އެތެރެކުރުން މަނާ ދޫނިތަކެއް މަރާލި މައްސަލައިގައި އާންމުންގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެކަން ކުރީ އޮންނަ އުސޫލުގެ ތެރެއިން ފުރުސަތުތައް ދިނުމަށް ފަހު ބަންޑާރަ ނައިބުގެ ލަފާ ހޯދައިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ދޫނިތަކުގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މަރުވެފައިވާ ދޫނިތައް ހުރީ ބިންމަތީގައި އަތުރާލާފަ އެވެ. އޭގެ ތެރެއިން ބައެއް ދޫނިތައް ހުރީ ކޮތަޅުތަކަށްލާ ބަންދުކޮށްފަ އެވެ.
މަރާލި 120 ދޫނީގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގައި ނެތިދާނެ ކަމުގެ ބިރު ބޮޑު ލިސްޓުގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނޫނީ އެމެޒޯނާ ފެރިސޯނާގެ ދޫނިތަކެއް ހިމެނެ އެވެ. އެކަމަކު އެތަނުގައި ހުރި ހުރިހާ ބާވަތެއްގެ ދޫންޏަކީ ކޮން ވައްތަރުތަކެއް ދޫނި ކަމެއް ސާފެއް ނުވެ އެވެ.
ފިޝަރީޒް މިނިސްޓްރީގެ "ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދު" ބުނާ ގޮތުން އެ ގަވާއިދާ ހިލާފަށް އެތެރެކުރާ ދޫނިތައް ކޮންފިސްކޭޓްކޮށް ނައްތާލުމުގެ ބާރު ފިޝަރީޒް މިނިސްޓްރީ ދަށުން އޮންނަ ޕްލާންޓު އެންޑް ކަރަންޓީން ސާވިސަސްއަށް ލިބެ އެވެ.
އެ ގަވާއިދާ ހިލާފަށް އެތެރެކުރާ ދޫނިތަކުގެ ގޮތުގައި އެތެރެކުރުން މަނާ ލިސްޓުގައި ހިމެނޭ ދޫނިތަކާއި ކަނޑައަޅާފައިވާ ޝަރުތުތައް ހަމަނުވާ ދޫނިތަކާއި އޮންނަ އުސޫލުގެ ތެރެއިން މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނުނަގާ އެތެރެކުރާ ދޫނިތައް ހިމެނެ އެވެ.

titledesc
އަނބުރާ ފޮނުވާލަން ހަތަރު މަސް، ގެނައި ފަރާތުން އަޅައެއް ނުލި
މި ދޫނިތައް މަރާލި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ގިނަ މީހުން ވަނީ މިކަމުގައި ފިޝަރީޒް މިނިސްޓްރީން އަމަލުކުރީ "އަނިޔާވެރި" ކޮށް ކަމަށެވެ. އަދި މި ނޫން ގޮތަކަށް މިކަން ކުރެވޭނެ ކަމަށާއި ގަވާއިދާ ހިލާފުވެގެން ވެސް މި ނޫން ގޮތެއް އޮންނަން ޖެހޭ ކަމަށް ބުނެ މީހުން ދަނީ މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ.
އެކަމަކު މިނިސްޓްރީން ބުނި ގޮތުގައި މިކަމުގައި މިނިސްޓްރީން އަމަލުކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ފަހު އެވެ.
މިކަމުގެ މައުލޫމާތު ދެމުން ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސެއިން "އަދަދު" ނޫހަށް ވިދާޅުވީ މި ދޫނިތައް އެކްސްޕޯޓު ކުރި ފަރާތަށް އަނބުރާ އައި ގައުމަށް ފޮނުވާލަން (ރީއެކްސްޕޯޓު ކުރަން) ފުރުސަތު ދިން ކަމަށެވެ.
"ހަތަރު މަސް ދުވަސް މި ދޫނިތައް ހުރީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީނުގައި. އެ މުއްދަތުގެ ތެރޭގައި މިނިސްޓްރީން މި ހުރިހާ ދޫންޏަކަށް ކާންދީ ބޯންދީ އަޅާލުން ދިނީ." އޭނާ ވިދާޅުވި އެވެ.
ނަސްރު ވިދާޅުވީ ގޮތުގައި މި ދޫނިތައް އެތެރެކުރި ފަރާތަށް ތަކުރާރުކޮށް ރީ-އެކްސްޕޯޓު ކުރަން ފުރުސަތު ދިނުމުން ވެސް އެ ފުރުސަތުގެ ބޭނުން ނުހިފި އެވެ.
އެނގިފައިވާ ގޮތުގައި މި ދޫނިތަކަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކަސްޓަމުން ހިފެހެއްޓި ދޫނިތަކެކެވެ. މި ދޫނިތައް އެތެރެކުރީ ފުޅާ ދާއިރާއެއްގައި ދޫންޏާއި އެހެނިހެން ޖަނަވާރު އެތެރެކުރާ ޕެޓް ސްޓޯރަކުންނެވެ.













