ހަނގުރާމައެއް ފެށުމަށް ތައްޔާރުވެ ހާލަތު ގޯސްވަމުންދާ ޔޫކްރޭންގައި ކިޔަވަމުންދާ ދަރިވަރުން ތިބީ އެ ގައުމާއި ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީ ކަމަށް ދަރިވަރުން ބުނެފި އެވެ.
މި ހަފްތާގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެއާއެކު، އެ ގައުމުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ އުފެދިފަ އެވެ.
ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން މޮނީޓާކުރުމަށް ދިވެހި ދަރިވަރުންނާ މުއާމަލާތު ކުރުމަށް ވަޓްސްއެޕް ގުރޫޕެއް ހަދައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ނަމަވެސް އެ ގައުމުގައި ދިރިއުޅޭ ދިވެހި ދަރިވަރުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ގައުމުގެ މަސްރަހު އިތުރަށް ގޯސްވެ މާދަމާ ހަމަލާތައް ދޭން ފަށާނެކަމަށް މިހާރު ބެލެވޭއިރު ޔޫކްރޭންގައިތިބި ދިވެހިން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.
"ދަރިވަރުން ތިބީ ރަޝިޔާގެ ބޯޑަރާ އެންމެ ކައިރި ސިޓީގައި. ކަމެއް ވެއްޖެއްޔާ ފުރަތަމަ އޭގެ އަސަރު ކުރާނީ މި ސިޓީ އަށް،" އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ދަރިވަރުން ވަނީ ސަރުކާރުގެ ފަރާތުން އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ދަރިވަރުންނާ ދައްކާފައިނުވާކަމާއި ދިވެހި ސަރުކާރުގެ އިދާރާތަކަށް ގުޅުމަށް އެ ދަރިވަރުން އަމިއްލައަށް ނަމްބަރު ހޯދައިގެން ގުޅަން ޖެހުންކަން ފާހަގަ ކޮށްފަ އެވެ.
އެ ގައުމުގައި ތިބި ދަރިވަރުންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް ވެސް އެ ދަރިވަރުން ބުންޏެވެ.
"އަބަދުވެސް ބުނަނީ ހާލަތު ގާތުން މޮނިޓާ ކުރަމުން އަންނަ ވާހަކަ. އިތުރަށް އިރުޝާދު ދޭނެ ވާހަަކަ. ގައުމަށް ދާން ބޭނުން ކުދިނަށް އެކަމާ ވެސް އެއްވެސް މަޝްވަރާއެއް ނުކުރޭ،" ދަރިވަރުން ބުންޏެވެ.
ސަރުކާރުގެ އިދާރާތަކުން ދެމުން ގެންދަނީ ދޮގު މައުލޫމާތު ކަމަށްވެސް އެ ދަރިވަރުން ތުހުމަތު ކުރެ އެވެ. އެގޮތުން އެ ދެ ގައުމުގެ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ސަބަބުން ރާއްޖެ އަށް ގެއްލުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އެ ދަރިިވަރުން ބުނީ ރާއްޖޭގެ ދަރިވަރުންތަކެއް އެހެން ގައުމެއްގައި ހުރެ ސަރުކާރަށް "ޖެހެނީ ސަލާން ޖަހަން" ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ރައްޔިތުން، އެ މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީވުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.
އަދި އެ ގައުމަށް ދިވެހިން ދަތުރު ނުކުރުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.











