އާ ގިނަ ކުޅުންތެރިންނާ އެކު ގައުމީ ޖޫނިއާ ޓޭބަލް ޓެނިސް ޓީމު ކުރިއަށް އޮތް ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕަށް ތައްޔާރުކުރުމަކީ ބޮޑު ޗެލެންޖެއް ކަމަށް ގައުމީ ޓީމްގެ ކޯޗު ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) ބުނެފި އެވެ.
މާޗް މަހުގެ 20 އިން 22 އަށް މާލޭގައި އޮންނަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕްގެ ތައްޔާރުވުމަށް ފަރިތަކުރުންތައް ގައުމީ ޖޫނިއާ ޓީމުން ފަށާފައިވަނީ މި ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
މުބާރާތަށް ޖޫނިއާ ޓީމު ތައްޔާރު ކުރުމަށްޓަކައި ކޮސްޓޯ މާލެ އައިސްފައިވަނީ މި ޖެނުއަރީ މަހުގެ ކުރީކޮޅުގަ އެވެ. ކޯޗު ރާއްޖެ އައިސްފައި މި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭނާ އަށް ފުރަތަމަ ހަވާލުވެފައި މި އޮތީ ސަރައްހައްދީ ގައުމުތަކުން ވާދަކުރާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕްގައި ޓީމު ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނެރުމުގެ މަސައްކަތެވެ.
ޖޫނިއާ ޓީމު ތައްޔާރު ކުރުމުގައި އޭނާއާ އެކު ސީނިއާ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވެސް އެހީތެރިވާނެ އެވެ.
މި މުބާރާތަށް ޓީމްގެ ތައްޔާރީތަކާއި ގުޅޭގޮތުން ކޮސްޓޯ ބުނީ މިއީ ވަރަށް ޗެލެންޖިން މަސައްކަތެއް ކަމަށާއި، މި ޓީމުގައި މުޅިން އަލަށް ބައިނަލް އަގްވާމީ މުބާރާތެއް ކުޅޭ ކުޅުންތެރިން ތިބުމުން އެކަމަށް ވެސް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭކަމަށެވެ. އެ ކުޅުންތެރިން މެންޓަލީ ވެސް މިފަދަ ބޮޑު މުބާރާތަކަށް ތައްޔާރުކުރަން ޖެހޭ ކަމަށާއި ކުޅުންތެރިންގެ ކުރިއެރުމާ މެދު ވެސް ހިތްހަމަ ޖެހޭކަމަށް އޭނާ ބުންޏެވެ.
ޖޫނިއާ އާ ކުޅުންތެރިން މި ޓީމުގައި ތިބިއިރު، ސީނިއާ ސްކޮޑުގައި ހިމެނޭ މަދު ކުޅުންތެރިންތަކެއް މި ޓީމުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމް ހިމެނެ އެވެ.
ކޮސްޓޯ ބުނީ ސީނިއާ ސްކޮޑުގެ ކުޅުންތެރިންތަކެއް މި ޓީމުގެ ތެރޭގައި ހިމެނުމަކީ އެހެން ކުޅުންތެރިންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ. އެ ކުޅުންތެރިންގެ އެހީތެރިކަމާ އެކު އާ ކުޅުންތެރިންނަށް ގިނަ ކަންކަން ދަސްވާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަސްލު ވަރަށް ޗެލެންޖިން ކަމެއް މީއީ، ތަޖުރިބާ ނެތް ކުޅުންތެރިން މިކަހަލަ މުބާރާތަކަށް ތައްޔާރުކުރުން. އެކަމަކު ކުދިން ކުރާ މަސައްކަތާ މެދު ހިތްހަމަޖެހޭ. ތައްޔާރީތައް ވަރަށް ރަނގަޅަށް ބަހާލައިގެން މިދަނީ. ވަރަށް ހިތްހަމަޖެހިފައި މިހިރީ" ކޮސްޓޯ ބުންޏެވެ.
ކޯޗު ކޮސްޓޯ ބުނީ އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ވެސް ތަފާތު ކަމެއް ކަމަށެވެ. އެ ގޮތަށް ބަލާއިރު މިއީ ކުޅުންތެރިންނަށް ވެސް އަދި އޭނާ އަށް ވެސް ވަރަށް ހާއްސަ މުބާރާތަކަށްވާނެ ކަމަށެވެ.
ކޮސްޓޯ ފުރަތަމަ ގައުމީ ޓީމާ ގުޅުނީ މިދިޔަ އަހަރެވެ. އޭރު ހަ މަހަށް ޓީމާ އެކު މަސައްކަތްކުރި ނަމަވެސް ކޮވިޑްގެ ސަބަބުން ޓީމު ބައިވެރިވާން ހަމަޖެހިފައިވާ މުބާރާތްތައް ކެންސަލްކުރުމާ އެކު އޭނާ އެނބުރި ގައުމަށް ދިޔައީ އެވެ.
ދެ ވަނަ ފަހަރަށް ރާއްޖެ އައި ސަބަބު ކިޔައިދެމުން ކޮސްޓޯ ބުނީ މިއީ ވަރަށް ހިތްހަމަޖެހިގެން ކުރި ކަމެއް ކަމަށެވެ. މިދިޔަ އަހަރު ކުރި މަސައްކަތް ހުއްޓުނު ހިސާބުން އަލުން ފަށަން ފުރުސަތު ލިބުމުން ވަރަށް އުފަލުން ހުރި ކަމަށް ކޮސްޓޯ ވަނީ ބުނެފަ އެވެ.













