޮޕްވަމުން އަންނައިރު ބަދަލުތަކެއް އަންނާނެ. ފަސޭހަ ކަމަކަށް ނުވާނެ. އެހެން ނަމަވެސް މި ކާމިޔާބީ ޑިފެންޑް ކުރުމުގެ ވިސްނުން އެސޯސިއޭޝަންގައި މި އޮތީ،" ކުރިން މަތީ ލެވަލްގައި ޓީޓީ ކުޅެފައިވާ ޝިއުރީ ވިދާޅުވި އެވެ.
ރާއްޖޭގެ ޓީޓީ ޓީމުން ކުރި މަސައްކަތްތައް އަގުވަޒަންކުރުމާއި ޓީޓީ އަށް އެކަށީގެންވާ މިންވަރަށް ކުރިއެރޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ދުރުރާސްތާ ވިސްނުމެއްގައި ޓީޓީ އެސޯސިއޭޝަނަށް ސަރުކާރުން ވަނީ ބިމެއް ދީފަ އެވެ. އެއީ ނިސްބަތުން ބަލާއިރު، ބައިނަލްއަގުވާމީ ލެވަލްގެ ރަނގަޅު ސްޓޭޑިއަމެއް ގާއިމްކުރެވޭނެ ވަރުގެ ބިމެކެވެ.

ގްރީސްގެ ޓޭބަލް ޓެނިސް ތަރި ޖިއޯނިސްއާ އެކު ޓީީޓީ އެސޯސިއޭޝަނުން ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ޓީޓީގައި ރާއްޖޭގެ ކުރިއެރުން ފާހަގަވެފައިވަނީ ރާއްޖޭގެ މީހުންނަށް އެކަންޏެއް ނޫނެވެ. ރާއްޖޭގެ ޓީޓީގެ ވާހަކަ ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަސުރުހީ އަށް ވެސް އަރައިފި އެވެ. ދުނިޔޭގެ ޓީޓީ ފެޑެރޭޝަންގެ މަތީ ފަޑީގައި ތިބި ފަރާތްތަކުގެ މެދުގައި ވެސް އެ ވާހަކަ ދެކެވޭ ހިސާބަށް ގޮސްފި އެވެ.
"އެ ފެނިފައި އެބަ ބުނޭ ޓީޓީ މިހާރު ރާއްޖޭގައި ރަނގަޅޭ. މުސްތަގުބަލެއް އެބައޮތޭ. ދެން ކޮމަންވެލްތު އެސޯސިއޭޝަންގެ ހެޑަކަށް މިހުރީ ސްޓެގް، ޓީޓީ ބްރޭންޑްގެ ބޮޑުމީހާ (ކޯލީ)، އޭނަ ވެސް ރާއްޖެ އަށް މި ލިބުނު ކާމިޔާބީގެ ސަބަބުން ވަރަށް ޝައުގުވެރިވޭ ރާއްޖޭގެ ޓީޓީ ހަރަކާތްތައް ބާއްވަން،" ޝިއުރީ ވިދާޅުވި އެވެ.
"މި ކަންކަން ވެގެންދާނީ ސަރުކާރުން ޓީޓީ އަށް ލިބުނު ކާމިޔާބީއާ ގުޅިގެން މިދިން ބޮޑު ބިމަށް ކަމެއް ކުރެވިގެން. ބަޖެޓް ވެސް ކޮށްފައި އެބައޮތް ސްޓޭޑިއަމެއް ހަދަން،"
ޝިއުރީ އާއި ޓީޓީ އެސޯސިއޭޝަނުގެ އުންމީދަކިީ ރާއްޖޭގައި މޯލްޑިވްސް އޯޕަންގެ ނަމުގައި ބޮޑު ޓީޓީ މުބާރާތެއް ބޭއްވޭ ލެވަލަށް ސަރުކާރުން ދިން ބިމުގައި ސްޓޭޑިއަމެއް ޑިވެލޮޕްކުރުމެވެ. ސަބަބަކީ އާދައިގެ ގޮތަަކަށް ހަދައިފިނަމަ ހަަމައެކަނި ލޯކަލް މުބާރާތާއި މި ސަރަހައްދުގެ ކުދިކުދި މުބާރާތްތަށް ކުޅެގެން ބޭނުންވާ ލެވަލަށް ކުރިއެރުން ނުހޯދޭނެތީ އެވެ.
"އެސޯސިއޭޝަންގެ ވިސްނުން މި ހުރީ ތަންކޮޅެއް ބޮޑަށް ފިއުޗާ އަށް. އެއީ މި ލިބިފައި އޮތް ބިމަކީ ކުރިއަށް އޮތް 50 އަހަރަށް ވެސް ލިބޭނެތަން ކަމަށް މި ބަލަނީ. އެހެންވެ، އެ ހަދާ ތަން އެބަޖެހޭ ރަނގަޅަށް ހަދަން. ހަމައެކަނި ކުރިއަށް އޮތް ފަސް އަހަރަށް ވިސްނައިގެން މި ކަމެއް ނުވާނެ،" ޝިއުރީ ވިދާޅުވި އެވެ.
ބޮޑު ސްޓޭޑިއަމެއް ބިނާކޮށްފިއްޔާ ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ކުޅިވަރު ފުޅާކުރަން ވެސް ފުރުސަތު ފަހިވެގެންދާނެ އެވެ. ޝިއުރީ ވިދާޅުވީ ރާއްޖޭގައި، މޯލްޑިވްސް އޯޕަންގެ ނަމުގައި މުބާރާތެއް ބާއްވައިފިއްޔާ "ކޮންމެ މީހަކު" ވެސް އަންނަން ބޭނުންވާނެ ކަމަށެވެ.












