އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު ހަވީރު ކުރިއަށްގެންދިޔުމަށް ރާވާފައިވާ ވެހިކަލް ބުރުގައި ހަމަނުޖެހުން ހިންގުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލުމަށް ބާއްވާ އެ ވެހިކަލް ބުރު ފެށުމުގެ 20 މިނެޓު ކުރިން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ "އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތަށް ވަނީ ލިބިފަ" ކަމަށެވެ.
"އާންމު މަސްލަހަތު ގެއްލި، ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ގޮތަކަށް އުޅަނދުބުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު މި ހިދުމަތުން ނުދޭނެ ވާހަކަ ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ޕީޕީއެމްގެ ސައިކަލު ބުރަށް މިއަދު ފުރުސަތު ލިބޭނެކަން ނުވަތަ ނޫންކަން އޮތީ ސުވާލެއްގެ ތެރޭގަ އެވެ. ސައިކަލު ބުރު ކުރިއަށްނުގެންދެވޭނެކަން ފުލުހުން ސީދާ އަންގާފައެއް ނެތެވެ.
ޕީޕީއެމްގެ ވެހިކަލް ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ފުލުހުން ބުނެފައި މި ވަނީ އެ އެއްވުމުގައި "ރާއްޖެއާ ބޭރު ގައުމުތަކުގެ ގުޅުމަށް އަސަރު ކުރާ ފަދަ އެއްވެސް އަމަލެއް މި ވެހިކަލް ބުރުގައި ނުކުރުމަށް" ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އިދިކޮޅު ޕާޓީއަށް މިއަދު އަންގާފައި އޮއްވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގެންވި ފަހުން އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ކެމްޕެއިނަކީ އެމަނިކުފާނުގެ އިސްނެންގެވުމަކަށް ހިންގާ ހަރަކާތެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އިއްޔެ ކ. ގުރައިދުއަށް ވަޑައިގެން އެ ކެމްޕެއިނުގެ ހަރަކާތެއްގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.














