ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 2-0 އިން ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް އިން މުބާރާތުގެ ފައިނަލަށް ދިއުމަށް ބޮޑު ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.
މި މެޗާ ހަމަ އަށް މާޒިޔާ އިން ވަނީ މި ސީޒަނުގައި ޗެރިޓީ ޝީލްޑް މެޗާ އެކު ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު، މި މެޗުން މާޒިޔާ މި ވަނީ ސީޒަނުގެ ފުރަތަަމަ ފަހަރަށް ބަލިވެފަ އެވެ.
މިއަދުގެ މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ޕްރެޒިޑެންޓްސް ކަޕް ލީގު ބުރުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަދި ތިން ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.
ގްރީން ސްޓްރީޓްސް އާއި މާޒިޔާ ހަ މެޗު ކުުޅުނުއިރު، ވެލެންސިއާ ކުޅުނީ ފަސް މެޗެވެ. ވެލެންސިއާ އިން މިރޭ ކްލަބް އީގަލްސް ބަލިކޮށް، އެއް ވަނަ އަށް އެރޭނެ އެވެ. އެކަމަކު، ވެލެންސިއާ އަށް ވެސް ފައިނަލުގެ ޖާގަ ހޯދޭނީ ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ގްރީން ސްޓްރީޓްސް ފަހު މެޗުގައި ކުޅޭނީ އީގަލްސްއާ އެވެ. އެ މެޗުން މޮޅުވެގެން ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ފަހަރަށް ފައިނަލުގެ ޖާގަ ޔަގީންކުރެވޭނެ އެވެ. މާޒިޔާ ބައްދަލުކުރާނީ ވެލެންސިއާއާ އެވެ. މިހާރު އޮތްގޮތުން ލީގު ބުރު ނިމޭއިރު، މާޒިޔާ އާއި ގްރީން ސްޓްރީޓްސް އަދި ވެލެންސިއާ ޕޮއިންޓް އެއްވަރުވެ، ލަނޑުގެ ތަފާތުން ފައިނަލަށް ދެ ޓީމެއް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ގްރީން ސްޓްރީޓްސް އަށް މި މެޗަށް ނުކުތްއިރު، ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ޕާކިސްތާން ހަނީފް ސާގިބް ޓީމާ ގުުޅުމެވެ. މާޒިޔާގެ ޑިފެންޑަރު، ސަމޫހު އަލީ (ސަމުއްޓެ) ވަނީ އަނިޔާ އަށް ފަހު އަލުން ޓީމާ ގުޅި، ފުރަތަމަ އެގާރައިގައި ފަށައިފަ އެވެ.
މެޗު ފަށައިގެން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، ފުލުފުލުގައި ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. މެޗުގެ 13 ވަނަ މިނިޓްގައި މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ދިން ބޯޅައަކުން އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ބޯޅަ އަމާޒުވީ ކީޕަރު ސާގިބް އަތަށެވެ. އޭގެ މިނިޓެއް ފަހުން އޭރިއާރޮނގުކައިިރިން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅަ ކީޕަރު ސާގިބް ވަނީ ފަސޭހައިން ހިފައިފަ އެވެ.

މާޒިޔާގެ ހަމްޕު (ކ) ގްރީން ސްޓްރީޓްސްގެ އަންކޮ ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މާޒިޔާ އިން ކުރިއަށް އަރައިގެން ކުޅެމުން ދަނިކޮށް މެޗުގެ 24 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ގްރީން ސްޓްރީޓްސްގެ އަލީ ޝާމިއު (މައިތޯ) ދިން ބޯޅައެއް ހިފައިގެން އޭރިއާތެެރެއަށް ވަދެ، ގްރީން ސްޓްރީޓްސްގެ ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ބޯޅަ ޖަހަން ހުސްކޮށް އަރައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ހުސްކޮށް ހުއްޓެެވެ. މުނޯޒް އެ ބޯޅަ ޗޯޓަށް ދީގެން ޖަހަން މަސައްކަތް ކުރިނަމަ ގޯލު ޖަހަން ފަސޭހަވާނެ އެވެ.
މެޗުގެ 33 ވަނަ މިނިޓްގައި މާޒިޔާގެ ޑިފެންސްތެރެއިން ހުސްވި ޖާގައެއްގައި ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ލިބުނު ބޯޅަ ހިފައިގެން ގޮސް މާޒިޔާގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރް ކައިރިން ނައްޓާފައި ދިޔަ ނަމަވެސް އެ ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އޭގެ މިނިޓެއް ފަހުން މާޒިޔާގެ ކޯނޭ އަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ގްރީން ސްޓްރީޓްސް އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގަ އެވެ. ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާތެރެއިން ޗޯޓު ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން ހިލޭ ޖެހުމަކުން ރިލޭ ފޮނުވާލި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މާޒިޔާގެ ކޯނޭ ގްރީން ސްޓްރީޓްސްގެ އޭރިއާތެރެއިން ނެގި ހުރަސް ޖަހަން އަރާނެ ކުޅުންތެރިއަކު ނެތެވެ.
ގްރީން ސްޓްރީޓްސް އިން ވަނީ މި ހާފުގައި ކުރި ފުރަތަމަ އެޓޭކްގައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި މުނޯޒް ނެގި ހުރަހަކުން މައިތޯ އޭރިއާތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ކިރަން އަތުގައި ޖެހިފަ އެވެ.
ގްރީން ސްޓްރީޓްސް އިން ދެ ގޯލުގެ ލީޑެއް ނެގުމާ އެކު މާޒިޔާ އިން ވަނީ މޫސާ ޔާމިން (ޔާމްބެ)ގެ ބަދަލުގައި ނާއިޒު ހަސަން (ދާދު) ކުޅެން އަރުވައިފަ އެވެ. މާޒިޔާ އިން އެޓޭކް ކުރަމުން ދަނިކޮށް ދެން ވެސް ހުސް ފުރުސަތެއް ލިބުނީ ގްރީން ސްޓްރީޓްސް އަށެވެ. ކައުންޓަ އެޓޭކުގައި މެޗުގެ 63 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) ހުސްކޮށްލާފައި އަންކޮ އަށް ދިން ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން މާޒިޔާ އިން ވަނީ އިއްބެގެ ބަދަލުގައި އަސަދުﷲ އަބްދުﷲ ކުޅެން އަރުވައިފަ އެވެ. މެޗުގެ 71 ވަނަ މިނިޓްގައި މާޒިޔާގެ އިބްރާހިމް އައިސަމް ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އެ ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އަސަދުﷲ ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ. އޭގެ މިނިޓެއް ފަހުން އަސަދުﷲ އޭރިއާތެރެއިން ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން ވެސް މާޒިޔާ އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.











