އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އައިޑިއަލް މޫވްމަންޓް 6-2 އިން ބަލިކޮށް އެޕެކްސް ސްޕޯޓްސް ކްލަބް ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.
އިއްޔެގެ ނަތީޖާއާ އެކު އައިޑިއަލް އަށް ވަނީ ފައިނަލަށް ދިއުމުގެ ދޮރު ބަންދުވެފަ އެވެ. ފައިނަލުގެ ޖާގަ އަކަށް މިހާރު ވާދަކުރަމުން އަންނަނީ އެޕެކްސްގެ އިތުރުން ކުރެންދޫ އެފްސީ އާއި އެޕެކްސް އެވެ.
ލީގު ބުރުގެ އެންމެ މަތިން ނިންމާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށް އޮތްއިރު، އެއް ވަނައިގައި އޮތީ ލީގު ބުރުގެ ހަތަރު މެޗު. ވެސް ކުޅެފައިވާ ކުރެންދޫ އެވެ. ކުރެންދޫ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ޑޮޓްކޮމް އެވެ. ތިން ވަނައިގައި އޮތް އެޕެކްސް އަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ފައިދާ ގޯލުން ކުރި ލިބެނީ ޑޮޓްކޮމް އަށެވެ. ޑޮޓްކޮމްގެ ފައިދާ ހަ ގޯލު އޮތްއިރު، އެޕެކްސްގެ އޮތީ ފަސް ގޯލެވެ.
ހަތަރު ވަަނައިގައި އޮތް އައިޑިއަލް އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ބަޒޫކާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ނައިފަރު ޓާފް ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ފާތިމަތު މިއުސާގެ ދެ ގޯލާއި އައިޝަތު ސިއުނާގެ ގޯލުން އެޕެކްސް އިން ރަނގަޅު ލީޑެއްނެގި އެވެ. އައިޝަތު އަހުލާމް ވަނީ ގޯލެއް ޖަހައި އައިޑިއަލް އަށް އުއްމީދެއް ހޯދައިދީފަ އެވެ.
އެކަމަކު، މިއުސާ ވަނީ އިތުރު ދެ ގޯލު ޖަހައި މެޗުގައި އޭނާގެ ގޯލުގެ އަދަދު ހަތަރަކަށް ހަދައިފަ އެވެ. އައިޑިއަލްގެ މަރިޔަމް ސަހާ އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދިންއިރު، ސިއުނާ ވަނީ އެޕެކްސް އަށް ހަ ވަނަ ގޯލެއް ޖަހައިދީ މެޗުން މޮޅުކޮށްދީފަ އެވެ.
ވިމެންސް އިންވިޓޭޝަން ކަޕްގެ ނައިފަރު މުބާރާތުގެ ލީގު ބުރުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ މާދަމާ ޑޮޓްކޮމް އާއި އައިޑިއަލް ކުޅޭ މެޗާއި ބުދަ ދުވަހު އެޕެކްސް އާއި ބަޒޫކާ ކުޅޭ މެޗެވެ. ކުރިއަށް އޮތް މެޗުތަކުން ޑޮޓްކޮމް އާއި އެޕެކްސް މޮޅުވެއްޖެނަމަ މި މަހު އަށް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ވާދަކުރަން ޖެހޭނީ އެ ދެ ޓީމެވެ.










