އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ ހެޓްރިކާ އެކު، ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ 4-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
މިއަދުގެ މެޗަށް ފަހު ލީގު ބުރުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ފަސް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ ފަސް މެޗުން 12 ޕޮއިންޓެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ޖާގަ ލިބެނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ލީގު ބުރެއް ކުޅެގެން އެންމެ މަތިން ނިންމާ ދެ ޓީމަކަށެވެ. ފައިނަލުގެ ޖާގަ އަކަށް ވާދަކުރާ ތިން ޓީމު ކަމަށްވާ މާޒިޔާ އާއި ވެލެންސިއާ އަދި ގްރީން ސްޓްރީޓްސް އަށް ބާކީ އޮތީ ދެ މެޗެވެ.
މާޒިޔާ އަށް ބާކީ އޮތީ ގްރީން ސްޓްްރީޓްސް އާއި ވެލެންސިއާ މެޗެވެ. ވެލެންސިއާ އަށް އޮތީ އީގަލްސް އާއި މާޒިޔާ މެޗެެވެ. އަދި ގްރީން ސްޓްރީޓްސް އަށް އޮތީ މާޒިޔާ މެޗާއި އީގަލްސް މެޗެވެ. މާޒިޔާ އާއި ވެލެންސިއާ ދެން އޮތް މެޗުން މޮޅުވެއްޖެނަމަ ބާކީ މެޗެއް އޮއްވައި، އެ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.
ޔުނައިޓެޑް ވިކްޓްރީން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ އެގާރައިގައި މި ސީޒަނުގައި މުޅިން އަލަށް ތިން ކުޅުންތެރިން ހިމަނައިގެންނެވެ. އެ ގޮތުން ޔުނައިޓެޑް ވިކްޓްރީގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރީ އަހުމަދު އަނަފް ޒަރިޔަންދުއާ އެވެ. ޔުނައިޓެޑް ވިކްޓްރީން ދެން ފުރަތަމަ އެގާރައިން ފުރުސަތު ދީފައިވަނީ މުޖުތާޒް މުހައްމަދު (މުޖޭ) އާއި އިބްރާހިމް އިލްހާން އިސްމާއިލް އަށެެވެ.
ފުރަތަަމަ މިނިޓުން ފެށިގެން މާޒިޔާ އިން ދިޔައީ ޔުނައިޓެޑް ވިކްޓްރީ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ. މެޗުގެ ހަ ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަގައިދޭން އެ ޓީމުގެ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރު އާދިލް އަބްދުލް ރަހުމާން އެވެ.

މާޒިޔާގެ ކޯނޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
މާޒިޔާ އަށް ލީޑުނަގައިދިނީ މެޗުގެ 10 ވަނަ މިނިޓްގައި ކޯނޭ އެވެ. އޭރިއާތެރެއިން ކޯނޭ އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު ނެގި ކޯނަރަކުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑް ވިކްޓްރީ އަށް ނަތީޖާ ހަމަހަމަކޮށްދޭން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ޒުވާން ފޯވާޑް އިލްހާން އަށެވެ. މެޗުގެ 33 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އޭރިއާތެރެއިން ހުސްކޮށްލާފައި އެ ޓީމުގެ އިލްހާނަށް ޖައްސާލި ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑި މަތިންނެވެ.
އޭގެ ފަހުން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އޭރިއާބޭރުން ޖެހި ޝޮޓެއް އަރިމަތިން ބޭރުންދިޔައިރު، އަސަދުﷲ ބޮލުން ޖެހި ބޯޅަ އަމާޒުވީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަނަފް އަތަށެވެ.
މާޒިޔާގެ މެދުތެރެއިން ގިނަ ބޯޅަތަކެއް ގެއްލޭތީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އެ ޓީމުން ވަނީ އަހުމަދު އަބްދުﷲ (ލިލީ)ގެ ބަދަލުގައި އިބްރާހިމް އައިސަމް ކުޅެން އަރުވައިފަ އެވެ. އައިސަމް ކުޅެން އަރުވައި، މެދުތެެރެއަށް ކުޅެމުން އައި މުހައްމަދު އިރުފާން (އިރޭ) ޖެއްސީ ލިލީ ކުޅެމުން އައި ޑިފެންޑަރެއްގެ މަގާމަށެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 30 ސިކުންތުގެ ތެރޭގައި މާޒިޔާގެ ދެ ވަނަ ގޯލު ޖެހީ އިއްބެ އެވެ. އޭރިއާތެރެއަށް ހުސްކޮށް ބޯޅަ ހިފައިގެން ވަދެ އިއްބެ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިއާތެެރެއިން ލިބުނު ބޯޅަ އިއްބެ ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.
މާޒިޔާގެ ހަތަރު ވަނަ ގޯލު ޖަހަން މެޗުގެ 68 ވަނަ މިނިޓްގައި އޭރިއާތެެރެއިން އައިސަމް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މެޗުގެ 72 ވަނަ މިނިޓްގައި އައިސަމް ނެގި ކޯނަަރަކުން ބޮލުން ޖެހި ގޯލާ އެކު އިއްބެ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ގޯލާ އެކު އިއްބެ ވަނީ މި ސީޒަނުގައި ހަތް ގޯލު ޖަހައިފަ އެވެ.
ހެޓްރިކް ހެދިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިއްބެގެ ބަދަލުގައި އަބްދުﷲ ޖުނައިދު (ޖެންނޭ) ކުޅެން އެރުވި އެވެ. މެޗުގެ 80 ވަަނަ މިނިޓްގައި މާޒިޔާގެ އުމެއިރު ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ލިބުނީ އަކުރަމް އަބްދުލް ގަނީ (އަކޫ) އަށެވެ. އަކޫ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.











