މެލްބަން (ޖެނުއަރީ 6) - ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗަށް މި މަހު ބާއްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނިކޮށް، އޭނާގެ ވިސާ ކެންސަލްކޮށްލައި، އަނބުރާ ގައުމަށް ފޮނުވާލަން އޮސްޓްރޭލިއާ އިން ކުރާ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލަން އޮސްޓްރޭލިއާގެ ކޯޓަކުން އަންގައިފަ އެވެ.
އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަަބަބުން ނޫނީ އެހެނިހެން މަގުބޫލު ސަބަބަކާ ހެދި ކަން ސާބިތުކޮށްދީގެންނެވެ. އެކަން ކުރެވެން އޮތީ ސިއްހީ މާހިރެއްގެ ލަފާގެ މަތިން "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަަހަޅައިގެންނެވެ. ޖޮކޮވިޗް، އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވާން ފުރުސަތު ދީފައި އޮތީ މެޑިކަލް އެގްޒެމްޕްޝަން ކޯޓާގެ ތެރެއިންނެވެ.
ދުބާއީ އިން ފުރައިގެން ޖޮކޮވިޗް އިއްޔެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން އޮސްޓްރޭލިއާގެ މެލްބަން އަށް ދިޔަ އެވެ. އެކަމަކު، އެއާޕޯޓްގައި އެތައް ގަޑިއިރެއް ވަންދެން ޖޮކޮވިޗް މަޑުކުރީ ވެކްސިން ޖެހިކަން ސާބިތުކޮށްދޭ ލިޔުމެއް ހޯދާށެވެ. މިދިޔަ އަހަރު ވެކްސިން ޖެހުމާ ދެކޮޅަށް ވާހަކަ ދެއްކި ޖޮކޮވިޗް ވަނީ ވެކްސިން ޖެހިކަމުގެ މައުލޫމާތު ދޭން ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ. އެހެންވެ، އޮސްޓްރޭލިއާ އިމިގްރޭޝަނުން ނިންމީ ޖޮކޮވިޗްގެ ވިސާ ކެންސަލް ކޮށްލާށެވެ.
ވިސާ ކެންސަލް ކޮށްލުމާ އެކު ޖޮކޮވިޗް ވަނީ އޮންލައިންކޮށް އޮސްޓްރޭލިއާ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ކޯޓުން މިއަދު މެންދުރު ފަހު ބޭއްވި އަޑުއެހުމުގައި އެންގީ ހޯމަ ދުވަހު ބާއްވާ ފައިނަލް އަޑުއެހުން ނިމެންދެން ޖޮކޮވިޗް ޑީޕޯޓްކޮށްލުން މަޑުޖެއްސުމަށެވެ. އެ ގޮތުން އޮސްޓްރޭލިއާ އިން ޑިޓެންޝަނުގެ މުއްދަތުގައި ޖޮކޮވިޗް ބަހައްޓާފައިވަނީ ޕާކް ހޮޓަލްގަ އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ވަނީ ކޮވިޑްގެ ވެކްސިން ނުޖަހާ އެއްވެސް ކުޅުންތެރިއަކަށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވޭނެ ކަމަށް އަންގައިފަ އެވެ.
އޮސްޓްރޭލިއާގައި މި ވަގުތު މަޑުކޮށްގެން ހުރި ޖޮކޮވިޗާ ފޯނުން ވާހަކަ ދެއްކުމަށް ފަހު ސާބިއާގެ ރައީސް އަލެކްސަންޑަ ވުސިޗް، ސާބިއާގެ މީޑިއާ އަށް ވިދާޅުވީ ސާބިއާގެ އެންމެން ތިބީ ޖޮކޮވިޗާ އެކުގައި ކަމަށެވެ. އަދި ޖޮކޮވިޗް އަކީ ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އަށް ވުމުން އެ ނަން ހަޑިކޮށް، ބަޔަކު ސިޔާސީ މަންފާއެއް ހާސިލްކުރަން ފުރުސަތު ނުދޭނެ ކަމަށް ވުސިޗް ވިދާޅުވި އެވެ.
ސާބިއާގެ މީހުންގެ އިތުރުން ޖޮކޮވިޗަށް އިންސާފު ހޯދައިދޭން އޮސްޓްރޭލިއާގައި ކޮވިޑް ވެކްސިނާ ދެކޮޅަށް ކެމްޕެއިން ކުރާ ގްރޫޕްތަކުން ވަނީ އަޑުއުފުލަައި، އެއްވުންތަކެއް ބާއްވައިފަ އެވެ. އެ އެއްވުންތައް ރޫޅާލާން އޮސްޓްރޭލިއާ ފުލުހުން ބާރުގެ ބޭނުންކުރާއިރު، މަދު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވަނީ މީޑިއާގައި ރިޕޯޓްކޮށްފަ އެވެ.
އޮސްޓްރޭލިއާ އިމިގްރޭޝަންގެ ވަކީލު ޖޯން ފިންޑްލީ ބުނީ ކޯޓުގައި އޮސްޓްރޭލިއާ އިމިގްރޭޝަނާއި ޖޮކޮވިޗް ވެސް ވަަރަށް ގިނަ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެ ކަމަށެވެ. އޭގެއިން ސުވާލެއްގައި ޖޮކޮވިޗް ރަނގަޅު ނޫން ޖަވާބެއް ދީ، ގަސްދުގައި މައުލޫމާތު އޮޅުވާލަން މަސައްކަތްކޮށްފިކަން ސާބިތުވެއްޖެނަމަ ތިން އަހަރަށް އޮސްޓްރޭލިއާ ވިސާ ނުލިބޭ ގޮތަށް ޖޮކޮވިޗް ސަސްޕެންޑްކުރާނެ ކަމަށެވެ.












