ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ ބަހުސްގައި އަބަދުވެސް ލިއޮނަލް މެސީގެ ނަން އޮންނާނެ އެވެ. އެއީ އެ ފަދަ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއަކު ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި. ވެސް ފެނިފައިވަނީ މަދު ފަހަރަކު ކަމަށްވާތީ އެވެ. މޮޅު ކުޅުންތެރިއަކު ކޮންމެ އަހަރަކު އާދަޔާހިލާފު ގިނަ ކަންތައްތަކެއް ތަޖުރިބާކުރެ އެވެ. އެ ގޮތުން ނިމިދިޔަ 2021 ވަނަ އަހަރަކީ މެސީ އޭނާގެ ދިގު ފުޓްބޯޅަ ކެރިއަރުގައި ވެސް އެކި ގޮތްގޮތުން ހަނދާން ހުންނާނެ އަހަރެކެވެ.
ކުރިން ފާހަގަކުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ބަހުސްގައި މީގެ ކުރިން މެސީ އަށް މަދުން ޕޮއިންޓް ލިބޭ އެއް ސަަބަބަކީ އާޖެންޓީނާއާ އެކު "ބޮޑު" ކާމިޔާބެއް ލިބިފައިނެތުމެވެ. އާޖެންޓީނާ ގޮވައިގެން ނުކުމެ، ޖެހިޖެހިގެން ތިން ފައިނަލުން މެސީ ވަނީ ނާކާމިޔާބީއާ ކުރިމަތިލައިފަ އެވެ. އެ އުދާސްތަކުން އަރައިނުގަނެވި، މެސީ ވަނީ ގައުމީ ޓީމަށް ކުޅުން ވެސް ހުއްޓާލައިފަ އެވެ.
އެކަމަކު، އަލުން އެ އަށް ވުރެ ވަރުގަދަ ޖޯޝެއްގައި މެސީ، ގައުމީ ޖޯޒީގައި އެނބުރި އައީ ކެރިއަރު ނިމުމުގެ ކުރިން ގައުމީ ޓީމަށް ބޮޑު ކަމެއް ހާސިލްކޮށްދިނުމުގެ ބޭނުމުގަ އެވެ.
2021 ކޮޕަ އެމެރިކާ "މެސީގެ މުބާރާތެއް"
މިދިޔަ އަހަރު އެންމެ ފުރަތަމަ ކޮލަމްބިއާ އާއި އާޖެންޓީނާގައި ކުޅެން ރޭވި ކޮޕަ އެމެރިކާ، ސިޔާސީ އާއި އެހެނިހެން ސަބަބުތަކަށްޓަކައި އެ ގައުމުތަކުގައި ބޭއްވޭ ގޮތެއްނުވި އެވެ. އަލުން ބިޑަށް ހުޅުވާލައިގެން މުބާރާތް ހޯސްޓް ކުރީ ބްރެޒިލުންނެވެ.
ބްރެޒިލްގައި ކުޅުނު ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު، އިންޑިވިޖުއަލް ހުރިހާ ކަމެއްގެ ލިސްޓުގެ ކުރީގައި އޮތީ މެސީ އެވެ. ތަށި ހޯދުމާ އެކު މުޅި މުބާރާތުގައި މެސީ ވިދާލީ އެވެ.

މެސީ ކޮޕަ އެމެރިކާ ތަށްޓައް ބޮސްދެނީ: މެސީ ވަނީ 2008 ވަަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ވެސް އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާ އެކު ހޯދާފައި.
ކޮޕަ އެމެރިކާ މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މެސީ އެވެ. އެންމެ ގިނަ ލަނޑު ޖަހައި، އެންމެ ގިނަ ލަނޑު ޖަހަން ފުުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން އެންމެ ގިނަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް މެސީ އެވެ. މިއީ ކޮޕަ އެމެރިކާގެ ދިގު ތާރީހުގައި ވެސް މީގެ ކުރިން ކުޅުންތެރިއަކަށް ހާސިލްކުރެވިފައިނުވާ ކަމެކެވެ.
އާޖެންޓީނާ އިން 1993 ވަނަ އަހަރަށް ފަހު، ފާއިތުވި 28 އަހަރު ތެރޭ ބޮޑު މުބާރާތެއްގެ ތަށި އުފުލާލިއިރު، ޓީމުގެ ކެޕްޓަނަކަށް ހުރި މެސީ އަށް ލިބުނީ ހީވެސް ނުކުރާފަދަ ބޮޑު އުފަލެކެވެ.
ކޮޕަ އެމެރިކާގެ ކާމިޔާބީގެ ހިތްހަަމަ ޖެހުމަށް ފަހު މެސީ ދެން ކުރިމަތިލާން ޖެހުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ދުވަހަކު ވެސް ކުރިމަތިލާން ނޭދޭ ފަދަ ހިތްދަތި ކަމަކާ އެވެ. ބާސެލޯނާގައި މަޑުކުރަން ބޭނުންވި ނަމަވެސް ޖެހުނީ އެ ޓީމު ދޫކޮށްލާށެވެ.
ބާސެލޯނާގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުން: މެސީ ކަރުނައިން ފޯވެފައި!
ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއުއާ މައްސަލަ ޖެހި 2019 ވަނަ އަހަރު މެސީ ކްލަބް ދޫކޮށްލަން ބޭނުންވި އެވެ. އެކަމަކު، ބާޓޮމެއުގެ ލީޑަޝިޕުން ދޫނުދޭތީ މެސީ ޖެހުނީ ޓީމުގައި މަޑުކުރާށެވެ. މިދިޔަ އަހަރުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވި ނަމަވެސް ކޮޕަ އެމެރިކާ އަށް ދިޔައިރު، މެސީ ވަނީ އެނބުރި އައިސް ފަސް އަހަރަށް ބާސެލޯނާގައި މަޑުކުރަން ނިންމައި، ކޮންޓްރެކްޓްގައި ސޮއިކުރަން އެއްބަސްވެފަ އެވެ. އެއީ ބާސެލޯނާގެ އާ ރައީސް ޖޮއާން ލަޕޯޓާގެ މަސައްކަތަށް އިތުބާރު ކުރެވޭތީ އެވެ.
އެކަމަކު، ކަން ހިނގީ އެހެނެއް ނޫނެވެ.
ކޮޕަ އެމެރިކާގެ ތަށި ހިފައިގެން އާޖެންޓީނާ ޓީމާ އެކު އުފާފާޅުކުރިތާ މަހެއްހާ ދުވަސް ނުވަނިސް މެސީ ހުރީ ބާސެލޯނާގެ ކޭމްޕް ނައު ސްޓޭޑިއަމްގައި ބެހެއްޓިފައި ހުރި ޕޯޑިއަމެއް ކައިރީގައި އޭނާގެ ކެރިއަރުގައި ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހާސިލްކުރި ބާސެލޯނާ ދޫކޮށްލަން ޖެހިފައިވާކަން އިއުލާނުކުރާށެވެ. ކަރުނައިން ފޯވެފައި ހުރެ، މެސީ ބުނީ 21 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލަން ޖެހުމުން ވަރަށް އަސަރުކޮށްފައިވާ ކަމަށެވެ.

ބާސެލޯނާގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ރޮނީ.
ބާސެލޯނާގެ އާ ރައީސް ޔޮއާން ލަޕޯޓާއާ އެކު މިދިޔަ މެއި މަހު ބޭއްވި ބައްދަލުވުންތަކަށް ފަހު މެސީ، 34، ބާސެލޯނާގައި އިތުރު ފަސް އަހަރަށް މަޑުކުރަން ނިންމީ 50 ޕަސެންޓް ކުޑަ މުސާރައެއް ލިބޭ ގޮތަށް ކްލަބްގެ މާލީ ހާލަތަށް ބެލުމަށް ފަހު އެވެ. މެސީ ވަނީ އެއީ ހަގީގަތެއް ކަމަށް ބުނެފަ އެވެ.
އެކަމަކު، ހުރިހާ ކަމެއް ހުއްޓުނީ ބާސެލޯނާގެ މުޅި ޓީމުގެ ޖުމްލަ މުސާރަ އޮތްގޮތުން ލަލީގާގެ ގަވާއިދުތަކުގެ ތެެރެއިން މެސީ އެ ޓީމުގައި މަޑުކުރެވެން ނެތްކަން ކަށަވަރުވެ، ލަލީގާ އިން އެކަން ހުއްޓުވުމުންނެވެ. މެސީ ކްލަބް ދޫކޮށްދާން ޖެހުމާ ބެހޭގޮތުން ލަޕޯޓާ ވިދާޅުވީ ހިތާ ދެކޮޅަށް ވެސް ދިމާވެފައި އޮތް ހާލަތުގެ ސަބަބުން މެސީ ދޫކޮށްލަން ޖެހުނީ ކަމަށެވެ. މެސީ ބުނީ ޗުއްޓީ އަށް ފަހު އެނބުރި އައިސް ބާސެލޯނާއާ އެކު ކޮންޓްރެކްޓް ސޮއިކުރުމުގެ އަމާޒުގައި ހުއްޓައި ކްލަބް ދޫކޮށްފައި ދާން ޖެހޭކަން އެނގުމުން ލިބުނީ ޝޮކެއް ކަމަށެވެ.
ޕީއެސްޖީގެ ޓްރާންސްފާ އާއި ހަތް ވަނަ ބެލޮންޑިއޯގެ އުފާ
ބާސެލޯނާ ދޫކޮށް މެސީ އެހެން ޓީމަކާ ގުޅޭނަމަ އޭނާ ފެނުން އެންމެ ގާތީ ދެ ކްލަބަކުން ކަން މީގެ ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެއީ އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އާއި ފްރާންސްގެ ޕީއެސްޖީ އެވެ. މެސީ އަށް ބާސެލޯނާގައި މަޑުނުކުރެވޭކަން އެނގުނު ހިސާބުން ޕީއެސްޖީން އޭނާގެ ސޮއި ހޯދުމުގެ ކަންކަން ފެށި އެވެ. އެހެން ޓީމަކުން މެސީ ހޯދުމުގެ ރޭހަށް ވަންނަން އެއްވެސް ފުރުސަތެއް ނުދީ މެސީގެ ޓްރާންސްފާ ކަންކަން ޕީއެސްޖީން ނިންމާލީ ހަލުވި ދުވެއްޔެއްގަ އެވެ.

ބެލޮންޑިއޯ ހަފްލާގެ ތެރެއިން މެސީ.
ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، ބޯނަހެއްގެ ގޮތުގައި އޭނާ އަށް 25 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) ލިބުނެވެ. އޭނާ ޕީއެސްޖީ އަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މުސާރަ އަކީ ކޮންމެ އަހަރަކު 35 މިލިއަން ޑޮލަރެވެ.
ޕީއެސްޖީއާ އެކު މެސީގެ އެންމެ މޮޅު ކުޅުން އަދި ނުފެނެ އެވެ. އެކަމަކު، އޭނާ ވަނީ ޕީއެސްޖީ އަށް މި ސީޒަނުގެ މިހާތަނަށް ވެސް މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ.
މެސީ އަށް އެކި އިހުސާސްތަކެއް ކުރެވުނު 2021 ވަނަ އަހަރު ނިންމާލަން ޖެހުނީ ތާރީހީ ކާމިޔާބަކާ އެކު އެވެ. ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ވަނަ ފަހަރަށް މެސީ އަށް ވަނީ ލިބިފަ އެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ.












