ފަނަރަ ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި ބެންޗު ސްޕޯޓްސް ކުލަބާއި އެލީޓް ސްޕޯޓްސް ކުލަބު ވާދަކުރި ފޯރިގަދަ މެޗު 69-61 ޕޮއިންޓުން ބެންޗުން ކާމިޔާބުކޮށްފި އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި މިފަހަރު ހަ ޓީމު ވާދަކުރާއިރު ދެ ވަނަ ބުރުން ޖާގަ ލިބޭނީ ހަތަރު ޓީމަކަށެވެ. ލީގުގެ ފުރަތަމަ ބުރުގެ ކުޅުން މާދަމާ ނިމޭއިރު، ލަޔަނެސް އާއި ކީންސް ވަނީ މުބާރާތުން ކަޓައިފަ އެވެ. ދެ ވަނަ ބުރުން ފުރުސަތު ލިބުނު ހަތަރު ޓީމަކީ ޗެމްޕިއަން ކުއީންސް ސްޕޯޓްސް ކުލަބު، ސައިކްލޯން ބީސީ، އެލީޓް އަދި ބެންޗެވެ.
އަންހެން ޑިވިޝަންގައި އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކުރީ ބެންޗާއި ލަޔަނެސް އެވެ. އެލީޓާއި ވާދަކޮށް ލަޔަނެސް އަށް ޕޮއިންޓްގެ ތަފާތަކުން މެޗު ކާމިޔާބުކުރިއިރު، މެޗުގެ ފުރަތަަ ދެ ކުއާޓާގައި އެ ޓީމުން ތަފާތު ދެއްކި އެވެ. މިގޮތުން ތިން ވަނަ ކުއާޓާއަށް ނިކުތީ 11 ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ.
ފަހު ހާފުގައި އެލީޓް ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. އައިޝަތު އިނާޝާގެ މޮޅު ކުޅުމާ އެކު އެ ޓީމުން ފަހު ދެ ކުއާޓާގެ ސްކޯ އަށް ބަލާއިރު ތިން ޕޮއިންޓްގެ ކުރިއެރުމެއް ހޯދި އެވެ. ފުރަތަމަ ދެ ކުއާޓާގައި އޮތް ބޮޑު ލީޑުގެ ސަބަބުން މެޗުން ބެންޗު މޮޅުވި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްރާއު އަބްދުއްޝުކޫރު ބެންޗަށް މި މެޗުގައި 32 ޕޮއިންޓް ހޯދައިދިންއިރު، އިފާ އާތިފް އެ ޓީމަށް 20 ޕޮއިންޓް ހޯދައިދިނެވެ. އެލީޓްގެ އިނާޝާ ވަނީ އެ ޓީމަށް 22 ޕޮއިންޓް ސްކޯކޮށްދީފަ އެވެ.
އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު އަނެއް މެޗަށް ބަލާއިރު، ލަޔަނެސް އިން ވަނީ ކީންސް ބަލިކޮށް ލީގުގައި އެ ޓީމްގެ ފުރަތަމަ މޮޅު ހޯދާފަ އެވެ. ލަޔަނެސް މި މެޗު ކާމިޔާބުކުރީ 51-27 ޕޮއިންޓުންނެވެ. ޒުވާން ގިނަ ކުޅުންތެރިން ހިމެނޭ މި ދެ ޓީމު މި މެޗަށް ނިކުތުމުގެ ކުރިން ކުޅުނު ހުރިހާ މެޗަކުންވަނީ ބަލިވެފަ އެވެ. އަދި މި މެޗާ އެކު ދެ ޓީމަށް ވެސް މުބާރާތް ނިމުނީ އެވެ.
މެޗުގައި ދެ ޓީމަށް އެންމެ ގިނަ ސްކޯކޮށްދިން ކުޅުންތެރިންނަށް ބަލާއިރު، ލަޔަނެސްގެ އައިޝަތު ޔާނިއާ އިއުތިމާދު އެ ޓީމަށް 17 ޕޮއިންޓް ހޯދައިދިނެވެ. ކީންސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 15 ޕޮއިންޓް ހޯދައިދިން އައިޝަތު އުމޭރާ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކުރީ ރެޕްޓާސް ބީސީ އެވެ. ސްޓިންގާސް އާއި ވާދަކުރި ފޯރިގަދަ މެޗު ރެޕްޓާސް ކާމިޔާބުކުރީ 88 ޕޮއިންޓް 82 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓާއާއި ދެެ ވަނަ ކުއާޓާގައި ރަނގަޅަށް ކުޅުނީ ރެޕްޓާސް އެވެ. މިގޮތުން ދެ ކުއާޓާގެ ކުޅުން ނިމުނުއިރު އެ ޓީމް އޮތީ ނުވަ ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ. ތިން ވަނަ ކުއާޓާގައި ސްޓިންގާސް ފެނުނީ ތަފާތު މޮޅުކޮށެވެ. މި ގޮތުން އެޓީމުން މި ކުއާޓާގައި އެކަނިވެސް ރެޕްޓާސް އަށް ވުރެ 13 ޕޮއިންޓް އިތުރަށް ހޯދި އެވެ. އަދި މެޗުގެ ލީޑު ނެގި އެވެ. މި ކުއާޓާ ނިމުނުއިރު 61-65 ޕޮއިންޓުން އެ ޓީމު އޮތީ ކުރީގަ އެވެ.
ރެޕްޓާސް އިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ކުއާޓާގަ އެވެ. މި ކުއާޓާގައި އެ ޓީމުން ސްޓިންގާސް އަށް ވުރެ ދިހަ ޕޮއިންޓް އިތުރަށް ހޯދައި ހަ ޕޮއިންޓްގެ ލީޑަކާ އެކު މެޗު ކާމިޔާބުކުރި އެވެ.
މެޗުގައި ދެ ޓީމްގެ ބިދޭސީ ކުޅުންތެރިން ވެސް ތަފާތު ދެއްކިއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖެފްރީ ކޯބީ އެވެ. އޭނާ ވަނީ އެ ޓީމަށް 59 ޕޮއިންޓް ސްކޯކޮށްދީފަ އެވެ. ސްޓިންގާސްގެ ކްރިސްޓިއަން ބެއިލީ އަށް އެ ޓީމަށް އެއްކޮށް ދެވުނީ 38 ޕޮއިންޓެވެ.
މުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެ އެވެ. އެ ގޮތުން މިއަދު ހަވީރު ކުޅޭ ދެ ވަނަ ޑިވިޝަންގެ މެޗުގައި ވައިޕާސް ނުކުންނާނީ ރޯޔަލްސްއާ ދެކޮޅަށެވެ. މިރޭ ކުޅޭނީ ފުރަތަމަ ޑިވިޝަންގެ ދެ މެޗެވެ. މިގޮތުން ރެޑް ވިންގްސް ބީސީ ނުކުންނާނީ ބައުސްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ޓީރެކްސް ނުކުންނާނީ ސްޓިންގާސްއާ ދެކޮޅަށެވެ.













