މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 15) - އޮސްޓްރޭލިއާ އިމިގްރޭޝަނުން ދުނިޔޭގެ އެއް ވަނަ ފިިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްލިއިރު، ޖޮކޮވިޗްގެ ގާނޫނީ ޓީމުން އަނެއްކާ ވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
މި މަހު ހަތަރު ވަނަ ދުވަހު އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ޖޮކޮވިޗް، 34، އެ ގައުމަށް ދިޔަ ތަނުން އެއާޕޯޓުގައި މަޑުކޮށް އޭނާގެ ވިސާ އެންމެ ފުރަތަމަ ކެންސަލްކޮށްލި މައްސަލަ ކޯޓަށް ހުށަހަޅައިގެން އޭނާ ކާމިޔާބު ހޯދިއެވެ.
އެކަމަކު، ޖޮކޮވިޗް އެންމެ ފުރަތަމަ ވިސާ އަށް މައުލޫމާތު ހުށަހެޅިއިރު، އޭގައި ހިމަނާފައިވާ މައުލޫމާތުން ފާހަގަވި އާ މައްސަލައެއް އޮސްޓްރޭލިއާ އިމިގްރޭޝަނުން އަލުން ބަލަން ފެށި އެވެ. އެ މައްސަލައިގައި އޮސްޓްރޭލިއާ އިމިގްރޭޝަނުން އިއްޔެ ޖޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްލިއިރު، ހޯމަ ދުވަހު އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ކުޅެން ޖެހޭ ފުރަތަމަ ބުރުގެ މެޗު ވެސް އޮތީ ތާވަލުކޮށްފަ އެވެ. ޖޮކޮވިޗްގެ ފަރާތުން އެ މައްސަލައިގައި ކޯޓަށް ދާން އަނެއްކާވެސް ނިންމައި، އެޕީލްކުރުމާ އެކު، މާދަމާ ކޯޓުގައި އެ މައްސަލަ ވަނީ ތާވަލުކޮށްފަ އެވެ.
ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލުމާ އެކު، އޭނާ މި ވަގުތު ހުރީ ކޯޓުން އެ މައްސަލައިގައި ދެ ވަނަ ފަހަރަށް ގޮތެއް ނިންމަންދެން އޮސްޓްރޭލިއާ އިމިގްރޭޝަން ޑިޓެންޝަން ޔުނިޓުން ހަމަޖައްސައިދިން ހޮޓަލެއްގަ އެވެ. ޖޮކޮވިޗްގެ މައްސަލައިގައި ކޯޓުން މާދަމާ ގޮތެއް ނިންމާއިރު، މި ފަހަރު އޭނާ ކޮޅަށް މައްސަލަ ނުނިމިއްޖެނަމަ އޭނާ އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލާނީ ތިން އަހަރު ދުވަހުގެ މުއްދަތަށް އެ ގައުމުގެ ވިސާ ނުލިބޭ ގޮތަށެވެ.
މި ފަހަރު ޖޮކޮވިޗްގެ ވިސާ ކެންސަލްކުރީ ވިސާ އަށް ހުށަހެޅިއިރު، ސައްހަ ނޫން މައުލޫމާތެއް ދީފައިވާތީ އެވެ. އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަން ހުށަހެޅިއިރު، ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާ އަށް އައުމުގެ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެއްވެސް ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިވޭތޯ މައުލޫމާތު ދޭން ބުނެފައިވާ ބައިގައި އެއްވެސް ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިނުވާ ކަމަށް ބުނެފަ އެވެ.
އެކަމަކު، މޮންޓެ ކާލޯގައި ދިރިއުޅޭ ޖޮކޮވިޗް ވަނީ ޑިސެމްބަރު މަހު 25 ވަަނަ ދުވަހު ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ގޮސްފަ އެވެ. އަދި އޭގެ ފަހުން ޑިސެމްބަރު މަހު 31 ވަނަ ދުވަހު ޖޮކޮވިޗް ސްޕެއިނުގެ މާބެލާ އަށް ވެސް ވަނީ ގޮސްފަ އެވެ. ބެލްގްރޭޑާއި މާބެލާ އަށް ޖޮކޮވިޗް ދިޔަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް އޭނާ ހިއްސާކޮށްފައިވާއިރު، މިއީ އޭނާ އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަނަށް މައުލޫމާތު ދިން ފަހުން ކޮށްފައިވާ ދަތުރުތަކެކެވެ.
ޖޮކޮވިޗް ވަނީ ވިސާ އެޕްލިކޭޝަނުގައި އެ ގޮތަށް މައުލޫމާތު ހިމެނުނީ އޭނާގެ ސަޕޯޓް ޓީމަށް އޮޅުމަކުން ކަމަށް ބުނެފަ އެވެ. އަދި އެކަން އޮސްޓްރޭލިއާގެ ސަރުކާރަށް ވެސް ފަހުން އަންގައިފަ އެވެ.
ޝެޑިއުލްގައިވާ ގޮތުން އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ ބުރުގައި ޖޮކޮވިޗް ހޯމަ ދުވަހު ކުޅެން އޮތީ ސާބިއާގެ މިއޮމީރް ކެޗްމަނޯވިޗާ ދެކޮޅަށެވެ. ޖޮކޮވިޗަކީ އޮސްޓްރޭލިއަން އޯޕަންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ.
ޖޮކޮވިޗް ވަނީ ނުވަ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ތިން ފަހަރު ވެސް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ ޖޮކޮވިޗް އެވެ. މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ ޖޮކޮވިޗަށް ޓެނިސް ތާރީހުގައި އެންމެ ގިނަ ގްރޭންޑްސްލޭމް ކާމިޔާބު ކުރުމުގެ ރެކޯޑް ގާއިމް ކުރެވޭނެ އެވެ. ގްރޭންޑް ސްލޭމްގެ ކާމިޔާބީގައި ޖޮކޮވިޗް މި ވަގުތު އޮތީ ރޮޖާ ފެޑެރާ އާއި ރަފައެލް ނަޑާލާ އެއްވަރުވެފަ އެވެ. ތިން ކުޅުންތެރިން ވެސް ވަނީ 20 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފަ އެވެ.












