ޔުނައިޓެޑް (ޑިސެމްބަރު 15) - މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑެން ޑިފެންޑަރު ވިކްޓަ ލިންޑެލޯފްގެ ހިތުގެ ގިނަ ޓެސްޓްތަކެއް ހަދަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ނޮރިޗް ސިޓީ އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގެ ދެ ވަަނަ ހާފްގައި ލިންޑެލޯފަށް ނޭވާލާން އުނދަގޫވެގެން އޭނާ ބަދަލުކުރި އެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ލިންޑެލޯފަށް ފަރުވާދޭން ފެށި އެވެ.
ޔުނައިޓެޑްގެ ކޯޗު ރާލްފް ރަންގްނިކް ބުނީ ލިންޑެލޯފް މެޗުގެ 74 ވަނަ މިނިޓްގައި ބަދަލުކުރީ އޭނާގެ ހިތުގެ ވިންދު ނޯމަލް ރޭޓަށް ވުރެ އަވަސްކަމަށް ފާހަގަކުރެވި، ނޭވާލާން އުނދަގޫވާ ކަމަށް ތަކުރާރުކޮށް ބުނުމާ އެކީގައި ކަމަށެވެ.
މި ދުވަސްވަރު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ކޮވިޑް-19ގެ ކޭސްތައް ފާހަގަކުރެވެމުން އަންނައިރު، ލިންޑެލޯފަށް މި ދިމާވެގެން އުޅޭ މައްސަލަ އަކީ ކޮވިޑް-19 އާ ގުޅޭ ކަމެއް ކަމަށް ބުނެ، އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރަމުން އައި ނަމަވެސް ޔުނައިޓެޑުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ނޭވާލާން އުނދަގޫވެގެން ލިންޑެލޯފް (ކ.2) ބަދަލު ކުރަނީ.
ޔުނައިޓެޑްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ލީގުގައި ރޭ ޔުނައިޓެޑުން ބްރެންޓްފޯޑާ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ.
ކުރިން ބެންފީކާ އަށް ކުޅުނު ލިންޑެލޯފްގެ ހިތުގެ ހާލަތު އެއްކޮށް ދެނެގަންނަން ޓެސްޓްތަކެއް ހަދަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ އެކު ޔުނައިޓެޑުން ވަނީ ބަޔާނެއް ނެރެ އެކަން ކަށަވަރުކޮށްދީފަ އެވެ. ޔުނައިޓެޑުން ވަނީ ލިންޑެލޯފްގެ މައްސަލަަ އަކީ އެ ކްލަބްގެ ކޮވިޑްގެ ހާލަތާ ގުޅޭ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވެސް ބުނެފަ އެވެ.
ލިންޑެލޯފްގެ އަންހެނުން މާޖާ ނީލްސަން ލިންޑެލޯފް، އޭނާގެ އަމިއްލަ ބްލޮގްގައި ލިޔެފައިވާ ގޮތުގައި ލިންޑެލޯފް މިހާރު އަންނަނީ ހިތުގައި މޮނިޓަރެއް ހަރުކޮށް ޓެސްޓްތަކެއް ހަދަމުންނެވެ. އަދި ދެ ދުވަހުގެ މުއްދަތަށް އެ މޮނިޓަރުން ލިންޑެލޯފްގެ ހިތުގެ ކަންކަން ބަލާނެ ކަމަށާއި މިހާތަނަށް ފެންނަ ފެނުމުގައި ގޯސް އެއްވެސް ކަމެއް ފާހަގަނުކުރެވޭ ކަމަށެވެ. އަދި ޓެސްޓްތައް ނިމުމުން ލިންޑެލޯފަށް އެނބުރި ޓްރެއިނިން އަށް ދެވޭނެ ދުވަހެއް އެނގޭނެ ކަމަށް މާޖާ ލިޔެފައިވެ އެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ހާޓްއެޓޭކެއް ޖެހިގެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައިރު، މިހާރު އޭނާ ރިކަވަރީގެ ކަންކަން ކުރިއަށްގެންދަނީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިގެންނެވެ. އައިސީޑީ އަކީ ހިތުގެ ވިންދު ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ.












