މުންތޭގެ ވިސްނުން: ޒުވާން ކުޅުންތެރިންނާ އެކު ގައުމީ އަންހެން ޓީމު ކުރިއަށް

Dec 22, 2021, 11:57 PM
ގައުމީ އަންހެން ޓީމުގެ ކޯޗު މުމްތާޒް އަލީ: އަންހެން ޓީމުގައި އޮތް ޒުވާން ސްކޮޑު ގޮވައިގެން ކުރިއަށް ދިއުމުގެ އުއްމީދުގައި.

ގައުމީ އަންހެން ޓީމުގެ ކޯޗު މުމްތާޒް އަލީ: އަންހެން ޓީމުގައި އޮތް ޒުވާން ސްކޮޑު ގޮވައިގެން ކުރިއަށް ދިއުމުގެ އުއްމީދުގައި.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސެންޓްރަލް ޒޯންގެ އަންހެން މުބާރާތުން ރާއްޖޭން ރިހި މެޑަލް ހޯދިއިރު، ޓީމުގައި ތިބި ސީނިއާ ގިނަ ކުޅުންތެރިންތަކެއް މި ފަހަރު އެކި އަމިއްލަ ސަބަބުތަކާ ހުރެ ޓީމުގައި ނެތެެވެ. ނިސްބަތުން ޒުވާން ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން ދޮޅު މަހެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހު ކޯޗު މުމްތާޒް އަލީ (މުންތޭ) ހުރީ ރަނގަޅު ކަންތައްތަކެއް ހާސިލްކުރުމުގެ އުއްމީދުގަ އެވެ.

މިއީ އަންހެން ވޮލީ ޓީމެއް ބިނާކުރަން ބަލާއިރު، މުހިއްމު ފުރުސަތެެެކެވެ.

ބަންގްލަދޭޝްގައި މިއަދު ސެންޓްރަލް ޒޯން ވޮލީ މުބާާރާތް ފަށާއިރު، އިއްޔެ ބޭއްވި އަންހެން ޓީމުގެ ފަރިތަކުރުންތަކަށް ފަހު މުންތޭ ބުނީ މިހާރު އޮތް އަންހެން ޓީމަކީ ސީނިއާ ގިނަ ނަންތަކެއް ނެތި، ކުރިއަރަމުން އަންނަ ޒުވާން ސްކޮޑެއް ކަމަށެވެ.

"ވޮލީ އަންހެން ކުރީގެ ސީނިއާ ޓީމުގެ ބަދަލުގައި ޖޫނިއާ ޓީމެއް. އެ ކުދިންގެ މެޗު އެކްސްޕީރިއަންސް ވަރަށް ދަށްކޮށް އުޅޭނީ. ދެން އަޅުގަނޑު ބަލަނީ އެ އަކަށް ނޫން. މެޗު އެކްސްޕީރިއަންސް ހޯދާކަށް ނޫން މި އުޅެނީ. މި ބަލަނީ މިހާ ދުވަހު ކުރެވުނު ޕްރެކްޓިސް އޭގެ ބޭނުން ރަނގަޅަށް ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބާ ހަމައަށް ދެވޭނެހެން،" ދިވެހި ސިފައިންގެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން މުންތޭ ބުންޏެވެ.

ރާއްޖޭގެ އިތުރުން މި ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ފަސް ގައުމެއް ވާދަކުރެ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލާއި ސަރަހައްދުގެ ގަދަބާރެއް ކަމަށްވާ ލަންކާގެ އިތުރުން ކިރްގިސްތާން، އުޒްބެކިސްތާން އަދި ބަންގްލަދޭޝް އެވެ.

މުންތޭ ބުނީ ފަސް ޓީމު ވެސް އޭގެޒާތުގައި ވަރުގަދަވާނެ ކަމަށާއި އޭގެއިން ވެސް ނަގަން ޖެހޭނެ ދެ ޓީމަކީ ނޭޕާލާއި ލަންކާ ކަމަށެވެ. ފުރަތަމަ މެޗުގައި ރާއްޖެ މިއަދު އުޒްބެކިސްތާނާ ޖެހޭއިރު، އެއީ އެއްގޮތަކުން ބަލާއިރު، ރާއްޖެ އަށް ރަނގަޅު ކަމެއް ހާސިލްކުރެވޭނެ މެޗެއްގެ ގޮތުގައި މުންތޭ ދެކެ އެވެ.

"މި ނުކުންނަނީ އުޒްބެކިސްތާނާ ދެކޮޅަށް. އެ ޓީމު މި އޮތީ ފުދޭ ވަރަކަށް ޒުވާންކޮށް، ރާއްޖެ ޓީމާ އަޅާބަލާއިރު ތަފާތުކޮށް، އަޅުގަނޑު ދެކޭގޮތުގައި އެ ޓީމަށް ޕްރެޝަރެއް ދެވިއްޖިއްޔާ. އަޅުގަނޑުމެންގެ ޓީމުގެ ރަނގަޅުވާނެ،" މުންތޭ ބުންޏެވެ.

"އަޅުގަނޑުމެންނަށް އެއް ގައުމު ނޫނީ ދެ ގައުމު ބަލިކުރެވުނަސް އެއީ މި ޓީމު ލައިގެން ކާމިޔާބެއް ކަމަށް ދެކޭނީ،"

އެންމެ ފަހުން ގައުމީ ޓީމުން 2019 ވަނަ އަހަރުގެ މުބާރާތުގައި ރިހި މެޑަލް ހޯދިއިރު، ބަންގްލަދޭޝާއި އަފްގާނިސްތާން އަދި ކިރްގިސްތާން ބަލިކުރި އެވެ. މޮޅުނުވެވުނީ ނޭޕާލް އަތުންނެވެ.

މުންތޭ ބުނީ ޒުވާން ޓީމެއް ގޮވައިގެން ޓްރެއިނިންގައި ކުރެވުނު ތަޖުރިބާ އަށް ބަލާއިރު، ފެނުނީ ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު އެޓިޓިއުޑަކާއި ޑިސިޕްލިންއެއް ކަމަށެވެ.

"އަޅުގަނޑު ބުނާނީ ކޯޗެއްގެ ހައިސިއްޔަތުން ވަރަށް ރަނގަޅަށް ތައްޔާރުކޮށްދެވިއްޖެއޭ. އަސްލު (ޓްރެއިނިންގައި) މި ޓީމު، އަޅުގަނޑު މި ޓީމު ބައްޓަން މި ކުރީ ރިސީވް، ސާވިސް ބޮޑަށް. ދެން އެޓޭކަކީ ފުރަތަމަ ރިސީވް އަށް ފަހު އަންނަ އެއްޗަކަށް ވާތީ އެ އަށް ޓާގެޓްކުރީ،" މުންތޭ ބުންޏެވެ.

ޓީމުގެ ކެޕްޓަން އިމްތިނާން އިންޓަވިއު ދެނީ.

އެންމެ ފަހުން ސެންޓްރަލް ޒޯންގެ ރިހި މެޑަލް ހޯދި ޓީމުގެ ތެރެއިން މި ފަހަރު ސްކޮޑުގައި ހިމެނެނީ ޓީމުގެ ކެޕްޓަން އައިޝަތު އިމްތިނާން (ނާން)ގެ އިތުރުން އައިމިނަތު ޝަހާ ޝާމިން، އައިމިނަތު އަރީޝާ އަދި މަރިޔަމް އަޒުމާ އެވެ.

ޓީމުގެ ކެޕްޓަން އިމްތިނާން ބުނީ މިއީ ހަގީގަތުގައި ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާ އަކަށްވާނެ ކަމަށެވެ.

"ގިނައީ އިންޓަނޭޝަނަލް މެޗުތައް މަދުން ކުޅުނު ކުޅުންތެރިން. ދެން ޖޫނިއާ ޓީމުގައި އެއް މުބާރާތް ކުޅުނު ކުޅުންތެރިން އެއީ، މިއީ އެ ކުޅުންތެރިންނަށް ވަރަށް ރަނގަޅު އެކްސްޕީރިއަންސަކަށް ވާނީ. ކޮމިޓްމަންޓް ވަރަށް ރަނގަޅު އަދި ވަރަށް ޑިސިޕްލިން ކުޅުންތެރިންތަކެއް އެހެންވެ، ވަރަށް ފަސޭހަ،" ނާން ބުންޏެވެ.

މިއަދު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު އަންހެން ވޮލީ ޓީމު ދެން ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ އަށް ފަހު ހޮނިހިރު ދުވަހު ލަންކާއާ ކުޅޭނެ އެވެ. އަދި އާދިއްތަ ދުވަހު ކިރްގިސްތާނާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝާ ކުޅޭނީ ހޯމަ ދުވަހު އެވެ.

ފައިނަލަށް ދާނީ ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ އެވެ. އަދި ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ ޓީމު ރޭންކިން މެޗެއް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox