ވިލިމާލޭގައި ފުލުހުން ހިންގި ވަރުގަދަ އެންޓި-ޓެރަރިޒަމް އޮޕަރޭޝަނެއްގައި ބުރާސްފަތި ދުވަހުގެ ރޭ މީހަކު ހައްޔަރުކޮށްފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ވިލިމާލޭގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ދިވެހި ފިރިހެނަކު ހައްޔަރު ކުރުމުގެ އިތުރުން ބައެއް ގޭގެ ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ޑިވައިސް ފުލުހުން ވަނީ ހެކީގެ ގޮތުގައި އަތުލައިފަ އެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ޓެރަރިޒަމްގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓުގައި ސިއްރު މަޖިލީހެއް ބޭއްވިކަން ކްރިމިނަލް ކޯޓުން މި ނޫހަށް ޔަގީންކޮށްދިނެވެ.
މާލޭ ސަރަހައްދުގައި އެންޓި-ޓެރަރިޒަމް އޮޕަރޭޝަނެއް ފުލުހުން ކުރިއަށްގެންގޮސްފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2020 ގައި ދިން ބޮމުގެ ހަމަލާއަށްފަހު ރާއްޖޭގެ އެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި އޮއްވަ އެވެ.
ނަޝީދަށް ހަމަލާދީފައި ވަނީ ޓެރަރިސްޓު ޖަމާއަތް އައިސިސް އަށް ތާއީދު ކުރާ ދިވެހިންގެ ގްރޫޕަކުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ބޮން ގޮއްވާލި މީހާ އެކަމަށް އެއްބަސްވެ، އޭނާގެ މައްޗަށް މިހާރު ހުކުމް ވެސް ކޮށްފި އެވެ.

މާލޭގައި މިދިޔަ ރޯދަ މަހު ދިން ބޮމުގެ އެ ހަމަލާއަށްފަހު އައްޑޫ ސިޓީގައި ވެސް ފުލުހުން އެންޓި-ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގި އެވެ. އެފަހަރު ޖުމްލަ އަށް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.












