މާޒިޔާގެ ކޯޗުކަމުން މޯހަން ވަކިކޮށްފި

މާޒިޔާގެ ކޯޗުކަމުން މޯހަން ވަކިކޮށްފި

ޕްރެޒިޑެންޓްސް ކަޕްގެ ފަހު މެޗުތަކުގައި ނުކުތް ދަށް ނަތީޖާތަކަށް ފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މަގާމުން ވަކިކޮށްފި އެވެ.

މޯހަން އަށް މާޒިޔާގެ ވަޒީފާ މި ގެއްލުނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފައިވަނިކޮށެވެ. މާޒިޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯހަން ވަކިކުރަން ނިންމި ނިންމުމަކީ އެ ކްލަބްގެ ބޯޑުން ނިންމަން ޖެހުނު އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު، ކްލަބްގެ މި ވަގުތުގެ ހާލަތަށް ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ އާ ކޯޗަކާ އެކު ކުރިއަށް ދިއުން ކަމަށް ފެންނާތީ އެ ގޮތަށް ނިންމީ ކަމަށް މާޒިޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މާޒިޔާ އިން ވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކޯޗެއް ހަމަޖެހުމުން އެކަން މީޑިއާ އަށް ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު 28 ވަނަ ދުވަހު މާޒިޔާގެ ކޯޗަކަށް ގެނައި މޯހަން އެ ޓީމު ގޮވައިގެން ސީޒަނަށް ތައްޔާރުވާން ނ.ކެނދިކުޅުދޫގައި ވަނީ ޓްރެއިނިން ކޭމްޕެއް ޖަހައި މެޗުތަކެއް ކުޅެފަ އެވެ. ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު މާލެ އައިސް ޑިސެމްބަރު މަހު 15 ވަނަ ދުވަހު ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ 5-0 އިން ކްލަބް ވެލެންސިއާ ބަލިކޮށްފަ އެވެ.

އެ ފޯމުގައި ޕްރެޒިޑެންޓްސް ކަޕް ފަށައި ފުރަތަމަ ފަސް މެޗުން މޮޅުވި އެވެ. އެއީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޓީސީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، އަދި ކްލަބް އީގަލްސް އަތުންނެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސް އަތުން 2-0 އިން ވެލެންސިއާ އަތުން 1-0 އިން ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން ޕްރެޒިޑެންޓްސް ކަޕް ފައިނަލުގެ ޖާގަ މާޒިޔާ އަށް ލިބުނެވެ.

މިދިޔަ އާދިއްތަ ދުވަހު ރ. އަލިފުށީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި ވެސް މޯހަންގެ ކޯޗުކަމުގައި މާޒިޔާ ވަނީ 2-1 އިން ވެލެންސިއާ އަތުން ބަލިވެފަ އެވެ. މާޒިޔާ ފުރަތަމަ ޑިވިޝަނުގެ ހުރިހާ ތަށްޓަކަށް ވާދަކުރާ ޓީމެއްގެ ގޮތުގައި ނުކުންނަން ފެށި ފަހުން އެ ޓީމު މިހާތަނަށް ޖެހިގެހިގެން ތިން މެޗުން ބަލިވެފައިމިވަނީ ފުރަތަމަ ފަހަރަށެވެ. މޯހަން އަށް މާޒިޔާގެ ވަޒީފާ ގެއްލުނީ ސަބަބަކީ އެއީ ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ.

މާޒިޔާ އިން މިދިޔަ ސީޒަނުގައި ވެސް ފެށީ ދިވެހި ކޯޗަކާ އެކު އެވެ. ޗެރިޓީ ޝީލްޑް މެޗާއި ލީގުގެ ތިން މެޗުގައި ކޯޗުކޮށްދިނީ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ނިޒާމްބެގެ ކޯޗުކަމުގައި މާޒިޔާ ވަނީ ޗެރިޓީ ޝީލްޑް މެޗުގައި 3-2 އިން އީގަލްސް އަތުން ބަލިވެފަ އެވެ. އޭގެ ފަހުން ލީގުގައި ނިޒާމްބެ ވަނީ މާޒިޔާ ގޮވައިގެން ގްރީން ސްޓްރީޓްސް އާއި ޔޫވީ ބަލިކޮށްފަ އެވެ. އެކަމަކު، ވެލެންސިއާ އަތުން ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު މާޒިޔާ މެނޭޖްމަންޓާ ވާހަކަ ދެއްކުމަށް ފަހު ދެ ފަރާތް އެއްބަސްވެގެން ވަނީ ކޮންޓްރެކްޓް އުވާލައިފަ އެވެ.

ނިޒާމްބެ އަށް ފަހު މާޒިޔާ އިން ގެނައީ ސާބިއާގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ރިސްޓޯ ވިޑަކޮވިޗް އެވެ. ވަނީ އެ ޓީމާ އެކު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ފުރިހަމަކޮށް އިންޑޮނީޝިއާގެ ކްލަބް ބޯނިއޯއާ ގުޅިފަ އެވެ.

ރ. އަލިފުށީގައި ކުރިއަށް ދިޔަ މާޒިޔާގެ ޕްރެކްޓިހެއްގެ ތެެރެއިން މޯހަން.-- ފޮޓޯ: އަދަދު

ބިދޭސީ ކޯޗަކަށް އަނެއްކާ ވެސް ނުގޮސް މާޒިޔާ އިން ދިވެހި ކޯޗަކާ އެކު ފަށަން ނިންމައި މޯހަން ގެނައީ އެވެ. އެކަމަކު، މޯހަން އަށް ވެސް މާ ގިނަ ދުވަހު މަގާމުގައި ހުރެވޭ ގޮތެއްނުވި އެވެ.

ޕްރޯ ލައިސަންސް ކޯޗު މޯހަން މި ވަނީ އެއް އަހަރު ތެރޭ ތިން ކްލަބެއްގެ ވަޒީފާ އިން ވަކިވެފަ އެވެ. މިދިޔަ އަހަރު ޖެނުއަރީ 16 ވަނަ ދުވަހު އީގަލްސްއާ އެކު މޯހަން ހަދާފައިވާ އެއްބަސްވުން ވަނީ އުވާލައިފަ އެވެ. އޭގެ ތިން ދުވަސް ފަހުން ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސަސް އަށް މޯހަން ބަދަލުވި އެވެ. ސަސްއާ އެކު މޯހަން ހަދާފައިވާ ކޮންޓްރެކްޓް އުވާލީ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ. އޭގެ އަށް ދުވަސް ފަހުން މާޒިޔާއާ އެކު މޯހަން ކޮންޓްރެކްޓް ހެދީ މި ސީޒަނަށެވެ. އެކަމަކު، ނުވަ މެޗަށް ފަހު މޯހަން މި ވަނީ މާޒިޔާ ކޯޗުކަމުން ވަކިވާން ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox