ކޮރަޕްޝަނާ ދެކޮޅު މަސައްކަތުގެ ތެދުވެރިކަން ބަލާ މިންގަނޑަކީ ނަފުރަތު، މަސައްކަތް ރަނގަޅު: އޭސީސީ

ކޮރަޕްޝަނާ ދެކޮޅު މަސައްކަތުގެ ތެދުވެރިކަން ބަލާ މިންގަނޑަކީ ނަފުރަތު، މަސައްކަތް ރަނގަޅު: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މިހާރު ތިއްބެވި ތިން މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިހާރު ކުރިޔަށް ގެންދާ މަރުހަލާއަކީ، "ތެދުވެރިކަން ދޭހަކޮށްދޭ" ކަމެއް ކަމަށް އެ މެމްބަރުން ސިފަކުރައްވައިފި އެވެ.

އެކޮމިޝަނުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ.

އެ މެމްބަރުންގެ އަމިއްލަ ދިފާއުގައި ތައްޔާރުކޮށް، އޭސީސީގެ ރަސްމީ ވެބްސައިޓްގައި މިއަދު ޖެހި ދިގު ބަޔާނެއްގައި ބުނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި، އެ މަސައްކަތުގެ ތެދުވެރިކަން މިންކުރަން ބޭނުންކުރާ އެއް މިންގަނޑަކީ، އެ މަސައްކަތްކުރާ މީހުންނަށް ނަފުރަތުކޮށް މަސައްކަތް ނާކާމިޔާބު ކުރުވައި، އެ މަސައްކަތްކުރާ މީހުން ބަލިކަށިކޮށްލަން މަސައްކަތްކުރާ މީހުން ގިނަވުން ކަމަށެވެ.

"މި މިންގަނޑުން ބަލާއިރު، ކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރަމުން މިހާތަނަށް އައިސްފައި މިވަނީ ރަނގަޅަށް ކަމަށް ކޮމިޝަނުން ޤަބޫލުކުރަމެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

އޭސީސީގެ މެމްބަރުން މިހެން ވިދާޅުވި އިރު، އެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފުރަތަމަ ވެސް ނިންމީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި ޕާފޯމެންސް އޮޑިޓެއްގެ ހޯދުންތަކަށް ބިނާކޮށްގެންނެވެ. އެ އޮޑިޓް ހަދަން މަޖިލީހުން އޮޑިޓާ ޖެނެރަލްގެ އޮފީހާ ހަވާލުކުރީ އެކި މިދިޔަ ދެ އަހަރު ތެރޭގައި އޭސީސީއާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި، އެކި އެކި މައްސަލަތައް ނިންމަން އޭސީސީން ކޮމިޓީއަށް ދިން މުހުލަތުތައް ފަހަނަ އަޅައި ދިޔަ ފަހުންނެވެ.

އޮޑިޓް ރިޕޯޓްގައިވާ ގިނަ ހޯދުންތަކަށް ވަކިވަކިން ރައްދު ދިނުމަށް އޭސީސީގެ ބަޔާނުގައި ޖުމްލަ 23 ނުކުތާއެއް ހިމަނާފައި ވެ އެވެ. އޭގެ އެންމެ ފަހު ނުކުތާގައި ބުނީ ކޮމިޝަނުގެ މަސައްކަތްތައް އިސްލާހުކުރަން ލަފާދީފައިވާ ގިނަ ކަންތައްތަކަކީ މިހާރު ވެސް އެކި މަރުހަލާގައި ހިންގަމުން އަންނަ މަސައްކަތްތައް ނުވަތަ ނިމިފައިވާ މަސައްކަތްތައް ކަމަށެވެ.

"...ކޮމިޝަނުން ކުރަމުންދާ ނުވަތަ އިސްލާހުކޮށްފައިވާ މަސައްކަތްތަކެއް އަލުން އިސްލާހުކުރަން ލަފާ ދީފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްފައިކަން، ރިޕޯޓުގައި ސާފެއް ނުވެ އެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހަށް ހުށަހަޅީ އެކޮމިޝަން ވެސް ހިމެނޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކަންތައްތައް ބަލަން މަޖިލީހުގައި އޮންނަ ކޮމިޓީން ކަމަށް ވިޔަސް، ބަޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ކޮމިޝަނަށް ފާޑުކިޔަނީ އެތަނުން ބަލާ މައްސަލަތަކުގައި މަސްލަހަތު އޮތް ފަރާތްތަކަކުންނެވެ.

"...އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކުރެ އެވެ. އަދި ނިޒާމުގެ އެތެރެއިންނާއި ބޭރުން އެކި ސިފަސިފައިގައި ކޮމިޝަނުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް މަސައްކަތްކުރިތަން ފެނިގެންދިޔަ އެވެ. ނަތީޖާއަކަށް ވެގެންދިޔައީ މި ކޮމިޝަނުގެ ދައުރުގައި ވޭތުވެމިދިޔަ ދެ އަހަރު ތެރޭގައި ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

އޭސީސީން މިފަދަ ބަޔާނެއް އާއްމުކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޖަވާބުދާރީ ވާން ދިން ފަސް ދުވަހުގެ މުހުލަތު ހަމަވުމުން، އެކޮމިޓީއަށް ލިއުމުން ޖަވާބު ދިނުމަށް ފަހުގަ އެވެ. އެ ޖަވާބުތަކަށް ފަހުގައި ވެސް ކޮމިޓީން މިއަދު ފާސްކުރީ އޭސީސީގައި މިހާރު ތިއްބެވި ތިން މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox