މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 29) - އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި، އެޝްލެއި ބާޓީ 44 އަހަރުވީ ދިގު އިންތިޒާރަށް ނިމުން ގެނެސްފި އެވެ.
މީގެ ކުރިން އޮސްޓްރޭލިއާ އަށް އުފަން ކުޅުންތެރިއަކު އޮސްޓްރޭލިއަން އޯޕަންގެ ސިންގަލްސް ޓްރޮފީ ހޯދީ މީގެ 44 އަހަރުކުރިންނެވެ. އެ ކާމިޔާބީ ހޯދީ 1978 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސް ކާމިޔާބުކުރި ކްރިސްޓީން އޮނީލް އެވެ.
އޮސްޓްރޭލިއާ އަށް އުފަން ބާޓީ މި ފަހަރުގެ މުބާރާތުގެ ތަށި އުފުލާލައި އެ އިންތިޒާރު ނިންމައިލީ އެވެ. ފައިނަލުގައި ބާޓީ މޮޅުވީ އެމެރިކާގެ ޑަނިއޭލޭ ކޮލިންސް ބަލިކޮށްފަ އެެވެ. މެޗުގެ ސެޓުތައް ދިޔައީ 6-3 7-6 (7-2) އިންނެވެ.
މި މެޗުގެ ދެ ވަނަ ސެޓުގައި ކޮލިންސް ވަރަށް ބޮޑު ލީޑެއްގައި އޮތެވެ. އެކަމަކު، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި މި ވަގުތު އޮތް ބާޓީ ފެނުނީ ވަރުގަދަ ރޫހެއްގައި ކުޅެލިތަނެވެ.

ޕޮއިންޓެއް ލިބުމުން ބާޓީ އުފާފާޅުކުރަނީ: ދެ ވަަނަ ސެޓުގައި ފަހަަތުން އަރައި މޮޅުވެ ތަފާތު ދެއްކި.
އޮސްޓްރޭލިއަން އޯޕަން އަކީ އުމުރުން 25 އަހަރުގެ ބާޓީ އަށް ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ލިބުނު ތިން ވަނަ ކާމިޔާބީ އެވެ. އޭނާ އެންމެ ފުރަތަަމަ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރީ 2019 ވަނަ އަހަރު ފްރެންޗް އޯޕަން އެވެ. އޭގެ ފަހުން މިދިޔަ އަހަރު ބާޓީ ވަނީ ވިމްބަލްޑަން ކާމިޔާބުކޮށްފަ އެވެ. ބާޓީ އަކީ ސެރީނާ ވިލިއަމްސް ފިޔަވައި މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ތަފާތު ތިން ގްރޭންޑް ސްލޭމް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ އެެވެ.
ބާޓީ ބުނީ ގިނަ އަހަރުތަކަކަށް ފަހު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި އެ ގައުމަށް އުފަން ކުޅުންތެރިއާގެ ޝަރަފް ލިބުމަކީ ޓެނިސް ކެރިއަރުގައި އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމެއް ކަމަށެވެ. އަދި އޮސްޓްރޭލިއަން އޯޕަން ޓްރޮފީ ލިބުމަކީ މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ބާޓީ ވަނީ ބުނެފަ އެވެ.












