އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަޒޫކާ ސްޕޯޓްސް ކްލަބް އަތުން 14-0 އިން މޮޅުވެ، ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި އެޕެކްސް ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ނައިފަރު ޓާފް ދަނޑުގައި ކުޅޭ ފައިނަލުގައި އެޕެކްސް ބައްދަލުކުރާނީ ޑޮޓްކޮމް ސްޕޯޓްސް ކްލަބާ އެވެ.
އެންމެ ފުރަތަމަ ހަ ޓީމު ވިމެންސް އިންވިޓޭޝަން ކަޕްގައި ވާދަކުރާގޮތަށް އޮތް ނަމަވެސް އެންމެ ފަހު ވަގުތު ހިންނަވަރު ޓީމު ވަކިވުމުން މުބާރާތް ފަސް ޓީމަކާ އެކު ކުރިއަށް ގެންދަން ނިންމީ އެވެ. ފަސް ޓީމުގެ މެދުގައި ލީގު ބުރު ނިމުނުއިރު، އެއް ވަނަ އަށް ދިޔަ އެޕެކްސް އާއި ދެ ވަނަ އަށް ދިޔަ ޑޮޓްކޮމް އަދި ތިން ވަނަ އަށް ދިޔަ ކުރެންދޫ އެފްސީ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ފައިނަލަށް ދިޔަ ދެ ޓީމު ކަނޑައެޅީ ލަނޑުގެ ތަފާތުންނެވެ. އެޕެކްސްގެ ފައިދާ 19 ގޯލު އޮތްއިރު، ޑޮޓްކޮމްގެ ފައިދާ އަށް ގޯލު އެބައޮތެވެ. އެކަމަކު، ކުރެންދޫގެ ފައިދާ އޮތީ އެންމެ ގޯލެކެވެ.
ހަތަރު ވަނަ އަށް ދިޔަ އައިޑިއަލް މޫވްމަންޓް ނިންމާލީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ބަޒޫކާ އިން މުބާރާތް ނިންމާލީ މޮޅެއް ނުލިބި އެވެ.
މިއަދު ހަވީރު ލީގު ބުރުގައި ބަޒޫކާ ކޮޅަށް ފުރަތަމަ ހާފުގައި ފަސް ގޯލު އަދި ދެ ވަނަ ހާފުގައި ނުވަ ގޯލު ޖެހި އެވެ. އެޕެކްސްގެ ފާތިމަތު މިއުސާ ފަސް ގޯލު ޖެހިއިރު، ފިރުޝާނާ ނަސީރާއި ރަމްޝާ އަހުމަދު ސިމާން ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހެދި އެވެ. އާމިނަތު މައިސާ މުހައްމަދު އެއް ގޯލު ޖެހިއިރު، އައިޝަތު ޔަނާލް އަހުމަދު ވަނީ ގޯލެއް ޖަހައިފަ އެވެ.












