މާސްކު ނާޅާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މި މަހުގެ ހަވަނަ ދުވަހު ރައީސް އޮފީހުން ދީފައިވާއިރު، ފާއިތުވެ ދިޔަ 19 ދުވަހުގެ ތެރޭގައި 1900 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން، ކޮވިޑާ ގުޅިގެން އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު މާސްކު އަޅަން ސަރުކާރުން މަޖުބޫރުކުރީ 30 ސެޕްޓެމްބަރު 2020 ވަނަ ދުވަހު އެވެ. މާސްކު ނާޅާ ނުކުމެ އުޅޭ ނަމަ 1،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެ އެވެ. ނަމަވެސް ބަލި ފެތުރުން ދަށަށް ދިއުމާއެކު އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ލުއިތަކެއް ދިނެވެ.
އާ އަހަރާއި އެކު ކޮވިޑަށް ގިނަ ބަޔަކު ޕޮޒިޓިވްވާން ފެށުމާއި އެކު އެ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު، "އަދަދު" އަށް ފުލުހުން ދިން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ހަވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ، މާލެ އަދި ވިލިމާލެ އިން ޖުމްލަ 1933 މީހަކު މާސްކް ނާޅާ އުޅުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވެ އެވެ.
އެ އިދާރާއިން ބުނީ އެ މުއްދަތުގައި ކަރަންޓީނުގައި ހުރި މީހަކުވެސް އުސޫލުތަކާއި ހިލާފުވުމުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 1،609 މީހަކު ޖޫރިމަނާ ކޮށްފަ ވާއިރު، އޮކްޓޯބަރު މަހު 1533 މީހަކު ޖޫރިމަނާކޮށްފައި ވާކަމަށް މި ނޫހަށް މީގެ ކުރިން ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު މިހާރު ގޯސްވަމުން ދާއިރު، މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 2،500 އިން މަތީގަ އެވެ. 125 ހާސް މީހުންނަށް ވުރެ ގިނަ މީހުންނަށް މިހާރު ބަލި ޖެހިފައި ވާއިރު، އޭގެ ތެރެއިން 57 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.
މިހާތަނަށް މި ބަލީގައި ރާއްޖެއިން ޖުމްލަ 274 މީހަކު ވަނީ މަރުވެފަ އެވެ.












