ކްލަބް އީގަލްސް އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމު މި ވަގުތު އެންމެ ރަނގަޅު ފޯމުގައި ނެތަސް އެ އަށް ނުބަލައި، ވެލެންސިއާ ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅޭ މެޗަށް ނުކުންނާނީ މޮޅެއް ހޯދައި ފައިނަލަށް ދަތުރުކުރަން ކަމަށް ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާފިއު މުހައްމަދު ބުނެފި އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތަކަށް ފަހު ބާކީ މެޗުތަކުގެ ކުރިން ފައިނަލުގެ ޖާގަތައް ކަށަވަރުވުމުގެ ފުރުސަތު އެބައޮތެވެ. މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދައި، މިރޭ އީގަަލްސް އަތުން ވެލެންސިއާ މޮޅުވެއްޖެނަމަ، ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ބާކީ އޮތް ހަ މެޗުގެ ކުރިން ވެލެންސިއާ އާއި މާޒިޔާ އަށް ފައިނަލުގެ ޖާގަ ޔަގީންވާނެ އެވެ. މި މަހު 23 ވަނަ ދުވަހު ކުޅޭ ފައިނަލް އޮތީ ރ. އަލިފުށީ ދަނޑުގަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި މިހާތަނަށް ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، މާޒިޔާ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ވެލެންސިއާއާ އެއްވަރަށް 15 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލުގެ ގޮތުން ކުރި ލިބޭތީ އެވެ. ގްރީން ސްޓްރީޓްސް ތިން ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ.
މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވެލެންސިއާ އިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން އާފިއު ބުނީ އީގަލްސް އަންނަނީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި މެޗަކަށް ފަހު މެޗެއް އެކަން އެބަ ފެންނަ ކަމަށެވެ.
"މިހާރު ހަ ޕޮއިންޓް އީގަލްސް އޭނީ ނަގާފައި. ފަސޭހަ މެޗަކަށް ނުވާނެ. ވެލެންސިއާ އިން އެ މެޗު ފަސޭހައެއް ނުކުރާނެ. ކޮންމެ ގޮތެއް ވިޔަސް ފައިނަލާ ހަމައަށް ދާން ބޭނުމިއްޔާ މޮޅުވެގެން ދާން އަންނަނީ. ގްރީން ވެސް މި އަންނަނީ ވެލެންސިއާ ފަހަތުން ވިއްދާފައި މެޗު ފަސޭހަ ނުކުރާނަން. މެޗު ނަގަން ނުކުންނާނީ،" ހެޑް ކޯޗެއް މި ވަގުތު ނެތް، ވެލެންސިއާގެ ކޯޗިން ޓީމުގައި މަސައްކަތް ކުރަމުން އަންނަ އާފިއު ބުންޏެވެ.
"އިންޑިވިޖުއަލް ކުޅުންތެރިންނަށް ބަލާއިރު މިދިޔަ އަހަރު ވެސް އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން މިހިމެނެނީ އީގަލްސްގައި. އެހެންވީމަ، އޭޒް އަ ޓީމް އަދި އެ މީހުން އެއްކޮށް ފޯމަކަށް ނޭޅުނަސް މަޑުމަޑުން ރަނގަޅު ވަމުން އެ އަންނަނީ،"
އާފިއު ބުނީ މެޗަށް ބަލާއިރު، އީގަލްސް ވެސް ނުކުންނާނީ ތިން ޕޮއިންޓް ނަގަން ކަމަށާއި ވެލެންސިއާ އިން ވެސް ނުކުންނާނީ އެ ޓީމުން މި ސީޒަނުގެ ކޮންމެ މެޗަކާ ވެސް ކުރިމަތިލާ ވިސްނުމުގައި މޮޅުވުމަށް ކަމަށެވެ.
"ވެލެންސިއާ އިން ނުބަލާނެ އެއްވެސް ޓިމަކީ ދެރަ ޓީމެއްގެ ގޮތުގައެއް. ހުރިހާ ޓީމަކީ ވެސް ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ބަލައިގެން މި ކުޅެނީ. ހުރިހާ ޓީމުތަކަކީ ވެސް ވަރަށް ވާދަވެރި ޓީމުތަކެއް. ނަތީޖާތަކުން ފެނިގެން މި ދަނީ ވެލެންސިއާއާ ކުޅޭއިރު ކޮންމެ ޓީމެއް ވެސް ވަރުގަދަ އަށް މި ނުކުންނަނީ. އެއްވެސް މެޗެއް ފަސޭހަވާނެ ކަމެއް ނުބަލަން،" އާފިއު ބުންޏެވެ.
ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވި ނަމަވެސް ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އާފިއު ބުނީ މެޗުތަކުން މޮޅުވުމަކީ ކުޅުންތެރިންނަށް ލިބޭ ހިތްހަމަޖެހުމަކަށްވާނެ ކަމަށާއި އެ ގޮތަށް ވިސްނާއިރު، ވެލެންސިއާގެ މި ފޯމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.
ވެލެންސިއާ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.












