ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވި ދެ ކުއްޖެއްގެ މަންމައަކީ ދިވެއްސެއް ކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން އިއްޔެ އަލަށް ނިންމައިފި އެވެ،
ދަރިން ސާބިތު ކުރުމަށް ފެމިލީ ކޯޓަށް ހުށަހަޅާފައި ވަނީ ސީރިޔާގައި ގޮސް އެތަނުގައި ވިހެއި ކަމަށް ބުނާ ދިވެހި އަންހެނެކެވެ. އެ ކުދިންނަކީ 2015 އަދި 2017 ވަނަ އަހަރު އޭނާ ވިހެއި ކުދިން ކަމަށްވެ އެވެ.
އެ ދެ ކުދިންގެ ޑީއެންއޭ އާއި އަންހެން މީހާގެ ޑީއެންއޭ އަޅާ ކިޔުމަށް ފަހު ކޯޓުން ނިންމީ އެއީ ސީރިޔާއަށް އުފަންވި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިން ކަމަށެވެ.
އެ ދެ ކުދިންގެ ބައްޕައަކީ ކާކުކަން އަދި އެއީ ދިވެއްސެއްކަން ނުވަތަ ނޫންކަން ވެސް އެނގިފައެއް ނުވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މިދިޔަ އަހަރުގެ ޑިސެމްބަރު 15، ގައި ގެނައި އިސްލާހުގެ ބުނާ ގޮތުން ހަނގުރާމައިގެ މައިދާނުގައި ލިބޭ ކުދިން އަނބުރާ ރާއްޖެ އައުމުގެ ކުރިން އެ ކުދިންގެ އުފަންވުން ރާއްޖޭގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

އެކަން ކުރަން އެ ކުއްޖާގެ ބެލެނިވެރިން ނޫނީ ބެލެނިވެރިން ހަމަޖައްސާ ޕަވާ އޮފް އެޓާނީ ފުރަތަމަ ދާން ޖެހޭނީ ފެމިލީ ކޯޓަށެވެ. އެހެންކަމުން އިއްޔެ ހުކުމް ކުރި މައްސަލައިގައި ހިމެނޭ ދިވެހި އަންހެން މީހާ އާއި އޭނާގެ ދަރިން ތިބީ ރާއްޖޭގައިކަން އެނގޭކަށް ނެތެވެ.
މިއީ ދިވެހި ރައްޔިތަކަށް އުފަން ދެ ކުދިން ކަމަށް ނިންމާފައިވާއިރު މިފަދަ ކުދިން ދިވެހި ރައްޔިތުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގައި އަމަލުކުރަން ޖެހޭ ހާއްސަ އުސޫލު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އާންމުކުރީ މި ހަފްތާގެ އާދިއްތަ ދުވަހު އެވެ. އެގޮތުން، ކޯޓުން މައްސަލާގައި ގޮތެއް ނިންމާތާ ހަތަރު ދުވަހުގެ ތެރޭ، މައްސަލަ ނިންމި ގޮތުގެ ރިޕޯޓާއެކު އެ ކުދިންގެ އުފަންދުވަހުގެ ސެޓިފިކެޓް ހަދަން ހުށަހަޅަން ޖެހެ އެވެ.
ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ އަދަދު ސީދާ ކަނޑައެޅިގެން އެނގިފައި ނުވި ނަމަވެސް ރާއްޖެއަށް ނިސްބަތްވާ މީހުންނާއި އެ މީހުންގެ ދަރިން ވެސް އެކި ރެފިއުޖީ ކޭމްޕްތަކުގައި ތިބި ކަމަށް ތަފާތު މަސްދަރުތަކުން މައުލޫމާތު ދެ އެވެ. އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންނާއި ކުދިން ބަންދުކުރެވޭނެ ހާއްސަ އިޖުރާއަތްތަކެއްވެސް ހޯމް މިނިސްޓްރީން ވަނީ ވަރަށް ފަހުން އެކުލަވާލާފަ އެވެ.
މުހިންމު ބައެއް ހަބަރުތައް
- ޕޭމަންޓް ސިސްޓަމުގެ ގާނޫނުގެ ދަށުން ޕޭމަންޓުގެ ހިދުމަތް ދިނުމަސް އުރީދޫ އަދި ދިރާގަށް ލައިސެންސެއް ދޫކޮށްފައިވާނެ ކަމަށް އެމްއެމްއޭ އިން ބުނީ އިއްޔެ އެވެ.
- ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުމަށްފަހު ދެ ހަފްތާ ފާއިތުވަންދެން އެހާ ބުރަކޮށް ކަސްރަތު ނުކުރުމަށް ދިވެހިރާއްޖޭގެ މަޝްހޫރު ޑޮކްޓަރު އަހުމަދު ފައިސަލް އިލްތިމާސް ކުރެއްވީ އިއްޔެ އެވެ.
- ބަލިމަޑުކަމާ ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތައް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ނުޖުހާ ފަރާތްތަކަށް، ލުނި ނުކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނީ ވެސް އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ހޯމް ސްޓޭ ވިޔަފާރި ދިރާސާ ކުރުމަށް ޓުއަރިޒަމް މިނިސްޓްރީގެ ޓީމެއް ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ދަތުރުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓާ އަލީ ރައްޒާން ވިދާޅުވީ:
"ފަސް ވަރަކަށް ކޮޓަރީގެ ގެސްޓު ހައުސް އެއް ހަދަން ވެސް ފަސް ވަރަކަށް މިލިއަން ރުފިޔާ އެބަ ހަރަދުވޭ، އެހެން ވީމަ ދުރު އަތޮޅު ތަކުގައި ގެސްޓު ހައުސް އަށް އިންވެސްޓު ކުރަން މީހުން ފަސް ޖެހޭ، ހޯމް ސްޓޭއާއަކު ކޮންމެ ގެއަކުން ވެސް އެއް ކޮޓަރިން ފަށާފައި ޖެހިގެން އަންނަ އަހަރު ކޮޓަރި އިތުރު ކުރެވިދާނެ."
ދުވަހުގެ ފޮޓޯ

ބ. ތުޅާދޫ ދެމަފިރިއަކު މޫދު ކައިރީގައި މަސް ބާނަނީ: ތުޅާދޫއަކީ މަސްވެރި އަދި މަހުން އާމްދަނީ ހޯދާ މީހުން ގިނަ ރަށެއް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ޖެންޑާ ޑައިމެންޝަންސް އޮފް ކްރިމިނަލް ޖަސްޓިސް ރެސްޕޮންސާސް ޓު ޓެރަރިޒަމް"
އެއީ ޓްރެއިނިން މޮޑިއުލެއްގެ ގޮތުގައި ބޭނުން ކުރުމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ފަރާތުން ތައްޔާރުކޮށްފައިވާ ކަރުދާހެކެވެ. އެ ކަރުދާހުގައި، ހަރުކަށި ފިކުރާއި ޓެރަރިޒަމުގެ ސަބަބުން އަންހެނުންނަށް ލިބޭ ގެއްލުމާއި އެފަދަ ކުށްތަކުގެ އަނިޔާ ލިބޭ ފަރާތަށް އަންހެނުންވާ ސަބަބުތަކަށް ބަލާފައިވެ އެވެ.













