ހުޅުމާލޭގެ ދެވަނަ ފޭސްއިން އެކި ވަރުގެ 60 ބިން ވިއްކަން، އެޗްޑީސީން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
އެޗްޑީސީން މިއަދު ޖެހި އިއުލާނެއްގައިވާ ގޮތުން ދެވަނަ ފޭސްއިން ވިއްކަން ހުޅުވައިލީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ 60 ބިމެވެ. އެބިންތައް ވިއްކުމަށް ޓަކައިި ބީލަން ވިއްކަން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ބިންތަކާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ އެޗްޑީސީގެ އިއުލާނުގައި ބުނި ގޮތުގައި އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.
ބީލަން ހުށަހެޅުން އޮންނާނީ 09 ފެބްރުއަރީ އަދި 16 ފެބްރުއަރީގައި ކަމަށާއި ބީލަން ހުޅުވުން ވެސް ހަމަ އެ ދެދުވަހު އޮންނާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ. ބީލަން ފޮތް ގަތުމާއި މައުލޫމާތު ސާފުކުރުމުގެ މަރުހަލާ އީމެއިލް މެދުވެރިކޮށް ވެސް ކުރިއަށް ގެންދާނެ އެވެ.
ހުޅުމާލެއިން ބިން ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރާނީ ސްކޫލްތަކާއި، މަގުތަކާއި އެހެނިހެން އިޖްތިމާއީ އަދި އުމްރާނީ ބޭނުންތައް ފުރިހަމަކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށް އެޗްޑީސީން ކުރިން ބުންޏެވެ.

ހުޅުމާލެއިން ބިން ވިއްކުމާ ދެކޮޅު މީހުން ބުނަމުން އަންނަނީ ބިން ވިއްކުމަކީ ހުޅުމާލެ ހިއްކި ބޭނުން ކަމުގައިވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އަދި ބިމުގެ ދަތިކަން އިންތިހާއަށް އޮތް މާލެ ސަރަހައްދުގައި މިހެން ބިން ވިއްކުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އެ މީހުން އަންނަނީ ބުނަމުންނެވެ.
އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިދިޔަ އޮގަސްޓް މަހު "އަދަދު"ގެ "ވިޔަ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީޑީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހުޅުމާލެ ޑިޒައިންކުރީ އެކި ފަންތީގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ވިސްނައިގެން ކަމަށެވެ. އަދި ސިޓީއެއްގެ ގޮތުގައި އެންމެ ފުރިހަމައަށް ތަރައްގީވާން ހުރިހާ ފަންތިއެއްގެ ރައްޔިތުން އެތަނެއްގައި ދިރިއުޅުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.













