ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
މި ފަހަރުގެ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުން މޮޅުވި، މާޒިޔާ ވަނީ ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި އީގަލްސް އަދި ޓީސީ ބަލިކޮށްފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް ވަނީ ތިން މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް ވެލެންސިއާ އާއި ދެ ވަނައިގައި އޮތް މާޒިޔާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަތަރެއްގައި އޮތް ސަސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓީސީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ދަ ގްރާންޑޭ އާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. އީގަލްސް ފުލުގައި އޮތީ ތިން މެޗުން ބަލިވެ ޕޮއިންޓެއް ވެސް ނުލިބި އެވެ.
ޓީސީން މިރޭގެ މެޗު ފަށައިގެން ކުޅެމުންދިޔައީ ކައުންޓަ އެޓޭކް ސިސްޓަމަކަށް ރާވައިގެންނެވެ. އެ ގޮތަށް ކުޅެގެން މެޗުގެ 17 ވަނަ މިނިޓްގައި ޓީސީން ވަނީ ރަނގަޅު ފުރުސަތެއް ތަނަަވަސްކޮށްފަ އެވެ. ޓީސީގެ އަހްނަފް މުހައްމަދު ތަސްނީމް އަރިމަތިން މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) ކައިރިން ނައްޓާފައި އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ މާޒިޔާގެ ނޭޕާލް ކީޕަރު ކިރަން ކުމާރް ވަނީ ބޭރުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ފޮނުވާލަން ޓީސީގެ ފޯވާޑް ޒަޔާން ނަސީރު އަރައިހުރި ނަމަވެސް އޭނާ އަށް ލިބުމުގެ ކުރިން ކިރަން ބޯޅަ ސަލާމަތްކުރީ އެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
މާޒިޔާ އިން ޓީސީ ހާފް ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. މާޒިޔާގެ އަހުމަދު އަބްދުﷲ (ލިލީ) މަތިން އޭރިއާތެރެއަށް ބޯޅަ ހުރަސްކޮށްލި ވަގުތުގައި އެ ޓީމުގެ އިބްރާހިމް އައިސަމް ބޮލުން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން މާޒިޔާގެ ލީޑުފުޅާކޮށްދިނީ އިބްރާހިމް ވަހީދު ހަަސަން (އިއްބެ) އެވެ. އިއްބެ މި ގޯލު ޖެހީ އައިސަމް ނަގައިދިން ހިލޭ ޖެހުމަކުން ބޮލުންނެވެ.
ދެ ވަނަ ހާފް ފަށައިގެން މާޒިޔާ އިން ވަނީ މުހައްމަދު އުމެއިރު ކުޅެން އަރުވައިފަ އެވެ. މެޗުގެ 57 ވަނަ މިނިޓްގައި މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ނެގި ހުރަހަކުން އުމެއިރު ޖެހި ސައިޑްކިކް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ހިލޭ ޖެހުމަކުން އުމެއިރު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މެޗުގެ 79 ވަނަ މިނިޓްގައި މާޒިޔާގެ ކޯނޭ ވަނީ ގޯލެއް ޖަހައިފަ އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ނަގައިދިން ހުރަހަކުން ކޯނޭ މި ގޯލު ޖެހިއިރު ހުރީ އޮފްސައިޑްގައި ކަމަށްވާތީ އެ ގޯލު ބަލައިނުގަތެވެ.
ޓީސީގެ ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު މުސްލިހު (މުއްޓި) އެވެ. މެޗުގެ 88 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން މުއްޓި ޖެހި ބޯޅަ ގޯލަށް ވަނީ މާޒިޔާގެ ކީޕަރު ކިރަން އަތްދަށުން ގޮހެވެ. ކިރަން އަށް އެ ބޯޅަ ބޭރުކުރެވުނީ ގޯލުގެ ރޮނގުހުރަސްކުރި ފަހުންނެވެ.
މެޗުގެ އިތުރު ވަގުތުގައި ކޯނޭގެ ބަދަލުގައި ކުޅެން އެރި މާޒިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުޅެން އެރިތާ މިނިޓެއް ތެރޭ ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ހަމްޕު ޖެހި ބޯޅައިގައި ބާރެއް ނެތްއިރު، ޓީސީގެ ކީޕަރު އާދަމް އިމްއާން ވަނީ ބޯޅަ މަތަކޮށްފަ އެވެ. ފަހުން އެޓޭކަށް އަރައި ނަތީޖާ ހަމަހަމަކުރަން ޓީސީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި އީގަލްސް ކުޅޭނީ ޔުނައިޓެޑް ވިކްޓްރީއާ އެވެ. އެރޭ ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ދަ ގްރާންޑޭއާ އެވެ.











