ބެލްގްރޭޑް، ސާބިއާ (ފެބްރުއަރީ 4) - ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް, އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން މިދިޔަ މަހު އެ ގައުމަށް ގޮސް ހުއްޓައި، ދެ ވަނަ ފަހަރަށް ވިސާ ކެންސަލްކޮށް އެ ގައުމުން ޑީޕޯޓްކޮށްލި މައްސަލައިގައި ކަންތައް ހިނގާދިޔަ ގޮތުގެ ހަގީގަތް ކުރިއަށް އޮތް 10 ދުވަސް ތެރޭ ހާމަކުރާނެ ކަމަށް ޖޮކޮވިޗް ބުނެފި އެވެ.
މިދިޔަ މަހު ހަތަރު ވަނަ ދުވަހު އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ޖޮކޮވިޗް، 34، އޮސްޓްރޭލިއާ އަށް ދިޔަ ތަނުން އެއާޕޯޓުގައި މަޑުކޮށް އޭނާގެ ވިސާ އެންމެ ފުރަތަމަ ކެންސަލްކޮށްލި މައްސަލަ ކޯޓަށް ހުށަހަޅައިގެން އޭނާ ކާމިޔާބު ހޯދިއެވެ. އެ ފަހަރު ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލީ ޖޮކޮވިޗް ކޮވިޑް ވެކްސިން ޖެހިކަމުގެ މައުލޫމާތު ދީފައިނުވާތީ އެވެ.
ފުރަތަމަ ހުށަހެޅި މައްސަލައިގައި ކޯޓުން ޖޮކޮވިޗަށް ކާމިޔާބުވީ ވެކްސިން މައުލޫމާތު ދީފައިނުވި ނަަމަވެސް ޖޮކޮވިޗް އަށް ޑިސެމްބަރު މަހު 16 ވަނަ ދުވަހު ކޮވިޑް ޖެހިފައިވާތީ، މެޑިކަލް އެގްޒެމްޕްޝަންގެ ތެރެއިން ވިސާ ލިބޭ ގޮތަށް އޮތުމުންނެވެ.
އެކަމަކު، ޖޮކޮވިޗްގެ ވިސާ އެޕްލިކޭޝަނުގައި ދީފައި ހުރި މައުލޫމާތު ދިމާނުވާތީ ފަހުން އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރު އަލެކްސް ހޯކް އަށް ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ބޭނުންކުރައްވައި ވަނީ ޖޮޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްފަ އެވެ. ޖޮކޮވިޗްގެ ގާނޫނީ ޓީމުން އެ މައްސަލަ ވެސް ކޯޓަށް ވެއްދިއިރު، ކޯޓުން ދެ ވަނަ ފަހަރަށް ނިންމީ ޖޮކޮވިޗާ ދެކޮޅަށެވެ. ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލަން އޮސްޓްރޭލިއާގެ އިމިގްރޭޝަނުގެ ނިންމުން ކޯޓުގެ ތިން ފަޑިޔާރުންގެ އިއްތިފާގުން ދެމެހެއްޓީ އެވެ.
އޭގެ ފަހުން އޭނާ މުބާރާތުގައި ނުކުޅެވޭގޮތަށް ޑީޕޯޓްކޮށްލީ އެވެ. އޭރު އޮތީ ޖޮކޮވިޗް ލައިގެން މުބާރާތުގެ މެޗު ޝެޑިއުލް ވެސް ނެރެފަ އެވެ.

ސާބިއާގެ ރައީސް ވުސިކް (ކ) އާއި ޖޮކޮވިޗް ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ
ވިސާ މައްސަލައިގައި އޮސްޓްރޭލިއާ އިމިގްރޭޝަން ޑިޓެންޝަނުގައި ހުރިއިރު، ސާބިއާގެ ސަރުކާރުން ޖޮކޮވިޗަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުން ދާދި ފަހުން އޭނާ ވަނީ ސާބިއާގެ ރައީސް އަލެކްސަންޑަ ވުސިކްއާ ބައްދަލުކޮށްފަ އެވެ.
ޖޮކޮވިޗް ބުނީ އޮސްޓްރޭލިއާގައި ކުރަން ޖެހުނު ތަޖުރިބާތަކުގެ ތެރޭގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ އުފަން ގައުމު ކަމަށްވާ ސާބިއާގެ ރައްޔިތުންނާއި ސަރުކާރުން ދިން ސަޕޯޓުން ކަމަށެެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި 358 ހަފްތާ ގުނަމުން އަންނަ ޖޮކޮވިޗް ބުނީ އޮސްޓްރޭލިއާގައި ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ އެކި ގޮތްގޮތަށް ދެކެވެމުން އަންނަ ކަމަށާއި އޭނާގެ ފަރާތުން ވެސް "ހަގީގަތް" ކިޔައިދޭން ބޭނުންވާ ކަމަށެވެ.
"އަހަރެން ކެތްކޮށްގެން ހުރީ. އެކަމަކު، ކުރިއަށް އޮތް ހަތެއް ނޫނީ 10 ދުވަސް ތެރޭ މީޑިއާ އަށް އަހަރެންގެ ފަރާތުން އިވެންޖެހޭ ވާހަކަ ކިޔައިދޭނަން. އެއީ އަހަރެން ބުނަން ބޭނުންވާ ވާހަކަތައް ވެސް މީޑިއާގައި ތިލަވާން ޖެހޭ،" ސާބިއާގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޖޮކޮވިޗް ބުންޏެވެ.
ސާބިއާގެ ރައީސް ވުސިކް ވިދާޅުވީ ޖޮކޮވިޗް އޮސްޓްރޭލިއާގައި ކުރި "ހަނގުރާމަ" އަކީ ހަމައެކަނި އޭނާ އަށް ޓަކައި ކުރި ކަމެއް ނޫން ކަމަށާއި ސާބިއާގެ ކޮންމެ މީހެއްގެ ހައްގަށްޓަކައި ކުރި ކަމެއް ކަމަށެވެ.
ޖޮކޮވިޗްގެ ގާނޫނީ ޓީމުން އޮސްޓްރޭލިއާގެ ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ޑިސެމްބަރު 16 ވަނަ ދުވަހު ޖޮކޮވިޗްގެ ކޮވިޑް ޕޮޒިޓިވް ޓެސްޓަކާއި 23 ވަނަ ދުވަހުގެ ނެގެޓިވް ޓެސްޓެއް ހިމެނެ އެވެ. އެ ދެ ޓެސްޓް ކުރި މުއްދަތާއި އެ ޓެސްޓްތަކުގެ ސައްހަކަމާ މެދު ގިނަ ބަޔަކު ސުވާލުކުރަމުން އަންނައިރު، ސާބިއާގެ ސިއްހީ އޮފިޝަލުންނާއި ޕްރޮސެކިއުޓަރުން ވަނީ އެ ދެ ޓެސްޓަކީ ވެސް ސައްހަ ޓެސްޓްތަކެއް ކަމަށް ބުނެފަ އެވެ.












