މެލްބަން (ޑިސެމްބަރު 22) - އަންނަ މަހު ބާއްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާުތުގައި ދުނިޔޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކުޅޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން ބުނެފި އެވެ.
ކޮވިޑް-19 ވެކްސިން ދެ ޑޯޒް ފުރިހަމަނުކޮށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވޭނެ ކަމަށް މީގެ ކުރިން އިއުލާނު ކޮށްފައިވާއިރު، އެކަމާ މެދު ޖޮކޮވިޗްގެ ވިސްނުން ތަފާތެވެ. ޖޮކޮވިޗް ވެކްސިން ޖެހި ކަމުގެ މައުލޫމާތު ނުދޭތީ އޭނާ އަށް އަންނަ މަހު ކުޅޭ ޓެނިސް ސީޒަނުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް، އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވިދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.
ދާދި ފަހުން ސާބިއާގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ޖޮކޮވިޗްގެ ބައްޕަ، ސާޑިޖާން ބުނީ ގަވާއިދުތައް ހުރި ގޮތުން ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން އިން ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ސާޑިޖާން ބުނީ އުސޫލުތައް ހެދިފައި ހުރީ ވެކްސިން ޖަހަން "ބްލެކްމެއިލް" ކުރާ ކަހަލަ ގޮތަކަށް ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދިނީ އޮސްޓްރޭލިއަން އޯޕަން ބާއްވާ ވިކްޓޯރިއާ ސަރަހައްދަށް ނިސްބަތްވާ ސްޕޯޓްސް މިނިސްޓަރު މާޓިން ޕަކޫލާ އެވެ. މާޓިން ވިދާޅުވީ ކުޅިވަރު ކުޅޭ ކުޅުންތެރިއަކު ވެސް އެ އޮންނަ އުސޫލަށް ތަބާވާން ޖެހޭނެ ކަަމަށާއި މުޖުތަމައުއެއްގެ ރައްކާތެރިކަމަށް ހެދިފައި އޮންނަ ގަވާއިދުތަކަށް ބޯލަނބަށް ޖެހޭނެ ކަމަށެވެ.
އެންމެ ފަހުން އާންމުކުރި އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި އުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަަބަބުން ސިއްހީ މާހިރެއްގެ ލަފާގެ މަތިން ކަމަށް ސާބިތުކޮށްދޭ ލިޔެކިޔުން ހުށަަހަޅަން ޖެހޭނެ އެވެ.
އޮސްޓްރޭލިއަން އޯޕަންގެ ޓޯނަމެންޓް ޑިރެކްޓަރު ކްރެއިގް ޓައިލީ ބުނީ ޖޮކޮވިޗް މުބާރާތުގައި ކުޅެން އައިސްފިނަމަ ވެކްސިން ޖަހައިގެން ހުރިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ ޖޮކޮވިޗް ޖެހޭނީ ވެކްސިން ނުޖަހާ ސަބަބު ސިއްހީ މާހިރުންގެ އެހީގައި އޮޅުން ފިލުވައިދޭން ކަމަށެވެ.
މެލްބަން ޕާކުގައި ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން އޮތީ އަންނަ މަހ 17-30 އަށެވެ.
މި ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި ސްޕެއިނުގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލަށް އޮސްޓްރޭލިއަން އޯޕަންގައި ކުޅެވުމުގެ ފުރުސަތު އަދި އެބައޮތް ކަމަށް ޓައިލީ ބުންޏެވެ.
އޮސްޓްރޭލިއަން އޯޕަން ތަށި ހޯދައިފިނަމަ ޖޮކޮވިޗަށް ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބު ކުރުުމުގެ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ. އެކަމަކު، މިހާރު އޮތްގޮތުން އޭނާ އޮސްޓްރޭލިއަން އޯޕަން އިން ފެނުމުގެ އޮތީ ހަނި ފުރުސަތަކެވެ.












