ހުލާސާކޮށް އިއްޔެ: ޔޫކްރެއިންގެ މަޝްރަހާ ގުޅިގެން ދިވެހިންގެ ކަންބޮޑުވުން

ޔޫކްރެއިންގެ ވެރިރަށް ކިއޭވް. 50 އަށް ވުރެ ގިނަ ދިވެހިން އެ ގައުމުގައި ދިރިއުޅޭ. ފޮރިން މިނިސްޓްރީން އަންނަނީ އެ މީހުންގެ ހާލަތު ގާތުން ބަލަމުން -- ފޮޓޯ: އުނޮޕްސް

ޔޫކްރެއިންގެ ވެރިރަށް ކިއޭވް. 50 އަށް ވުރެ ގިނަ ދިވެހިން އެ ގައުމުގައި ދިރިއުޅޭ. ފޮރިން މިނިސްޓްރީން އަންނަނީ އެ މީހުންގެ ހާލަތު ގާތުން ބަލަމުން -- ފޮޓޯ: އުނޮޕްސް

ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާ ދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރާއެކު، ޔޫކްރެއިންގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ތިބީ ހާސްކަމެއްގައި ކަމަށް ބުނެ އެ މީހުން ކަންބޮޑުވުން ފާޅުކުރީ އިއްޔެ އެވެ.

މި ހަފްތާގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެއާއެކު، އެ ގައުމުގެ މަޝްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ. އެ ގައުމުގައި ދިރިއުޅޭ ދިވެހި ދަރިވަރުންގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ގައުމުގެ މަސްރަހު އިތުރަށް ގޯސްވެ ހަމަލާ ބަދަލުކުރަން ފަށާނެ ކަމަށް މިހާރު ބެލެވޭއިރު އެ މީހުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

"ދަރިވަރުން ތިބީ ރަޝިޔާގެ ބޯޑަރާ އެންމެ ކައިރި ސިޓީގައި. ކަމެއް ވެއްޖެއްޔާ ފުރަތަމަ އޭގެ އަސަރު ކުރާނީ މި ސިޓީ އަށް،" އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނީ އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން، ހާލަތު މޮނީޓާ ކުރުމަށާއި ދިވެހި ދަރިވަރުންނާ މުއާމަލާތް ކުރުމަށް ވަޓްސްއެޕް ގުރޫޕެއް ހަދައިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން އިއްޔެ ބުންޏެވެ. އޭގެ އިތުރުން، އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންގެ އާއިލާތަކުގެ މެމްބަރުންނާއި ވެސް އިއްޔެ ފޮރިން މިނިސްޓްރީން ބައްދަލުކޮށް ހާލަތު ކިޔައިދީފައިވެ އެވެ.

ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިނަށް މި ދަނޑިވަޅުގައި ދަތުރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

"...ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސް ކުރަމެވެ،" ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވެ އެވެ.

އަދި، މިވަގުތު އެ ގައުމުގައި ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީވުމަށް ވެސް އިއްޔެ އިލްތިމާސް ކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހަނގުރާމައެއް ފެށިއްޖެނަމަ ރާއްޖެއަށް ހީނުކުރާ ފަދަ ގެއްލުންތަކެއް ވާނެ ކަމަށް ވިދާޅުވެ އިއްޔެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޔޫކްރެއިން އަކީ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ގައުމެކެވެ. އޭގެ ތެރެއިން ވެސް ގިނައީ ސިއްހީ ދާއިރާއިން، ޑޮކްޓަރުކަން ކިޔެވުމަށް ގޮސް އުޅޭ ދިވެހިންނެވެ.

ރަޝިއާ - ޔޫކްރެއިން މައްސަލައިގެ ތަފްސީލް

ރަޝިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޔޫކްރެއިނާ އެ ގައުމާ ގުޅޭ ބޯޑަރަށް 100،000 ސިފައިން ޖަމާކުރި އެވެ. އަދި، ޖެހިގެން އައި ޑިސެމްބަރު މަހުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކަށް ރަޝިއާއިން ޑިމާންޑްތަކެއް ހުށަހެޅި އެވެ.

ޔޫކްރެއިން އާއި އުވިފައިވާ ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ގައުމުތަކަށް ނޭޓޯގެ މެމްބަރުކަން ނުދިނުމަށާއި އިރުމަތީ ޔޫރަޕުގައި ނޭޓޯއިން ކުރިޔަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުން މި ޑިމާންޑް ތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން، 1997 ގެ ފަހުން ނޭޓޯއާ ގުޅުނު ގައުމުތަކުގައި ތިބި އެ ޖަމާއަތުގެ ސިފައިން އެ ގައުމުތަކުން ބޭލުމަށް ރަޝިއާއިން ޑިމާންޑް ކުރެ އެވެ.

ޖެނުއަރީ 3، 2022 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަށް ގުޅުއްވައި ރަޝިއާއިން ހަމަލާ ދީފިނަމަ ޔޫކްރެއިންގެ ދިފާއުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމެރިކާ އާއި ރަޝިއާގެ އޮފިޝަލުން ބައްދަލުކުރެއްވުމަށްފަހު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް ރަޝިއާގެ ޑިމާންޑްތައް ގަބޫލުކުރެވެން ނެތް ކަމަށް އެމެރިކާއިން ހާމަކުރީ ޖެނުއަރީ 10، 2022 ގަ އެވެ.

ރައީސް ބައިޑެން އަދި ރައީސް ޕޫޓިން އާ ދެ ބޭފުޅުން ފެބްރުއަރީ 12، ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރެއްވި އެވެ. ހުޅަނގުގެ ގައުމުތަކުން ޑިޕްލޮމެސީ އިހުތިޔާރު ކުރާނެ ކަމުގެ ޔަގީންކަން ބައިޑެން ދެއްވި ނަމަވެސް ޕޫޓިން ވަނީ ރަޝިއާގެ ޑިމާންޑްތަކަށް އިޖާބަ ދީފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި، ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބައިޑެން ދެއްވި އެވެ.

އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން އަދި ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވަރޯވް ފޯނު މެދުވެރިކޮށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. ނަމަވެސް، މިހާތަނަށް އެފަދަ ހައްލެއް ހޯދިފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ. އަދި، ރައީސް ޖޯ ބައިޑެން ވެސް ފްރާންސްގެ ރައީސް އެމާނުއެލް މެކްރޯން އާ މި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިއްޔެ ވެސް ރަޝިއާގެ ރައީސް ވްލަޑްމިއާ ޕޫޓިން ވަނީ ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނެ ހުޅަނގުން ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އިއްޔެގެ ނިޔަލަށް ވެސް ޔޫކްރެއިންގެ ބޯޑަރުން ރަޝިއާގެ ސިފައިން ދުރަށް ޖެހިފައި ނުވާ ކަމަށް ނޭޓޯ އިން ބުނެ އެވެ. ނަމަވެސް، ރަޝިއާއިން ޑިޕްލޮމެޓިކް ހައްލެއް މިކަމުގައި ހޯދާނެ ކަމުގެ އުންމީދު އޮތް ކަމަށް ނޭޓޯ އިން ދެކެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލީ ބަޔާން ހާމަކުރަން، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމްކުރާ ފަރާތްތަކުން، އެ ބަޔާން ހާމަކުރުމުގައި ދޮގު ހައިދިފި ނަމަ 500،000ރ. ގެ ޖޫރިމަނާއަކާއި ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ބިލެއް ހުށަހެޅުއްވީ އިއްޔެ އެވެ.
  • ދުބާއީގެ ޖުމޭރާ ކުންފުނީގައި މަސައްކަތް ކުރާ ކޮރެއާއަށް އަންހެން މުވައްޒަފެއް ރާއްޖެ އައިސް އުޅެނިކޮށް އޭނާ ރޭޕްކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މައްސަލާގައި ހައިކޯޓުން ކުރި 15 އަހަރުގެ ޖަލު ހުކުމް، ރޭޕް ސާބިތުކުރުމުގެ ވަރުގަދަ އުސޫލުތަކެއް ގާއިމްކުރުމާއެކު ސުޕްރީމް ކޯޓުން ދެމެހެއްޓީ އިއްޔެ އެވެ.
  • ތިމާވެއްޓަށް ބޮޑު ގެއްލުމެއްވާނެތީ, ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިން ހިއްކުމުގެ މަޝްރޫއު، އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ) ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އިތުރު ޖަމިއްޔާތަކަކުން ގޮވާލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ސަބަބުން ރާއްޖެ އަށް ގެއްލުން ލިބޭނެ ކަމަށް ޓްވީޓް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:

"ޔޫކްރެއިންގެ މަޝްރަހާ މެދު ކަންބޮޑުވަން. ޔޫކްރެއިން އަދި ރަޝިއާ ރައްޔިތުންނަކީ ރާއްޖެ އަށް އެންމެ ގިނައިން ޒިޔާރަތްކުރާ ފަތުރުވެރިން. ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ސަބަބުން ރާއްޖެއަށް ހީވެސްނުކުރާހާ ގެއްލުންތައް ލިބިގެންދާނެ،"

ދުވަހުގެ ފޮޓޯ

ޓޫރިސްޓެއްގެ ގޮތުގައި މީގެ 50 އަހަރު ކުރިން އެންމެ ފުރަތަމަ ރާއްޖެ އައި ކުޑަކުއްޖާ ޖޯޖިއާ ކޯބިން އިއްޔެ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި. ޖޯޖިއާ ކޯބިންއަކީ ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރެއްވި އިޓަލީގެ ޖޯޖް ކޯބިންގެ އަންހެން ދަރިފުޅު. އޭނާ ރާއްޖެއާ ބެހޭ ގޮތުން ހަނދާނަކަށް ހުރީ ބައްޕަ އާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއި ފުރަތަމަ ދަތުރުރާ ބެހޭ ގޮތުން ބައްޕަ ކިޔާ ދެއްވާފައިވާ ވާހަކަތައް -- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ
ޓޫރިސްޓެއްގެ ގޮތުގައި މީގެ 50 އަހަރު ކުރިން އެންމެ ފުރަތަމަ ރާއްޖެ އައި ކުޑަކުއްޖާ ޖޯޖިއާ ކޯބިން އިއްޔެ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި. ޖޯޖިއާ ކޯބިންއަކީ ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރެއްވި އިޓަލީގެ ޖޯޖް ކޯބިންގެ އަންހެން ދަރިފުޅު. އޭނާ ރާއްޖެއާ ބެހޭ ގޮތުން ހަނދާނަކަށް ހުރީ ބައްޕަ އާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއި ފުރަތަމަ ދަތުރުރާ ބެހޭ ގޮތުން ބައްޕަ ކިޔާ ދެއްވާފައިވާ ވާހަކަތައް -- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ޓޫރިސްޓެއްގެ ގޮތުގައި މީގެ 50 އަހަރު ކުރިން އެންމެ ފުރަތަމަ ރާއްޖެ ޖޯޖް ކޯބިން (ކ) އަދި އޭނާގެ ދަރިފުޅު ޖޯޖިއާ ކޯބިން (މ) ހެލްތު މިނިސްޓަރު ނަސީމް (ވ) އާއެކު. މީގެ ފަންސާސް އަހަރު ކުރިން، 16 ޕެބްރުއަރީ 1972 ގައި އެންމެ ފުރަތަމަ ޓުއާ ގްރޫޕް ރާއްޖެ ގެންނެވި ކޯބިން، ޓޫރިޒަމް މިނިސްޓްރީގެ ހާއްސަ ދައުވަތަކަށް އިއްޔެ ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފަ -- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ދިރާސާތަކުން ކިޔާލުމަށް

"ދަ އިންފޮމޭޝަން ކަލްޗާ އޮފް ދަ މޯލްޑިވްސް: އޭން އެކްސްޕްލޮރޭޓަރީ ސްޓަޑީ އޮފް އިންފޮމޭޝަން ޕްރޮވިޝަން އެންޑް އެކްސެސް އިން އަ ސްމޯލް އައިލެންޑް ޑެވެލޮޕިން ސްޓޭޓް"

މިއީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގައި ތައުލީމް ހާސިލްކުރި އައިމިނަތު ރިޔާޒު އޭނާގެ މާސްޓާ އޮފް ފިލޯސަފީ އިން މީޑިއާ އެންޑް އިންފޮމޭޝަން ކޯހުގެ ތީސިސްގެ ގޮތުގައި ހުށަހަޅާފައިވާ ކަރުދާހެވެ. މި ތީސިސް ގައި ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމެއްގައި މައުލޫމާތު ހޯދުމަށާއި މައުލޫމަތު ލިބިގަތުމުގައި އަމަލުކުރާ ގޮތްތަކާއި ހުރި ގޮންޖެހުންތައް ދިރާސާގެ އަލީގައި ދެނެގަނެފަ އެވެ. މާލެ ފަދަ ސިޓީއެއްގައި ދިރިއުޅޭ ރައްޔިތުންނާއި ރަށްފުށުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި މައުލޫމާތު ހޯދުމާއި ލިބިގަތުމުގައި ހުރި ތަފާތުތައް ވެސް މި ދިރާސާގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox