ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގައި ވައިޕާސް ބާސްކެޓްބޯލް ކްލަބާއި ޓެލަންސް ބާސްކެޓްބޯލް ކްލަބް، ޔޫއެން ފްރެންޑްސް، އަދި ރޯޔަލްސް ކުޅުނު މެޗުތަކުން މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ގައުމީ ލެވެލްގެ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ކުޅުން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.
ނުވަ ޓީމު ދެ ވަނަ ޑިވިޝަންގައި ވާދަކުރާއިރު ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި އޮތީ ވައިކިންސް ބާސްކެޓްބޯލް ކްލަބް، ރޯޔަލް ބާސްކެޓްބޯލް ކްލަބް، ނައިޓްސް ބާސްކެޓްބޯލް ކްލަބް، ވައިޕާސް ބާސްކެޓްބޯލް ކްލަބް، ވުލްވްސް ބާސްކެޓްބޯލް ކްލަބް އެވެ. ގްރޫޕް ބީގައި އޮތީ ޓެލަންސް ބާސްކެޓްބޯލް ކްލަބް، ސްޕާޓަންސް ބާސްކެޓްބޯލް ކްލަބް، ޔޫއެން ފްރެންޑްސް އަދި ހުޅުމާލެ ސްޕޯޓްސް ކްލަބް އެވެ.
މިދިޔަ ދެ ދުވަހު ކުޅުނު މެޗުތަކަށް ބަލާއިރު ގްރޫޕް އޭގައި ނައިޓްސް ބާސްކެޓްބޯލް ކްލަބާއި ރޯޔަލް ބާސްކެޓްބޯލް ކްލަބް ވާދަކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކުރީ ރޯޔަލްސްއެވެ. މި މެޗު ރޯޔަލްސް ކާމިޔާބުކުރީ 88-35 ގެ ބޮޑު ތަފާތަކުންނެވެ. ތަޖުރިބާކާރު ކުޅުންތެރިންގެ އިތުރުން ޒުވާން އުއްމީދީ ކުޅުންތެރިންނާއިއެކު ނިކުތް ރޯޔަލްސްއަށް މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަލީ މަބްރޫކެވެ.
ގްރޫޕް އޭގައި ވައިކިންސް ވަނީ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ވުލްވްސް އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ބަލިވީ ވައިޕާސް ބީސީ އާއި ވާދަކޮށް 85-57 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވައިޕާސްގެ މުހައްމަދު އަޝްހަމް އެވެ.
ގްރޫޕް ބީގައި މިހާތަނަށް ވަނީ ދެ މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ޔޫއެން ފްރެންޑްސް ވަނީ ވާދަވެރި ކުޅުމަކަށް ފަހު ހުޅުމާލެ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފަ އެވެ. މި މެޗު ޔޫއެން ފްރެންޑްސް އިން ކާމިޔާބުކުރީ 76-60 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫއެން ފްރެންޑްސްގެ ހަސަން ފާރިޝް އެވެ.
ގްރޫޕް ބީގެ ދެ ވަނަ މެޗުގައި ވާދަކުރީ ޓެލަންސް ބީސީ އާއި ސްޕާޓަންސް ބީސީ އެވެ. މިހާތަނަށް ލީގުގައި ފެނުނު އެންމެ ފޯރިގަދަ މެޗު ސްޕާޓަންސް އިން ކާމިޔާބުކުރީ އެންމެ ހަތަރު ޕޮއިންޓްގެ ތަފާތުންނެވެ. އެއީ 59-54 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޕާޓަންސްގެ މުހައްމަދު ޖިނާން އަބްދުﷲ އެވެ.
މުބާރާތުގައި މިއަދު ކުރިއަށްދާނީ ފުރަތަމަ ޑިވިޝަންގެ މެޗުތަކެވެ. މިއަދު ހަވީރު ކުޅޭ އަންހެން ޑިވިޝަންގެ މެޗުގައި ވާދަކުރާނީ ޗެމްޕިއަން ކުއީންސް ބީސީ އާއި ލަޔަނެސް ސްޕޯޓްސް ކުލަބެވެ. މިރޭ ކުޅޭނީ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ޓީރެކްސް ބީސީ ނުކުންނާނީ ބައުސް ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ރެޑްވިންގްސް ބީސީ ނުކުންނާނީ ރެޕްޓާސް ބީސީ އާއި ދެކޮޅަށެވެ.













