އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި އައިޑިއަލް މޫވްމަންޓް 3-1 އިން ބަލިކޮށް ޑޮޓްކޮމް ސްޕޯޓްސް ކްލަބް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ފަސް ޓީމުގެ މެދުގައި ކުޅޭ އިންވިޓޭޝަން ކަޕްގެ ލީގު ބުުރުގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ފައިނަލަށް ހޮވޭނެ އެވެ. މިއަދުގެ މެޗު ނިމުނުއިރު، ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މާދަމާ ހަވީރު އެޕެކްސް ސްޕޯޓްސް ކްލަބާއި ބަޒޫކާ ސްޕޯޓްސް ކްލަބް ކުޅޭ މެޗެވެ.
ލީގުގެ ބުރުގައި ތިން ޓީމަކަށް މިހާތަނަށް ހުރިހާ މެޗެއް ނިމިފައިވާއިރު، އެއް ވަނައިގައި އޮތް ޑޮޓްކޮމް އާއި ދެ ވަނައިގައި އޮތް ކުރެންދޫ އެފްސީ އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ޑޮޓްކޮމް އަށް ފައިދާ ލަނޑުގެ ގޮތުގައި، އަށް ގޯލު އޮތްއިރު، ކުރެންދޫ އަށް ފައިދާ ގޯލުގެ ގޮތުގައި ހޯދިފައިވަނީ އެއް ގޯލެވެ. އެހެންވެ، ޑޮޓްކޮމަށް ފައިނަލުގެ ޖާގަ ޔަގީންވީ އެވެ.

ޑޮޓްކޮމް ކުޅުންތެރިއަކު ކައިރިން އައިޑިއަލްގެ ރަފާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އެފްއޭއެމް
ތިން ވަނައިގައި އޮތް އެޕެކްސް އިން މާދަމާ ބަޒޫކާ އަތުން މޮޅުވެއްޖެނަމަ، ކުރެންދޫ ކަޓައި ފައިނަލްގެ ދެ ވަނަ ޖާގަ އެޕެކްސް އަށް ލިބޭނެ އެވެ. ކުރެންދޫ އަށް ފައިނަލުގެ ޖާގައެއް އޮތީ މާދަމާ ހަވީރު އެޕެކްސް އަށް މޮޅުނުވެވިއްޖެނަމަ އެވެ. އެޕެކްސް މި ވަގުތު އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
މުބާރާތުން ކަޓާފައިވަނީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އޮތް އައިޑިއަލް އާއި ތިން މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބި އޮތް ބަޒޫކާ އެވެ.
ނައިފަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޑޮޓްކޮމްގެ މަރިޔަމް. ނޫރާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އައިޑިއަލްގެ އައިޝަތު އަހުލާމް އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދިން ނަމަވެސް ޑޮޓްކޮމް އަށް ކުޅޭ ގައުމީ އަންހެން ޓީމުގެ ފޯވާޑް ޝަހުލާ ތައުފީގު ވަނީ ގޯލެއް ޖަހައި އެ ޓީމަށް ފައިނަލުގެ ޖާގައެއް ޔަގީންކޮށްދީފަ އެވެ.
ވިމެންސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު އޮތީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.










