ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ގާޑުން ކައިރިއަށް ގޮސް ވެރިންނަށް މަރުގެ އިންޒާރު ދިން ދިވެއްސަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ރައީސް އޮފީސް ކައިރިއަށް ގޮސް "ވެރިން ބޭރަށް ނުނިކުތުމަށާއި ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު" ދިން އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމީހާގެ ބަންދަށް ހުޅުމާލޭ ކޯޓުން މިހާރު ހަތް ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ކުރިން މާލޭގައި ހުންނަ އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔުނު މީހަކު ވެސް ފުލުހުން ހައްޔަރު ކުރި އެވެ.
އެ މީހާ ދިނީ ކިހާ ސީރިއަސް އިންޒާރެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ހާދިސާ ހިނގައި ނިމުނު ފަހުން އޭނާ ހައްޔަރު ކުރީ ކީއްވެގެން ކަމެއް ވެސް ނުބުނެ އެވެ.

ރައީސް އޮފީސް ކައިރިއަށް ގޮސް އިންޒާރު ދީފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި މާލޭގައި ބޮމެއް ގޮއްވާލާފައި އޮއްވަ އެވެ. އެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ.













