މިއަހަރު އޮންނަ ބައިނަލްއަގްވާމީ ދެ މުބާރާތަކަށް ތައްޔާރުވުމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސާބިއާގެ ކޯޗު ޑޭވޯ ބާބާ ހަމަޖައްސައިފި އެވެ.
ބާބާ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި މި ވަނީ ގާތްގަނޑަކަށް ދެ އަހަރަށް ވުރެ ގިނަ ދުވަހު ދާއިމީ ކޯޗެއް ގައުމީ އަންހެން ޓީމުގައި ނެތި އެވެ. ގައުމީ ޓީމުން ކޯޗު ބާބާއާ އެކު ހަދާފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޯޗު ބާބާ ބައިވެރިވާނެ އެވެ. ކޮވިޑް19ގެ ސަބަބުން ބައެއް ކުޅުންތެރިން ޓީމާ ދުރުގަ ތިބި ނަމަވެސް ބާކީ ތިބި ކުޅުންތެރިންނާ އެކު އަންހެން ޓީމު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ މުޙައްމަދު ޝަރީފް (ޑުންގާ)، މިރޭ "އަދަދު" އަށް ވިދާޅުވީ ކޯޗު ބާބާ ގެންނަން އެންމެ ފުރަތަމަ މަސައްކަތްކުރީ މިދިޔަ އަހަރު ކުރިއަށްދިޔަ އަންހެން އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް ކަމަށެވެ.
އެހެން ނަމަވެސް ވިސާގެ ކަންކަން ހަމަޖެހުން ލަސްވުމުގެ ސަބަބުން ކޯޗު ބާބާ އެ ފަހަރު ޓީމާ އެކު ބައިވެރިނުވެވުނީ ކަމަށް ޑުންގާ ވިދާޅުވި އެވެ.
"މިއީ މިދިޔަ އަހަރު ވެސް އަޅުގަނޑުމެން ގެންނަން މަސައްކަތްކުރި ކޯޗު. އެކަމަކު ވިސާގެ ކަންކަން ހަމަ ނުޖެހިގެން ނުގެނެވުނީ. އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޓީމާ އެކު ފަރިތަކުރުންތަކުގަ ކޯޗު ބައިވެރިވާނެ"
ޑުންގާ ވިދާޅުވީ ކޯޗު ބާބާގެ އިރުޝާދުގެ ދަށުން އަންނަ މަހު ބާއްވާ އިންވިޓޭޝަނަލް މުބާރާތެއްގަ ޓީމް ވާދަކުރާނެ ކަމަށެވެ، އެ މުބާރާތުގެ ކަންކަން އަދި އެއްކޮށް ފައިނަލް ނުވާ ކަމަށް ޑުންގާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ވެސް ޓީމަށް އިރުޝާދު ދޭނީ ބާބާ ކޯޗު ކަމަށް އޭނާ ވިދާޅުވި އެވެ.
ޤައުމީ ޓީމާ މިފަހަރު ހަވާލުވި ކޯޗު ޑެވޯ ބާބާ އަކީ މީގެ ކުރިން ބަންގްލަދޭޝްގެ ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. މީގެ އިތުރުން އޭނާ ވަނީ މޮންގޯލިއާ އަދި އޮމާންގައިވެސް ކޯޗިންގެ އެކި މަސައްކަތްތައް ކޮށްފަ އެވެ.
ސާބިއާގެ ބާބާ އަކީ ޤައުމީ އަންހެން ފުޓްބޯޅަ ޓީމަށް އިރުޝާދުދޭ ބިދޭސީ ދެ ވަނަ ކޯޗެވެ. މީގެކުރިން 2015 އިން 2017 އަށް ޖަޕާންގެ އެފްއޭގެ އެހީއާ އެކު ޖަޕާންގެ ނައޯކޯ ކަވަމޯޓާ (ރިއޯ ކޯޗު) ގައުމީ ޓީމުގައި މަސައްކަތްކުރި އެވެ. ރިއޯ ކޯޗުގެ އިރުޝާދުގެ ދަށުން ޤައުމީ އަންހެން ޓީމުން 2016 ގެ ސައުތު އޭޝިއަން ގޭމްސްގަ ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އ
އެންމެ ފަހުން ޤައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދުދިން ދާއިމީ ކޯޗަކީ އަހުމަދު ނާޝީދު (ނާދު) އެވެ. އޭނާ ޤައުމީ ޓީމަށް އިރުޝާދުދިނީ 2019ގެ ސައުތް އޭޝިއަން ގޭމްސްގަ އެވެ. މި ގޭމްސް އިން އަންހެން ފުޓްބޯޅަ ޓީމް ލޯ މެޑަލް ހޯދި އެވެ. ނާދުގެ ކުރިން ޓީމުގެ ކޯޗަކަށް ހުރީ މުޙައްމަދު އާތިފް (އާތީ) އެވެ. ގައުމީ އަންހެން ޓީމާ އެކު ދޮޅު އަހަރު ވަންދެން މަސައްކަތް ކުރުމަށް ފަހު އާތީ ޓީމާ ވަކިވީ ޓީސީ ސްޕޯޓްސް ކުލަބާ ހަވާލުވުމަށެވެ.
ނޭޕާލުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް ފަހު ގައުމީ ފުޓްބޯޅަ ޓީމްގެ ފަރިތަކުރުންތައް މެދުކަނޑާލާފައި އޮތުމަށްފަހު ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭޝިއަން ކަޕްގެ ކޮލިފައިން ބުރުގެ މެޗުތަކަށް ޓީމް ތައްޔާރުވަމުން ދިޔައިރު އެފްއޭއެމުން ބިދޭސީ ކޯޗެއް ގެންނަން މަސައްކަތްވެސް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ފަހު ވަގުތު ޓީމާ ހަވާލުވެ ބަހްރޭނަށް ޓީމާއެކު ކޯޗެއްގެ ގޮތުގަ ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ޑުންގާ އެވެ.
ފީފާގެ އެވޯޑްގައި އަންހެން ފުޓްބޯޅައިގެ ވަނަތައް ހޮވުމަށް ސީނިއާ އަންހެން ޓީމުތަކުގެ ކޯޗުންނަށް ފީފާއިން ހުޅުވައިލި ފުރުސަތުގައި ހެޑް ކޯޗެއް ނެތުމުގެ ސަބަބުން ރާއްޖޭއިން ވޯޓު ދީފައިވަނީ އެސިސްޓަންޓް ކޯޗު މަރްޔަމް މިރުފަތު އެވެ. ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މިވަގުތު ތިބީ ގައުމީ ޓީމްގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ މަރްޔަމް މިރުފަތު އަދި ފަދުވާ ޒާހިރު އެވެ.












