ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅޭނީ އަލިފުށީގައި

އަލިފުށީ ޓާފް ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: މުއާވިޔަތު އަބްދުލްލަތީފް

އަލިފުށީ ޓާފް ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: މުއާވިޔަތު އަބްދުލްލަތީފް

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ރ. އަތޮޅު އަލިފުށީ ޓާފް ދަނޑުގައި ކުޅޭގޮތަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު އަލިފުށީ ކައުންސިލާއި ޔޫތު މިނިސްޓްރީ އަދި އެފްއޭއެމްގެ އޮފިޝަލުން ވަނީ އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް ހޯސްޓް ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އާއި އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ޝާހު އިސްމާއިލް (ސާޔާ) އާއި އިސްމާއިލް ރިޔާޒް ބައިވެރިވެވަޑައިގެންނެވި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ރޭ "އަދަދު" އަށް ވިދާޅުވީ އަލިފުށީގައި ފައިނަލް ކުޅޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މިއީ މާލެ ނޫން ސަރަހައްދެއްގައި ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅޭނެ ތިން ވަނަ ފަހަރެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅުނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. އެ ފަހަރު މުޅި މުބާރާތް ހޯސްޓްކުރީ ހދ. ކުޅުދުއްފުއްޓާއި ހިތަދޫގަ އެވެ. އެއީ ގަލޮޅު ދަނޑު ވިނަގަނޑު ހަލާކުވެެގެން މުބާރާތް މާލެއިން ބޭރަށް ބަދަލުކުރީ އެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަންވެގެން ވިނަގަނޑު މަތީގައި އެޅި ރަބަރުގަނޑެއްގެ ސަބަބުންނެވެ.

މާލޭން ބޭރުގައި އެންމެ ފުރަތަމަ ކުޅުނު ފައިނަލަކީ 1970 ވަނަ އަހަރުގެ މުބާރާތެވެ. އައްޑޫގައި އޮތް އެ ފައިނަލުގައި ޑީއެންސީ އާއި މާލޭ ޒަމާނީ މިއުޒިކީ ކްލަބް 1-1 އިން އެއްވަރުވެ ޖެހުނީ ދެ ޓީމަށް ޖޮއިން ޗެމްޕިއަންކަން ދޭށެވެ.

ސަރުކާރުގެ ހަރަދުގައި އަލިފުށީގައި އެޅި ޓާފް ދަނޑު ނިމުނުކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގަ އެވެ. އޭގެ ފަހުން އަލިފުށީ ޒުވާނުން އަންނަނީ އެ ދަނޑުގެ ބޭނުން ހިފަމުންނެވެ. ސަރުކާރުގެ ހަރަދުގައި އަޅާ ޓާފް ދަނޑުތަކުގައި ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ ބޮޑެތި މެޗުތައް ކުޅުމަކީ ކުރިމަގަށް ބަލާއިރު، މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު މަހުލޫފް ދެކިލައްވަ އެވެ.

ހަތަރު އަހަރަށް ފަހު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގަ އެވެ. އެންމެ ފުރަތަމަ ލީގު ބުރެއް ކުޅުމަށް ފަހު މި މަހު 23 ވަނަ ދުވަހު ކުޅޭ ފައިނަލަށް ހޮވޭނީ ލީގު ބުރުގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ގޯލު އެއްވަރުވެ، ޖެހި ގޯލުގެ ތަފާތުންނެވެ. މިރޭގެ މޮޅާ އެކު ގްރީން ސްޓްރީޓްސް އިން ވަނީ ތިން ވަނައިގައި ލީޑެއް ނަގައިފަ އެވެ. ގްރީން ސްޓްރީޓްސް އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ސަސްގެ އޮތީ ހަ ޕޮއިންޓެވެ.

ފަސް ވަނައިގައި އޮތް އީގަލްސް އާއި ހަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުން ބޭއްވީ 2017 ވަނަ އަހަރު އެވެ. އެ ފަަހަރުގެ ޗެމްޕިއަނަކީ ނިއު ރޭޑިއަންޓެވެ. ފައިނަލުގައި ވާދަކުރީ ޓީސީއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox