އަންނަ ހަފްތާގައި ފަށަން ނިންމާފައި އޮތް ދިވެހި ޕްރިމިއާ ލީގު މި މަހު 16 ވަނަ ދުވަހު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެފްއޭއެމްް އިން އެންމެ ފުރަތަމަ ނިންމާފައި އޮތީ އަންނަ އާދިއްތަ ދުވަހު ހަވީރު، ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާގޮތަށެވެ. އެކަމަކު، އެފްއޭއެމުން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ކްލަބްތަކަށް އަންގާފައިވަނީ ދިވެހި ޕްރިމިއާ ލީގު ފެށުން މި މަހު 16 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
ލީގު ފަސްކުރުމާ ބެހޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، މިރޭ "އަދަދު" އަށް ވިދާޅުވީ ލީގު ފެށުމުގެ ކުރިން ނިންމަން ޖެހޭ ގިނަ މަސައްކަތްތަކެއް ކުރަން ވަގުތު ބޭނުންވާތީއާ އެކުގައި ލީގު ފެށުން މި ވަގުތަށް ފަސްކުރީ ކަމަށެވެ.
މިހާރު އޮތްގޮތުން ލީގު ފަށާނީ މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ފަށުގެ ޔޫތު ޗެމްޕިއަންޝިޕް ނިންމާލުމަށް ފަހު އެވެ. މި މަހު 13 ވަނަ ދުވަހު ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅެން އެފްއޭއެމުން މަަސައްކަތް ކުރަމުން އަންނަނީ ފ. ނިލަންދޫ ޓާފް ދަނޑުގަ އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށީ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުންނެވެ. ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކްލަބެއް ލައިގެން ޕްރެޒިޑެންޓްސް ކަޕް ލީގު ބުރެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށް ކުޅުނުއިރު، ފައިނަލް މެޗު އޮތީ ރ. އަލިފުށީ ޓާފް ސްޓޭޑިއަމްގަ އެވެ.
މިދިޔަ މަހު 23 ވަނަ ދުވަހު ކުޅުނު ފައިނަލްގައި ވެލެންސިއާ އިން ވަނީ 2-1 އިން މާޒިޔާ ބަލިކޮށްފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ލ.ގަމު ޓާފް ސްޓޭޑިއަމްގައި ކުޅެވޭތޯ އެފްއޭއެމުން ކުރި މަސައްކަތް މި ވަގުތު ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ. އެއީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ލ.ގަން މޮނިޓަރިންގައި އޮތުމުންނެވެ.












