ގްރީން ސްޓްރީޓްސް އަތުން މޮޅުވެ ވެލެންސިއާ ކުރިއަށް

Dec 25, 2021, 6:06 PM
ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ:މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ:މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން 3-1 އިން މޮޅުވެ، ކްލަބް ވެލެންސިއާ މުބާރާތުގެ ލީގު ބުރުގެ ކުރިއަށް ޖެހިލައިފި އެވެ.

ލީގު ބުރުގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ދެ މެޗުން ވެސް މޮޅުވެފައިވަނީ ހަމައެކަނި ވެލެންސިއާ އާއި މާޒިޔާ އެވެ. ދެ ޓީމަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ކުރީގައި އޮތީ ދެ ވަނައިގައި އޮތް މާޒިޔާ އަށް ވުރެ ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.

ތިން ވަނައިގައި އޮތް ގްރީން އާއި ހަތަރެއްގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ފަހެއްގައި އޮތް ޓީސީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ދަ ގްރާންޑޭ އާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ޕޮއިންޓެއް ނުލިބި އީގަލްސް އޮތީ އެންމެ ފުލުގަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ލަނޑު ޖަަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) އަށެވެ. އޭރިއާތެރެއިން ވެލެންސިއާގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށްފަހު ގޯލުގެ ކައިރީ ކަނަށް ޖަހަން އަންކޮ ފޮނުވާލި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން އޭރިއާ ބޭރުން ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާނު) ޖެހި ބޯޅަ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކީޕަރު ރަމީޒް ކައިރިން ވެލެންސިއާގެ ސެންޓޭ ބޯޅަ ގޯލަށް ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާ އިން ލީޑުނެގީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. ކޯނަރެއްގައި އަވަސް ކުޅުމަކަށް ފަހު ސެންޓޭ ގޯލުގެ ކައިރީ ކަނަށް ޖެހި ބޯޅަ ވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު އަހުމަދު ރަމީޒް އަތުގައި ޖެހިފަ އެވެ. އޭގެ ހަތަރު ވަރަކަށް މިނިޓް ފަހުން ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން ދިން ބޯޅަ އަކުން ސެންޓޭ ވަނީ އޭރިއާތެރެއިން ވެލެންސިއާ އަދި އޭނާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާ ތިން ވަނަ ގޯލެއް ޖަހައި، ހެޓްރިކް ހަދަން ލިބުނު ފުރުސަތުގެ ބޭނުން ސެންޓޭ އަށް ނުހިފުނެވެ.

ފުރަތަމަ ހާފުގައި ގްރީން ސްްޓްރީޓްސްގެ ކުޅުންތެރިން ވަނީ މެޗުގެ ރެފްރީ އަބްުދުﷲ ޝާތިރުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ވެލެންސިއާ އިން ވަނީ ދެ ވަނަ ހާފު ފެށިގެން މިނިޓެއްގެ ތެރޭގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑަކީ ސެންޓޭ ނެގި ކޯނަރެއްގައި ގްރީން ސްޓްރީޓްސްގެ ކީޕަރު ރަމީޒް ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އަތުން ދޫވި ވަގުތު ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ޖެހި ގޯލެކެވެ. ކުރިން ގްރީން ސްޓްރީޓްސް އަށް ކުޅުނު ހަލީލް މި ގޯލު ޖެހީ ފައުލުކޮށްފައި ކަމަށް ބުނެ ކީޕަރު. ރަމީޒް ވެސް ވަނީ އެޕީލް ކޮށްފަ އެވެ. އެކަމަކު، ރެފްރީ ޝާތިރު ނިންމީ ގޯލެއް ކަމަށެވެ.

ވެލެންސިއާގެ ހަލީލް (ކ) އަތުން ބޯޅަ ހޯދަން ގްރީން ސްޓްރީޓްސްގެ ސާއިފް މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރީން ސްޓްރީޓްސް އިން ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. މި ޕެނަލްޓީ އަކީ ވެލެންސިއާގެ ކީޕަރު ފައިސަލް އޭރިއާތެެރެއިން ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އަށް ކުރި ފައުލަކަށް ރެފްރީ ޝާތިރު ދިން ޕެނަލްޓީ އެކެވެ. ޝާމިސް އަކީ ދާދި ފަހުން ގްރީން ސްޓްރީޓްސް އަށް ބަދަލުވި ކުޅުންތެރިއެކެވެ. އޭނާ މި މެޗުގައި ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.

މެޗުގެ ފަހު މިނިޓްގައި ހަލީލަށް ވަނީ ވެލެންސިއާ އަށް އިތުރު ގޯލެއް ޖަހައިދޭން ހުސް ފުރުސަތެއް ލިބިފަ އެވެ. އޭރިއާތެެރެއަށް ބޯޅަ ހިފައިގެން ހުސްކޮށް ވަދެ ހަލީލް މަސައްކަތް ކުރީ ކީޕަރު ރަމީޒް ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ އޮއްސާލުމަށެވެ. އެކަމަކު، ރަމީޒް ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

އަނިޔާގެ ސަބަބުން ވެލެންސިއާގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) މިރޭގެ މެޗުގައި ވެސް ނުކުޅެ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު ވެލެންސިއާ ކުޅޭނީ ދަ ގްރާންޑޭއާ އެވެ. އެރޭ ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox