Advertisement

އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި: ރިޕޯޓް

14 ޑިސެންބަރު 2021 - 10:39 0


އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި: ރިޕޯޓް

14 ޑިސެންބަރު 2021 - 10:39 0

ބާސެލޯނާ (ޑިސެމްބަރު 14) - ހިތުގެ ސީރިއަސް މައްސަލަތަކެއް ފާހަގަކުރެވިގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ސްޕެއިނުގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ގިލެމް ބަލަގޫ ބުނެފި އެވެ.

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ދޫކޮށް މި ސީޒަން ފެއްޓުމުގެ ކުރިން ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ބަދަލުވި އުމުރުން 33 އަހަރުގެ އަގުއޭރޯ ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އޮކްޓޫބަރު 30 ވަނަ ދުވަހު އަލަވޭސްއާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ.

އެ މެޗަށް ފަހު ބާސެލޯނާ އިން އެރޭ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިތުގެ ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން ސްޕެއިނާއި ދެކުނު އެމެރިކާގެ ހަބަރުފަތުރާ ވަސީލަތްތަކުން ވަނީ އަގުއޭރޯ ރިޓަޔާކުރަން ނިންމާފައިވާ ކަމަށް ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ރަސްމީކޮށް މިހާތަނަށް އަގުއޭރޯ އެކަން އިއުލާނެއް ނުކުރެ އެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ އަގުއޭރޯ ރިޓަޔާކުރަން ނިންމިކަން އޭނާ އަށް ހިއްސާކޮށްފައިނުވާ ކަމަށް ބުނެފަ އެވެ.

އެކަމަކު، ސްޕެއިނުގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ބަގަލޫ ބުނީ މާދަމާ އަގުއޭރޯ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރާނެ ކަމަށެވެ.

އަގުއޭރޯގެ ކެރިއަރު ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭއިރު، އޭނާ ވަނީ މިހާތަނަށް ކެރިއަރުގައި ކުޅުނު 786 މެޗުން 427 ގޯލު ޖަހަައިފަ އެވެ.

އާޖެންޓީނާގެ ކްލަބް، އިންޑިޕެންޑިއޭޓް އިން ވިދާލި އަގުއޭރޯ ޔޫރަޕްގައި ފުރަތަމަ ކުޅުނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމަށް 2010 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދޭން އެހީތެރިވި އަގުއޭރޯ ވަނީ އެ ޓީމަށް ކުޅެދިން 234 މެޗުން 101 ގޯލު ޖަހައިފަ އެވެ.

މެންޗެސްޓާ ސިޓީން އަގުއޭރޯގެ ސޮއި ހޯދީ 2011 ވަނަ އަހަރު 44 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. ސިޓީން 44 އަހަރުކޮށްފައި، 2011-2012 ވަނަ އަހަރުގެ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދި ގޯލު ޖެހި އަގުއޭރޯ ވަނީ އެ ކްލަބަށް 10 އަހަރު ކުޅެދީފަ އެވެ. އަގުއޭރޯ އަކީ ސިޓީގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ސިޓީ އަށް 390 މެޗުން 260 ގޯލު ޖަހައިދިންއިރު، އޭގެ ތެރޭގައި 16 ހެޓްރިކް ހިމެނެ އެވެ. އަގުއޭރޯ އަކީ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

އަގުއޭރޯ ލެޖެންޑެއްގެ ގޮތުގައި ސިޓީ ދޫކޮށްލިއިރު، އެ ޓީމާ އެކު ޕްރިމިއާ ލީގު ފަސް ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި ލީގު ކަޕް ހަ ފަހަރު ކާމިޔާބުކުރި އެވެ. އަދި ފަހު ސީޒަނުގައި ސިޓީއާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނެވެ.

އަގުއޭރޯ ވަނީ އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާ އެކު 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދުމުގެ އިތުރުން 28 އަހަރަށް ފަހު އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބު ކުރި ޓީމުގައި ހިމެނިފަ އެވެ. އާޖެންޓީނާ އިން ކާމިޔާބުކުރީ މި ފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. އަދި އަގުއޭރޯ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދިޔަ އާޖެންޓީނާ ޓީމުގެ ކުޅުންތެރިއެކެވެ.