ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް ވެލެންސިއާ އިން ފަހަތުން އަރައި 2-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެއް ވަނައިގައި އޮތީ ރޭ ގްރާންޑޭ އަތުން ބޮޑު މޮޅެއް ހޯދި މާޒިޔާ އެވެ. އެއީ ދެ ވަނައިގައި އޮތް ވެލެންސިއާއާ އެއްވަރަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން މާޒިޔާ އަށް ކުރި ލިބޭތީ އެވެ. މާޒިޔާ އާއި ވެލެންސިއާގެ ވެސް ފައިދާގެ ގޮތުގައި ނުވަ ގޯލު އޮތްއިރު، ޖެހި ގޯލުން ކުރި ލިބެނީ މާޒިޔާ އަށެވެ. މާޒިޔާ އިން 12 ގޯލު ޖެހިއިރު، ވެލެންސިއާ އިން ޖެހީ 11 ގޯލެވެ.
މެޗު ފަށައިގެން މާ ގިނައިރެއްނުވެ ޓީސީ އަށް ވަނީ ބަދަލެއް ކުރަން ޖެހިފަ އެވެ. އެ ޓީމުގެ ކުރިއަށް ކުޅެމުން ދިޔަ ޒުވާން ފޯވާޑް މުހައްމަދު މާއިޝް މައުސޫމް (މާސޭ) އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ވަނީ ޒަޔާން ނަސީރު (ޒައްޔު) ކުޅެން އަރުވައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޓީސީގެ ޒައްޔު އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފުރަަތަމަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޓީސީން ވަނީ މެޗުގެ 24 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. ހިލޭ ޖެހުމަކުން ޓީސީގެ ހަމްދޫން އަބްދުލް ލަތީފް ހިލޭޖެހުމަކުން ނެގި ބޯޅައެއް ވެލެންސިއާގެ ކީީޕަރު މުހައްމަދު ފައިސަލް އަތުގައި ޖެހިފައި ދޫވި ވަގުތު ޓީސީގެ ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ފޮނުވާލުމުން ވެލެންސިއާގެ ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލަސް ވަނީ ބްލޮކްކޮށްފަ އެވެ.
ވެލެންސިއާގެ ފުރަތަމަ ފުރުސަތު ލިބުނީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ހުސްކޮށްލާފައި އޭރިއާތެރެއިން އަހުމަދު ސިޒާނަށް ދިން ބޯޅަ އޭނާ ފަޔަށް ރަނގަޅަށް ލައްވާލާގޮތްނުވިއިރު، އެ ބޯޅަ ދިޔައީ ގޯލާ މާދުުރުން ބޭރުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިއާ ރޮނގުކައިރިން ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ޓީސީން ލީޑުނެގީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. ޓީސީގެ އަހްނަފް މުހައްމަދު ތަސްނީމް ނަގައިދިން ހުރަހަކުން އެ ޓީމުގެ ހަސަން އީނާޒް ބޮލުން ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރު ފައިސަލަަށް ލިބުމުގެ ކުރިން ޒައްޔު ވަނީ ބޮލުން ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ވެލެންސިއާގެ ޑަކްސަން ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި ޓީސީގެ ދެ ވަނަ ގޯލު ޖަހަން ޒައްޔު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ފުރަތަމަ ހާފުގައި ވެލެންސިއާ އަށް ޓީސީ ގޯލަށް އަމާޒުކޮށް މާ ގިނަ ހަމަލާއެއް ފޮނުވާލެވިފައިނުވި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭރިއާތެެރެއިން ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ދިން ބޯޅަ އެ ޓީމުގެ ހުސެއިން ހަނާން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗުގެ 50 ވަނަ މިނިޓްގައި ވެެލެންސިއާ އިން ލީޑުނެގުމާ ގާތަށް ޖެހިލައިފަ އެވެ. ހަނާން ނެގި ހުރަސް ޓީސީ ކީޕަރު އާދަމް އިމްއާން އަތްމަތިން ގޮސް އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ 15 މިނިޓް ފަހުން މެޗުގެ 66 ވަނަ މިނިޓްގައި އޭރިއާތެެރެއިން ބޯހަސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ވެެލެންސިއާ އިން ލީޑުނެގީ މެޗުގެ 69 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ޓީސީގެ އީނާޒް ކައިރިން ނައްޓާފައި ބޯހަސް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ހަނާން ނެގި ހުރަހަކުން އޭރިއާތެެރެއިން ސެންޓޭ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. މެޗުގެ 83 ވަނަ މިނިޓްގައި ވެލެންސިއާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ސެންޓޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެެރެއިން ބޯހަސް މުޅިން ހުސްކޮށްލާފައި ސެންޓޭ އަށް ޖައްސާލި ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ. މެޗުގެ އިތުރު ވަގުތުގައި އޭރިއާތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން ވަނީ ސަލާމަތްކޮށްފަ އެވެ.
ޓީސީ މި މެޗުން ބަލިވުމުން ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ. ފަސް ވަނައިގައި އޮތް އީގަލްސް އާއި ހަ ވަނައިގައި އޮތް ޓީސީ އަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އީގަލްސް އަށް ކުރި ލިބެ އެވެ.












