މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 8) - އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗަށް އެންމެ ފުރަތަމަ އޮސްޓްރޭލިއާ އިން ވިސާ ލިބުނީ މިދިޔަ މަސް ތެރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކަމަށް އޭނާގެ ވަކީލުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.
ޖޮކޮވިޗަށް މި މަހު 17-30 އަށް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނިކޮށް، އޭނާގެ ވިސާ ކެންސަލްކޮށްލައި، އަނބުރާ ގައުމަށް ފޮނުވާލަން ނިންމި އެވެ. އެކަމަކު، ޖޮކޮވިޗް އަލުން ވިސާ ހޯދަން ކުރާ މަސައްކަތުގައި އޮސްޓްރޭލިއާ ކޯޓަށް ހުށަހެޅި މައްސަލައިގައި ހޯމަ ދުވަހު ގޮތެއް ނިންމަންދެން، ޖޮކޮވިޗް މި ވަގުތު ހުރީ އޮސްޓްރޭލިއާ އިމިގްރޭޝަނުން ޑިޓެންޝަނުގައި ބަހައްޓައިފަ އެވެ.
އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަަބަބުން ނޫނީ އެހެނިހެން މަގުބޫލު ސަބަބަކާ ހެދިކަން ސާބިތުކޮށްދީގެންނެވެ. އެކަން ކުރެވެން އޮތީ ސިއްހީ މާހިރެއްގެ ލަފާގެ މަތިން "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަަހަޅައިގެންނެވެ.
އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވާން ފުރުސަތު ދީފައި އޮތީ މެޑިކަލް އެގްޒެމްޕްޝަން ކޯޓާގެ ތެރެއިންނެވެ.
ޖޮކޮވިޗަށް މެޑިކަލް އެގްޒެމްޕްޝަން ލިބުނު ގޮތާ ބެހޭގޮތުން މީޑިއާ އިން ސުވާލު އުފައްދާފައިވަނިކޮށް، ކޯޓުން ވަނީ މިއަދު މުހިންމު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައިވާ ގޮތުން ކޯޓަށް ޖޮކޮވިޗްގެ ވަކީލު ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ޖޮކޮވިޗަށް އޮސްޓްރޭލިއާ އަށް އެތެރެވުމުގެ ވިސާ ދޭން ވަގުތީ ގޮތުން ނިންމާފައިވަނީ އޭނާ އަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކޮވިޑް ޖެހިފައިވާ މީހެއް ކަމަށްވާތީ ކަމަށެވެ. އަދި އެއީ ޓެނިސް އޮސްޓްރޭލިއާގެ ހުއްދައާ އެކު ކުރި ކަމެއް ކަމަށް ލިޔެކިޔުންތަކުގައިވެ އެވެ.
އެކަމަކު، މިއީ އޮސްޓްރޭލިއާ އިން އަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށް ކޮށްފައިވާ ކަމެއް ނޫނެވެ.
އޮސްޓްރޭލިއާ ސަރުކާރުން ވަނީ ކޮވިޑްގެ ވެކްސިން ނުޖަހާ އެއްވެސް ކުޅުންތެރިއަކަށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވޭނެ ކަމަށް އަންގައިފަ އެވެ. ޖޮކޮވިޗް، ވަނީ އޭނާގެ ވެކްސިންގެ މައުލޫމާތު ދޭން ދެކޮޅު ހަދައިފަ އެވެ. މީގެ ކުރިން ވެކްސިނާ ދެކޮޅަށް ވާހަކަ ދައްކައި ޖޮކޮވިޗް ވަނީ އިންޓަވިއުއެއް ވެސް ދީފަ އެވެ.
އޮސްޓްރޭލިއާ އިމިގްރޭޝަންގެ ވަކީލު ޖޯން ފިންޑްލީ ބުނީ ކޯޓުގައި އޮސްޓްރޭލިއާ އިމިގްރޭޝަނާއި ޖޮކޮވިޗް ވެސް ވަަރަށް ގިނަ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެ ކަމަށެވެ. އޭގެއިން ސުވާލެއްގައި ޖޮކޮވިޗް ރަނގަޅު ނޫން ޖަވާބެއް ދީ، ގަސްދުގައި މައުލޫމާތު އޮޅުވާލަން މަސައްކަތްކޮށްފިކަން ސާބިތުވެއްޖެނަމަ ތިން އަހަރަށް އޮސްޓްރޭލިއާ ވިސާ ނުލިބޭ ގޮތަށް ޖޮކޮވިޗް ސަސްޕެންޑްކުރާނެ ކަމަށެވެ.
އޮސްޓްރޭލިއާގައި މި ވަގުތު މަޑުކޮށްގެން ހުރި ޖޮކޮވިޗާ ފޯނުން ވާހަކަ ދެއްކުމަށް ފަހު ސާބިއާގެ ރައީސް އަލެކްސަންޑަ ވުސިޗް، ސާބިއާގެ މީޑިއާ އަށް ވިދާޅުވީ ސާބިއާގެ އެންމެން ތިބީ ޖޮކޮވިޗާ އެކުގައި ކަމަށެވެ. އަދި ޖޮކޮވިޗް އަކީ ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އަށް ވުމުން އެ ނަން ހަޑިކޮށް، ބަޔަކު ސިޔާސީ މަންފާއެއް ހާސިލްކުރަން ފުރުސަތު ނުދޭނެ ކަމަށް ވުސިޗް ވިދާޅުވި އެވެ.












