އާސަންދައިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލު ބެލޭނެ އެޕްލިކޭޝަނެއް އެ ކުންފުނިން ރޭ ތައާރަފްކޮށްފި އެވެ.
އެ އެޕްލިކޭޝަން އިފްތިތާހްކޮށްދެއްވީ އާސަންދަ ކުންފުނީގެ 10 ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.
އާސަންދަ މޯބައިލް އެޕްލިކޭޝަނަކީ އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ހިދުމަތުގެ ތަފްސީލް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.
އެ ހިދުމަތަށް ރެޖިސްޓްރީވުމުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލް ފެންނައިރު ބޭސް ސިޓީތަކުގެ ތަފްސީލްތައް ވެސް ފެންނާނެ އެވެ. މީގެ އިތުރުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކަށް ހަރަދުވާ މިންވަރު ވެސް ފެންނަން ހުންނާނެ އެވެ.
އެ އެޕްލިކޭޝަނުން ހިދުމަތް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނާނެ އެވެ. އެއިރުން، އެމީހަކު ހޯދި ހިދުމަތާއި ހިދުމަތް ހޯދި ތަނާއި ހަރަދުވި އަދަދުގެ ތަފްސީލް މެސެޖުން އެނގޭނެ ކަމަށް އާސަންދައިން ބުނެ އެވެ. މެސެޖް ލިބޭނީ އާސަންދަ ހިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.

މީގެ އިތުރުން އާސަންދައިން ވަނީ އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވީހާވެސް ފަސޭހައިން އާއްމުންނަށް ލިބޭނެގޮތް ހަމަޖެއްސުމަށް ޔޫޓިއުބް ޗެނަލްވެސް ލޯންޗްކޮށްފަ އެވެ. އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.
ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވެފައި ވަނީ ވެއެތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ބޭސްފަރުވާއަށް 16 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
އެ ހަރަދުގެ 64 ޕަސެންޓު ހޭދަވީ ބަލިވުމުން ބޭސް ކޮށްދިނުމަށް ކަމަށާއި ހަރަދުގެ 31 ޕަސެންޓު ހޭދަވަނީ ބޭސް ގަތުމަށް ކަމަށާއި ފަސް ޕަސެންޓަކީ ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް ދިޔަ ހަރަދު ކަމަށް އާސަންދައިން ބުންޏެވެ.













