ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކްލަބް ވެލެންސިއާ އިން 1-0 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ހޯދިއިރު، ފައިނަލްގެ ފަހު ޖާގަ ލަނޑުގެ ތަފާތުން މާޒިޔާ އަށް ލިބިއްޖެ އެވެ.
މިރޭގެ މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް މާޒިޔާ ބަލިކުރުމަކީ މި ފަހަރުގެ ޗެރިޓީ މެޗުގެ ނާކާމިޔާބީގެ ބަދަލު ހިފުމެކެވެ. ޗެރިޓީ މެޗުގައި މާޒިޔާ އިން 5-0 އިން ވެލެންސިއާ ބަލިކުރި އެވެ.
ވެލެންސިއާ އަށް މިރޭގެ މެޗުގެ ކުރިން ފައިނަލުގެ ޖާގަ ޔަގީންވީ މިއަދު ހަވީރު އީގަލްސް އަތުން 4-1 އިން ގްރީން ސްޓްރީޓްސް ބަލިވުމުންނެވެ. ވެލެންސިއާ އިން 14 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ފައިނަލުން ޖާގަ މި ހޯދީ މެޗަކުން ބަލިނުވެ އެވެ. ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި ވެލެންސިއާ އިން އަންނަ އާދިއްތަ ދުވަހު ހަވީރު ރ. އަލިފުށީ ޓާފް ދަނޑުގައި ފައިނަލް މެޗުގައި ކުޅޭނީ މާޒިޔާއާ ދެކޮޅަށެވެ. މިއީ މާޒިޔާ އިން 2015 އަހަރުގެ ފަހުން ޕްރެޒިޑެންޓްސް ކަޕް ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ.

މާޒިޔާގެ އިއްބެ (ކ) ވެލެންސިއާގެ އަސްހަދު ކައިރިން ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ވެލެންސިއާ ލީގު ބުރުގެ އެއް ވަނަ ހޯދީ 19 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ އަށް މުބާރާތުގައި ކުުޅުނު ހަތް މެޗުގެ ތެރެއިން ބަލިނުކުރެވުނީ އީގަލްސް އެވެ. އީގަލްސްއާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ލީގު ބުރުގެ ދެ ވަނަ އަށް ދިޔަ މާޒިޔާ އާއި ތިން ވަނަ އަށް ދިޔަ ކްލަބް ގްރީން ސްޓްރީޓްސް އަށް ލިބުނީ 15 ޕޮއިންޓެވެ. މާޒިޔާގެ ފައިދާ 10 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ ފައިދާ ނުވަ ގޯލެވެ. ހަތަރެއްގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް 12 ޕޮއިންޓް ލިބުނުއިރު، ފަހެއްގައި ނިންމި އީގަލްސްގެ އޮތީ 10 ޕޮއިންޓެވެ. އަދި ހަ ވަނަ ހޯދި ޓީސީ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ހަތެއްގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. މޮޅެއް ނުލިބި، ދަ ގްރާންޑޭ މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކު ތާވަލުގެ ފުލުގަ އެވެ.
މާޒިޔާ އިން މި މެޗަށް ނުކުތްއިރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ހަމްޒާ މުހައްމަދު (ހަމްޕު) ބެންޗުގައި އިންއިރު، އެ ތަނަށް ކުޅެމުން ދިޔައީ ފުރަތަމަ އެގާރައިގައި މި ސީޒަނުގައި ފުރަތަމަ ފަހަރަށް ކުޅޭ ހަސަން ނާއިޒު (ދާދު) އެވެ. ވެލެންސިއާ އިން ވަނީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން އެންމެ ފަހުގެ މެޗު ގެއްލުނު ހަތަރު ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އެއީ ސްރީލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް، އަސްހަދު އަލީ (އަޑުބަރޭ)، ހަަސަން ސުފިއާން (ސޫފީ) އަދި މުހައްމަދު ފައިސަލް އެވެ.
ފުރަތަމަ މިނިޓުން ފެށިގެން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެ ހަ ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ކައުންޓައެޓޭކް ވިސްނުމުގައި ވެލެންސިއާ އިން ކުޅެމުންދިޔައިރު، އެ ޓީމުން ވަނީ މެޗުގެ 15 ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ޖެހި ބޯޅަ މާޒިޔާގެ ގޯލުގައި ހުރި ނޭޕާލްގެ ކިރަން ކުމާރް ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ.
ވެެލެންސިއާ އިން ލީޑުނެގީ މެޗުގެ 31 ވަނަ މިނިޓްގައި ސެންޓޭ ޖެހި ގޯލުންނެވެ. މިއީ ސްޕެއިންގެ ފޯވާޑް ބޯހަސް މާޓީން ދިން ބޯޅައެއް ހިފައިގެން ވަދެ، ސެންޓޭ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެެވެ. މިއީ މި ފަަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ފެނިގެންދިޔަ 100 ވަނަ ގޯލެވެ.
މާޒިޔާ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖެހޭތޯ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކުރި އެވެ. އޭރިއާތެރެއިން މާޒިޔާގެ ދާދު ޖެހި ބޯޅަ ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ހިލޭ ޖެހުމަކުން އައިސަމް އިބްރާހިމް ނެގި ބޯޅަ އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބޮލުން ޖެހިއިރު، ދިޔައީ ހުރަސްދަނޑިކައިރިންނެވެ.
ދެ ވަނަ ހާފްގައި މާޒިޔާގެ ފުރަތަމަ ހަމަލާ ފެނުނީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ. ކޯނޭ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ކައިރީ ކަނަށް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ ފައިން މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން އައިސަމް ޖެހި ހިލޭ ޖެހުމެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ވެލެންސިއާ އަށް ލީޑުފުޅާކޮށްދޭން މެޗުގެ 71 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. ސެންޓޭ ފޮނުވާލި ޕެނަލްޓީ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ. މި ޕެނަލްޓީ ދިނީ ވެލެންސިއާގެ ހުސެއިން ހަނާން އަށް އޭރިއާތެރެއިން މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) ކުރި ފައުލަކަށެވެ. ރެފްރީ ސިނާން ހުސެއިން މި ޕެނަލްޓީ ދޭން ނިންމީ ލައިންސްމަނަކަށް ހުރި އަހުމަދު ޝިފާން އަބްދުލް ރަހީމްގެ ލަފާ ހޯދައިފަ އެވެ. އެއީ ފައުލު ހިނގީ އޭރިއާތެރެއިންތޯ ނޫނީ ބޭރުންތޯ ކަށަވަރުކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން މާޒިޔާގެ އިއްބެ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މާޒިޔާގެ ހަމްޕު (މ) ވެލެންސިއާގެ ސިޒާން (ކ) އާއި ޑަކްސަން ކައިރިން ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދާދުގެ ބަދަލުގައި ހަމްޕު ވަނީ މެޗުގެ ފަހު 20 މިނިޓަށް ކުޅެން އަރުވައިފަ އެވެ. ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި ހަމްޕު އަށް މަތިން ލިބުނު ބޯޅައެއް ކޮންޓްރޯލްކޮށް އޭރިއާ އަށް ވަންނަން ދިޔަ ވަގުތު ވެލެންސިއާގެ ޑަކްސަން އާއި އަހުމަދު ސިޒާން ފައުލުކުރި ކަމަށް ރެފްރީ ސިނާން ކަށިގަނޑު ފުމުނެެވެ. ފައުލެއް ނޫން ކަމަށް ބުނެ، ވެލެންސިއާ ކުޅުންތެރިން އެޕީލްކުރަން ރެފްރީ ސިނާން ވަށާާލި އެވެ.
އެ ވަގުތު ލައިންސްމަންގެ ލަފާ އަހާފައި ރެފްރީ ސިނާން ފުރަަތަމަ ރަތް ކާޑު ދެއްކީ ޑަކްސަން އަށެވެ. އެއީ ލައިންސްމަން އަހުމަދު އަސްލަމް ކައިރީގައި އަހައިފަ އެވެ. އެކަމަކު، ހަމްޕު ގައިގައި ޖެހުނީ ސިޒާން ކަމަށް ބުނެ، ވެލެންސިއާ އިން އެޕީލްކުރަން ފެށުމުން އަނެއް ލައިންސްމަނަކަށް ހުރި ޝިފާން ކުރެން އޮޅުން ފިލުވުމަށް ފަހު ރެފްރީ ސިނާން ވަނީ ޑަކްސަންގެ ރަތް ކާޑު ކެންސަލްކޮށް، އެ ކާޑު ދެއްކީ ސިޒާނަށް ކަމަށް ނިންމައިފަ އެވެ.
ވެލެންސިއާ އިން ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެވެސް މާޒިޔާ ހިފެހެއްޓުމުގައި ކާމިޔާބު ހޯދައިފަ އެވެ.











