ދެ ވަނަ ހާފުގައި ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުން، ކްލަބް ވެލެންސިއާ އިން މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު ވެލެންސިއާ ވަނީ ޕްރެޒިޑެންޓްސް ކަޕްގައި އެ ޓީމުގެ މޮޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ. ފުރަތަމަ މެޗުން ވެލެންސިއާ ވަނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 5-0 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ވެލެންސިއާ މޮޅުވީ 3-1 އިންނެވެ. އަދި މިއަދު މި ވަނީ ދަ ގްރާންޑޭ އަތުން 1-0 އިން މޮޅުވެފަ އެވެ.
ލީގު ބުރުގައި މިހާތަނަށް ވެލެންސިއާ އާއި ދަ ގްރާންޑޭ ނޫން ކޮންމެ ޓީމެއް ކުޅުނީ ދެ މެޗެވެ. ތިން މެޗުން ވެސް މޮޅުވި ވެލެންސިއާ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި މާޒިޔާ އޮތީ ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ގްރީން އާއި ހަތަރެއްގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ފަހެއްގައި އޮތް ޓީސީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ދަ ގްރާންޑޭ އާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ޕޮއިންޓެއް ނުލިބި އީގަލްސް އޮތީ އެންމެ ފުލުގަ އެވެ.

ވެލެންސިއާގެ ބޯހަސް (ކ) ދަ ގްރާންޑޭގެ އިވަނޮވިޗް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ވެލެންސިއާ އިން ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އެ ޓީމުގެ ކުރިއަށް ކުޅުނު ސެންޓޭ އާއި ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އަށް ލިބުނު ފުރުސަތުތަކުގައި ގޯލަށް ނުރައްކާ ކުރާ ވަރުގެ ހަމަލާއެއް މި ހާފުގައި ފޮނުވާނުލެވުނެވެ.
ވެލެންސިއާ އަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތުތައް ލިބެން ފެށީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހުސެއިން ހަނާން ދަ ގްރާންޑޭގެ ދެ ޑިފެންޑަރު ކައިރިން ނައްޓާފައި މުޅިން ހުސްކޮށް އޭރިއާތެރެއަށް ޖައްސާލި ބޯޅަ ސެންޓޭ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.
އޭގެ އިރުކޮޅެއް ފަހުން ކައުންޓަ އެޓޭކުގައި ދަ ގްރާންޑޭގެ މިޑްފީލްޑަރު އަހުމަދު އަބްދުއްސައްތާރަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ އަމާޒުވީ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް އަތަށެވެ.
ލީޑުނަގަން ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހަސް ވެސް ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ސެންޓޭ އަށް އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ދަ ގްރާންޑޭގެ ކީޕަރު އިސްމާއިލް ޝިހާމް ޕަންޗްކޮށްލި ބޯޅަ އޭރިއާ ރޮނގުކައިރިން ބޯހަސް އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ފުރަތަމަ އަމާޒުވީ ހުރަސްދަނޑިއަށެވެ. ދެ ވަނަ ފަހަރަށް ބޯހަސް އަށް ލިބުމުން އޭނާ ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ދަ ގްރާންޑޭގެ ސާބިއާ ޑިފެންޑަރު މާކޯ އިވަނޮވިޗް އެވެ. މިއީ އިވަނޮވިޗް ގްރާންޑޭ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ގޯލު ޖެހުމަށް ފަހު ސެންޓޭ ވެލެންސިއާގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސެންޓޭ، ވެލެންސިއާގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 77 ވަަނަ މިނިޓްގަ އެވެ. ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް އަރިމަތިން ހުސްކޮށްލާފައި ބޯހަސް އަށް ދިން ބޯޅަ އޭނާ ހުރަސްކޮށްލީ އޭރިއާތެރޭގައި ހުރި ސެންޓޭ އަށެވެ. ހަމަޖެހިލާފައި ވޮލީ އަކުން ސެންޓޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ބަދަލުތަކެއް ގެނެސްގެން ދަ ގްރާންޑޭ އިން ލަނޑެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބެއްނުވި އެވެ. އަނިޔާގެ ސަބަބުން ވެލެންސިއާގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) މިއަދުގެ މެޗުގައި ވެސް ނުކުޅެ އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.












