ޔުނިވާސަލް ރިސޯޓްސް މެނޭޖްމަންޓުގެ ސީއޯއޯ މަގާމަށް ވިޝާ މާހިރާއި ސަންޖޭ މަނިކު އިއްޔެ ހަމަޖައްސައިފި އެވެ.
ޔުނިވާސަލް ރިސޯޓްސްގެ ސީއޯއޯއަށް ހަމަޖެއްސި ވިޝާއަކީ ޓޫރިޒަމް އިންޑަސްޓްރީގެ 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ، 2002 ވަނަ އަހަރުން ފެށިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ އެގްޒެކެޓިވް ޑިރެކްޓަރެކެވެ. ސަންޖޭއަކީ ވެސް 2004 ވަނަ އަހަރުން ފެށިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ ޑިވެލޮޕްމަންޓް އަދި ޖޮއިންޓް ވެންޗާސް އެގްޒެކެޓިވް ޑިރެކްޓަރެވެ.
އެކަން އިއުލާނުކޮށް ޔުނިވާސަލްއިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވި ގޮތުގައި ވިޝާ އާއި ސަންޖޭއަކީ ޓޫރިޒަމް ދާއިރާއަށް ލޯބިކުރާ ތަޖުރިބާހުރި ދެ ބޭފުޅުން ކަމަށެވެ. އަދި މި ދެ ބޭފުޅުންނާއެކީ ވޭތުވި ބައި ގަރުނުގެ ތެރޭގައި އެ ކުންފުނިން ހޯދާފައިވާ ކާމިޔާބީ ދެމެހެއްޓޭނެ ކަމާއިމެދު ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ވިޝާ އާއި ސަންޖޭއަކީ ޓޫރިޒަމް ދާއިރާއަށް ލޯބިކުރާ ދެ މީހުން އަދި މީ އަހަރަމެންގެ ރިސޯޓުތަކުން ޓޫރިސްޓުންނަށް ފޯރުކޮށްދޭ މަތީ ފަންތީގެ ހިދުމަތްތައް ގެސްޓުންގެ އުފާވެރިކަން ދެމެހެއްޓޭނެކަން ޔަގީންވާނެ،" އެމްޔޫ މަނިކު ވިދާޅުވި އެވެ.
ޔުނިވާސަލް ރިސޯޓްސްގެ ބެލެނިވެރި ކުންފުންޏަކީ ޔުނިވާސަލް އެންޓަޕްރައިސަސް އެވެ. ޔުނިވާސަލް ރިސޯޓްސްއިން ކުރާ މަސައްކަތަކީ އެ ކުންފުނީގެ ރިސޯޓުތައް މެނޭޖުކުރުމެވެ. ރިސޯޓު ހިންގުމުގައި އެންމެ ކާމިޔާބު އަދި އެންމެ ތަޖުރިބާކާރު ދިވެހި ކުންފުންޏަކީ ވެސް ޔުނިވާސަލް އެވެ.
މިހާރު ވެސް ޔުނިވާސަލް ރިސޯޓްސްއިން އަންނަނީ ރާއްޖޭގައި އަށް ރިސޯޓެއް ހިންގަމުންނެވެ. އެއީ ރާއްޖޭގެ އެންމެ ދުވަސްވީ ރިސޯޓު ކުރުނބާ އާއި ވެލައްސަރާއި ބަރޮހާއި މިލައިދޫގެ އިތުރުން ހުވަފެން ފުއްޓާއި ކުރަމައްޗާއި ދިގައްޔާއި ކަނޑޮޅެވެ.











