އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މިރޭ ކްލަބް ވެލެންސިއާ އަތުން 5-0 އިން މޮޅުވެ، މާޒިޔާ އިން އެންމެ ގިނަ ފަހަރު ޝީލްޑް ކާމިޔާބުކުރި ޓީމުގެ ޝަރަފް ހޯދައިފި އެވެ.
ކަޕް ވިނާސް ކަޕް އުވާލުމަށް ފަހު 2009 ވަނަ އަހަރު ފެށި އެފްއޭ ޗެރިޓީ ޝީލްޑް މެޗު އެންމެ ފުރަތަމަ ކާމިޔާބުކުރީ ވެެލެންސިއާ އިންނެވެ. މިހާތަނަށް ޝީލްޑް މެޗު 12 ފަހަރު ކުޅުނުއިރު، މާޒިޔާ އިން ހަތަރު ފަހަރު ކާމިޔާބުކުރި އެވެ. ދެން އެންމެ ގިނައިން ޝީލްޑް އުފުލާލި ވީބީ އައްޑޫ އެފްސީން ވަނީ ތިން ފަހަރު ޝީލްޑް ހޯދައިފަ އެވެ. ނިއު ރޭޑިއަންޓުން ދެ ފަހަރު ޝީލްޑް ހޯދިއިރު، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އިން ވަނީ އެއް ފަހަރު ޝީލްޑް އުފުލާލައިފަ އެވެ.
މާޒިޔާ އިން ޝީލްޑް އުފުލާލީ 2015، 2016، 2017 އަދި 2021 އެވެ. މިރޭގެ މެޗަކީ ޝީލްޑް މެޗެއްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާ ވަނީ ޝީލްޑް މެޗުން ބަލިވެފަ އެވެ. އެއީ އީގަލްސް އަތުން 3-2 އިންނެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) މިހާރު ހުރީ މާޒިޔާއާ ހަވާލުވެ އެވެ. މޯހަން އަކީ ޖެހިޖެހިގެން ދެ ސީޒަނުގައި ތަފާތު ދެ ޓީމުގައި ހުރެ ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އިން ވަނީ މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި މި ފަހަރު އަލަށް އެ ޓީމާ ގުޅުނު ޒުވާން ފުލްބެކް، ހައިޝަމް ހަސަން (ބިޑި) އާއި ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ޝެމްޝޮން ހިމަނައިފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އިނީ މާޒިޔާ ބެންޗުގަ އެވެ. މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ.
ވެލެންސިއާގެ ފުރަތަމަ އެގާރަ އަށް ބަލާއިރު، ކެޕްޓަަނަކީ އަލީ ފާސިރު (ސެންޓޭ) އެވެ. މިދިޔަ ސީޒަނުގައި ވެލެންސިއާ ކެޕްޓަނަކީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެ ޓީމުން ވަނީ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން މާޒިޔާ އަށް ކުރިން ކުޅުނު އަމްދާން އަލީ (އެންޑީ) ދަ ގްރާންޑޭ އަށް ކުޅުނު އަހުމަދު ސިޒާން، އީގަލްސް އަށް ކުޅުނު އަސްހަދު އަލީ (އަޑޭ)ގެ އިތުރުން ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ސްރީ ލަންކާގެ ޑަކްސަން ޕުސްލަސް އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ވެސް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ޓީމާ ފަހުން ގުޅުނު ނަމަވެސް ސްޕެއިނުގެ ފޯވާޑް ބޯހަސް މާޓިން ވަނީ މެޗު ފެށިއިރު، ޓީމުގައި ހިމަނައިފަ އެވެ.
މާޒިޔާ އިން މެޗު ފެށީ ވަރަށް ރަނގަޅު ސްޕީޑެއްގަ އެވެ. އެ ޓީމުން ވަނީ މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އިބްރާހިމް ވަހީދު ހަސަން (އިއްބެ) އޭރިއާތެރެއިން ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އިބްރާހިމް އައިސަމް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އައިސަމް ވަނީ 2019 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ޓީސީ އަށް ވެސް ގޯލު ޖަހައިދީފަ އެވެ.
ވެލެންސިއާ އަށް ރަނގަޅު އެޓޭކެއް ނުކުރެވިގެން އުޅެނިކޮށް މާޒިޔާ އިން މެޗުގެ 15 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖެހި އެވެ. މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ހުސްކޮށްލާފައި ދިން ބޯޅަ އިއްބެ ފުރަތަމަ ފޮނުވާލުމުން ޖެހުނީ ހުރަސްދަނޑީގަ އެވެ. ދެ ވަނަ ފަހަރު ބޯޅަ ލިބުމުން އިއްބެ ވަނީ ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 22 ވަނަ މިނިޓްގައި ވެލެންސިއާގެ އިސްމާއިލް ޒާން އާމިރު މަތިން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ ސެންޓޭ އެއް ފަހަރުން ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ރަނގަޅަށް ބޯޅަ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. އޭގެ ހަތަރު މިނިޓް ފަހުން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން އިރޭ ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފުރަތަމަ ހާފުގައި ވެލެންސިއާ އަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތު ލިބުނީ ޒާން އަށެވެ. މެޗުގެ 33 ވަނަ މިނިޓްގައި ވެލެންސިއާގެ ހުސެއިން ފައިސަލް (ފައިޓޯ) މެދު ރޮނގުކައިރިން ހޯދި ބޯޅައެއް ސެންޓޭ އަށް ޖައްސާލުމުން އޭނާ ރަނގަޅު ވަގުތުު ހުސްކޮށްލާފައި އޭރިއާތެރެއިން ޒާން އަށް ދިނެވެ. އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިންނެވެ.
މާޒިޔާ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ ވެލެންސިއާ ގޯލުގައި ހުރި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ހެދި ގޯހެއްގެ ފައިދާނަަަގައި ކޯނޭ ޖެހި ގޯލެކެވެ. މެޗުގެ 38 ވަނަ މިނިޓްގައި ފައިސަލް ކުރިއަށް އެރި ބޯޅައެއްގައި އޭނާ އަތުން އޭރިއާބޭރުން އައިސަމް ބޯޅަ ހޯދި އެވެ. އައިސަމް އެ ބޯޅަ ޖައްސާލީ އޭރިއާތެރޭގައި ހުރި ކޯނޭ އަށެވެ. ކޯނޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭ މާޒިޔާ އިން އިތުރު ދެ ގޯލު ޖެހި އެވެ. ކޯނޭ އަށް ސިޒާން ކުރި ފައުލަކަށް ދިން ޕެނަލްޓީން ހަމްޕު ވަނީ މާޒިޔާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އަދި އޭގެ ފަހުން ހަމްޕު ހުސްކޮށްލާފައި ދިން ބޯޅައަކުން ހުސެއިން ނިހާން (ނިހާޓް) ވަނީ މާޒިޔާގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ.

ޝީލްޑް މެޗަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗުގެ 79 ވަނަ މިނިޓްގައި ކޯނަރަކުން ހަމްޕު ނަގައިދިން ބޯޅައަކުން މުހައްމަދު އުމެއިރު ބޮލުން ފޮނުވާލި ބޯޅައެއް ގޯލު ރޮނގުމަތީގައި ހުރި ފައިޓޯ ވަނީ ބްލޮކްކޮށްފަ އެވެ. އުމެއިރު ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގަ އެވެ.
ވެލެންސިއާ އިން ދެ ވަނަ ހާފުގައި ފޮނުވާލި އެންމެ ރަނގަޅު ހަމަލާ އުފެއްދީ މެޗުގެ ފަހު މިނިޓްގަ އެވެ. ހިލޭ ޖެހުމަކުން ސެންޓޭ ޖެހި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.
ޝީލްޑް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އައިޝަމް އެވެ. ޝީލްޑް މެޗުން ފައިސާގެ އިނާމް ދީފައިވަނީ ޓައިނީ ހާޓްސް އާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ. ކޮންމެ ޖަމިއްޔާ އަކަށް 50،000 ރުފިޔާ ވަނީ ދީފަ އެވެ.










