ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކްލަބް އީގަލްސް 2-1 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ޓީމުގެ ފެށުން އިތުރަށް ވަރުގަދަކޮށްފި އެވެ.
ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ 5-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރީ 2-0 އިންނެވެ. އަދި މިރޭ އީގަލްސްގެ މައްޗަށް މި ވަނީ 2-1 އިން ކުރިހޯދައިފަ އެވެ. ވެލެންސިއާ، ސަސް އަދި އީގަލްސް އަކީ މުޅިން ވެސް މާޒިޔާގައި މިހާރު ހުރި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ކޯޗުކޮށްދިން ޓީމުތަކެވެ. އެ ގޮތުން މޯހަން މިދިޔަ ސީޒަނު ފެށިއިރު އީގަލްސް އަށް ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްދިނުމަށް ފަހު ދެން ފެނުނީ ސަސް އިންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ 13 ވަރަކަށް މިނިޓް ތެރޭ މާޒިޔާ އަށް ވަނީ ލީޑުނަގަން ރަނުގެ ދެ ފުރުސަތެއް ލިބިފަ އެވެ. އޭރިއާތެރެއިން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) މުޅިން ހުސްކޮށް ހުރެފައި ޖެހި ބޯޅަ އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތޯހާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މާޒިޔާގެ ހަމްޕު އީގަލްސްގެ ކީޕަރު ތޯހާ ކައިރިން ނައްޓާފައި ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މާޒިޔާ އިން ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އޭރިއާތެރެއިން ހަމްޕު އަށް ލިބުނު ބޯޅައިގައި އީގަލްސްގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި ކީޕަރު ތޯހާ ކައިރިން ނައްޓާފައި ހަމްޕު އޮއްސާލަން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. އެ ބޯޅަ ހުއްޓުވަން ގޯލުގެ ރޮނގު މައްޗަށް އެރި ދެ ޑިފެންޑަރުންނަށް އެ ބޯޅަ ހުއްޓުވޭނެ ގޮތެއްނުވި އެވެ.
ދެ ވަނަ ހާފްގައި ދެ ޓީމުން ވެސް ކުރިއަށް ޖެހިގެން ލިބޭ ބޯޅަތަކުގައި އެޓޭކްކުރަމުން ދަނިކޮށް، އީގަލްސް ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މެޗުގެ 71 ވަނަ މިނިޓްގައި މާޒިޔާއިން ލީޑުފުޅާކުރި އެވެ. ހަމްޕު ނެގި ހުރަހަކުން އޭރިއާތެރެއިން މި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސެއިން ނިހާން (ނިހާޓް) އެވެ.
އީގަލްސް އިން ވަނީ 85 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ހުސްކޮށްލާފައި ދިން ބޯޅަ އެ ޓީމުގެ ކުރިއަށް ކުޅޭ އަލީ އަޒްވާން އަބްދުލް އަޒީޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އަޒުވާން ޖެހި މި ގޯލަކީ މާޒިޔާގެ ގޯލުގައި ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ހުއްޓައި ކުޅުނު ތިން މެޗުން ވަން ފުރަތަމަ ގޯލެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ.











