ޝީލްޑް މެޗު ކާމިޔާބުކުރަން މާޒިޔާ އޮތީ ފެންބޮވައިގަނެފައި: މޯހަން

މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް ވެލެންސިއާ ބަލިކޮށް ޝީލްޑް ކާމިޔާބުކުރަން މާޒިޔާ އޮތީ ފެންބޮވައިގަނެފައި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މިދިޔަ ސީޒަނުގައި މޯހަންގެ އިރުޝާދުގެ ދަށުން ކުޅުނު ކްލަބް އީގަލްސް އިން ވަނީ މާޒިޔާ ފަހަތުން އަރައި ބަލިކޮށް ޝީލްޑް ކާމިޔާބުކޮށްފަ އެވެ. މި ފަހަރުގެ ސީޒަނުގެ ޝީލްޑް މެޗުގައި މޯހަން ހުންނާނީ މާޒިޔާ ބެންޗުގަ އެވެ. މޯހަން ބުނީ މާޒިޔާ އޮތީ މި ފަަހަރު ކާމިޔާބު ހޯދަން ތައްޔާރުވެފައި ކަމަށެވެ.

"ހާއްސަކޮށް މިދިޔަ ސީޒަނުގައި ޗެރިޓީ މެޗުގައި ބަލިވެފައި އޮތީމަ ކާމިޔާބު ހޯދަން ކުޅުންތެރިން ވަރަށް ބޮޑަށް ފެންބޮވައިގަނެފައި ތިބީ، އެހެން ބުންޏަކަސް ދޮގަކަށް ނުވާނެ. އެހެންވީމަ، މި މެޗު ކާމިޔާބު ކުރަން އެ ކުޅުންތެރިން ވަރަށް ބޮޑަށް ފޯކަސް،" މާދަމާރޭގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު މޯހަން ބުންޏެވެ.

މޯހަން ބުނީ މާދަމާރޭގެ މެޗު ކާމިޔާބު ކުރެވިއްޖެނަމަ އެއީ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. ޝީލްޑް މެޗުން މާޒިޔާ ސީޒަނަށް ތައްޔާރުވެފައި އޮތް މިންވަރު ވަޒަންކޮށްލެވުމުގެ އިތުރުން މި މެޗުން މޮޅުވެއްޖެނަމަ މުޅި ޓީމަށް އިތުބާރު ލިބޭނެ ކަމަށް މޯހަން ގަބޫލުކުރެ އެވެ.

މާޒިޔާ އިން ވަނީ މި ފަހަރުގެ ސީޒަނަށް ތައްޔާރުވާން ނ. އަތޮޅު ކެނދިކުޅުދޫގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. ކުރިއަށް އޮތް ސީޒަނަށް މާޒިޔާއާ ގާތަށް ލީގުގައި ވާދަކުރާ އެއްވެސް ޓީމަކަށް ތައްޔާރުނުވެވެ އެވެ.

މޯހަން ބުނީ އެހެން ޓީމުގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އެކަމަކު، އެންމެ ރަނގަޅަށް ތައްޔާރުނުވެ އޮތް ޓީމުތަކާ ކުޅޭއިރު، ސަމާލުވާން ޖެހޭނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"އެޑްވާންޓޭޖަކަށް އޮންނާނީ އަޅުގަނޑުމެން ތައްޔާރުވެފައި އިންނާނީ ފިޒިކަލީ. ޓީމެއްގެ ގޮތުގައި ތައްޔާރުވުން ވެސް އެއީ ލިބޭ ހިތްހަމަޖެހުމެއް. ދެން އިންނާނީ އަނެއް ކޮޅު. އެއީ ޕްރެޝަރު. އެއީ ކޮންމެ ގޮތެއް ވިޔަސް ތައްޔާރުވާ ޓީމެއް މޮޅުވާން މާ ބޮޑަށް އެދޭނެ. ތައްޔާރުނުވެ އަންނަ ޓީމަކަށް އެ ޕްރެޝަރު އެހާ ބޮޑެއް ނުވާނެ،" މޯހަން ބުންޏެވެ.

"ހަމަޖެހިލައިގެން އަރައި ކޮންމެ ގޭމެއް ބޭނުން ގޮތަކަށް ކުޅެލިޔަސް ވެސް. އެއީކީ މާ ބޮޑު ޝަކުވާ އަކަށް ވެގެންނުދާނެ. އެއީ އަބަދުވެސް އޮންނާނެ ބުނެވެން ތިމަންނަ މެން ރަނގަޅަށް ތައްޔާރުނުވަމޭ. ޕްރެކްޓިހެއް ނުކުރެވެއޭ،"

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޯހަން ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯހަން ބުނީ އިދިކޮޅަށް ނުކުންނަ ޓީމެއްގެ ހާލަތަށް ބަލައި މާޒިޔާ ކުޅުންތެރިން މެޗުތައް ފަސޭހަނުކޮށްލާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަން އެހާ ޔަގީންވަނީ ޕްރެކްޓިހުގައި ކުޅުންތެރިންގެ ފަރާތުން ފެންނަ "ސީރިއަސް އެޓިޓިއުޑް" ގެ ސަަބަބުން ކަމަށް މޯހަން ބުންޏެވެ.

މާޒިޔާ އަކީ ކޮންމެ މުބާރާތެއްގެ ވެސް ތަށްޓައް ފޯކަސް ކޮށްފައި އޮތް ޓީމެއް ކަމަށްވާއިރު، އެ ޓީމަށް އިރުޝާދުދޭން އޮންނަ ކޯޗަކަށް އޮންނާނެ ޕްރެޝަރަކީ ވެސް ކާމިޔާބީގެ މަގުގައި އެ ޓީމު ބޭއްވުމެވެ.

މޯހަން ބުނީ ފުޓްބޯޅައިގެ ހިތްހަމަ ޖެހުމަކީ ޕްރެޝަރު ތެރެއިން ކާމިޔާބު ހޯދުން ކަމަށާއި އެހެންވެ އޭނާ އަމިއްލަ އަށް ވެސް ޕްރެޝަރު ނަގާ ކަމަށެވެ.

"އަމިއްލަ އަށް އަޅުގަނޑު ނިންމާފައި ހުރި ޓާގެޓްތަކެއް ހުންނާނެ. ސީޒަނުގައި މާޒިޔާ ކިހާ ހިސާބަކަށްތޯ ދާނީ. (އާންމުންނަށް) ހިއްސާނުކުރި ކަމުގައި ވިޔަސް އަޅުގަނޑު އަމިއްލަ އަށް ވެސް ޕްރެޝަރު ދެން. އެއީ އަޅުގަނޑަށް ކޮންމެ ޕްރެކްޓިހަކަށް ވެސް ސީރިއަސްވެ ތައްޔާރު މިވެވޭ ސަބަބަކީ. ކާމިޔާބު ހޯދަން ބޭނުންވާތީ،" ކުރިން ނިއު ރޭޑިއަންޓަށް ލީގު ހޯދައިިދިން ކޯޗު ބުންޏެވެ.

މާޒިޔާ އިން ވަނީ އެ ޓީމުގެ ގޯލު ބަލަހައްޓަން ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރް ޝެމްޝޮން ގެނެސްފަ އެވެ. މާޒިޔާ އިން ދިވެހި ކީޕަރެއް ނުގެނެސް ބޭރު ކީޕަރަކަށް ދާން ނިންމި ސަބަބާ ބެހޭ ގޮތުން ސުވާލުކުރުމުން މޯހަން ބުނީ މާޒިޔާ އަކީ "ތަށްޓައް ފޯކަސް ކޮށްފައި އިންނަ ޓީމެއް" ކަމަށާއި އެ ވަގުތަކު ތަށި ލިބޭނެ އެންމެ މުހިއްމު ގޮތަކަށް ބަަލައި މާޒިޔާ އިން އެ ގޮތަކަށް އަމަލުކުރާނެ ކަމަށެވެ.

"މާޒިޔާ އަށް އެ ވަގުތަކު ކާމިޔާބު ހޯދަން މުހިއްމުވަނީ ބޭރު ކީޕަރެއް ގެނެސްގެން ކަމަށްވަންޏާ އެ ގޮތަށް މާޒިޔާ ފޯކަސް ކުރާނީ. އެއީ މާޒިޔާގެ ފޯކަސް އަކީ ކޮންމެ މެޗަކުން ވެސް މޮޅުވަން ކޮންމެ މުބާރާތަކީ ވެސް ކާމިޔާބު މުބާރާތަކަށް ހަދަން. މި ވަގުތަށް ބަލާއިރު ކިރަން މުހިއްމު ވާތީ އޭނަ ގެނެސްފައި އެ ހުރީ،" މޯހަން ބުންޏެވެ.

މާޒިޔާގެ ޕްރެކްޓިހުގެ ތެރެއިން ކީޕަރު ކިރަން ބޯޅަ ސޭވްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް ވެލެންސިއާ އަށް މިދިޔަ ސީޒަނުގައި ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ. މޯހަން ބުނީ އަކޫ ޓީމަށް ގުޅުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ބޭނުން ވަރަށް ބޮޑަށް ހިފާނެ ކަމަށާއި ޖުމްލަކޮށް ޓީމު ރޮޓޭޓްކޮށްގެން ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވޭ ގޮތަށް ކުރިއަށްދާން ބޭނުންވާ ކަމަށް މޯހަން ބުންޏެވެ.

"ކޮންމެ މަގާމެއްގައި ކުޅޭ ކުޅުންތެރިއަކު ވިޔަސް އެ ދޭ ފުރުސަތެއްގައި ކުރާ މަސައްކަތުން ދެން އިނގޭނީ އެ ކުޅުންތެރިއަކު ސީޒަނުގައި ކުޅޭނީ ކިތަން މެޗުތޯ. މެޗުތަކުގެ ކުޅުމަށް ބަލާނީ،" މޯހަން ބުންޏެވެ.

މާޒިޔާ އާއި ވެލެންސިއާ ވަނީ 2017 ވަނަ އަަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ވެލެންސިއާ އަތުން މާޒިޔާ މޮޅުވީ 1-0 އިންނެވެ. އޭރު ކުޅުނު ވެލެންސިއާ ޓީމާއި މިހާރު އޮތް ޓީމުގެ ތަފާތަކީ ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިން ހިމެނުމެވެ.

މޯހަން ބުނީ މާޒިޔާ ޓީމުގައި ވެސް އޮތީ ގައުމީ ޓީމުގެ ތަޖުރިބާ އާއި ޒުވާން ކުޅުންތެރިންގެ މަސްހުނި ޓީމެއް ކަމަށެވެ. އެކަމަކު، ވެލެންސިއާގައި ތިބި ފަޅި ފުރުސަތެއް ލިބުނަސް ގޯލެއް ޖަހާލެވޭވަރުގެ ނުރައްކާ ކުޅުންތެރިންނަށް ސަމާލުވާނެ ކަމަށް މޯހަން ބުންޏެވެ.

"ވެލެންސިއާ ޕްރެކްޓިސް ކުރީ ކިހާ ދުވަހަކުތޯ ނުބަލާނަން. އެ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާނީ. އަޝްފާގު، ސެންޓޭ، އީސާ، އަސްހަދު. މިއީ ކޮންމެ ވަގުތެއްގައި ނަތީޖާ ބަދަލުކުރެވޭނެ ފެންވަރު ކުޅުންތެރިންކަން ދަނެގެން ނުކުންނާނީ،" މޯހަން ބުންޏެވެ.

މާޒިޔާ އިން ވަނީ މިހާތަނަށް ތިން ފަހަރު ޝީލްޑް އުފުލާލައިފަ އެވެ. އެންމެ ގިނައިން ޝީލްޑް ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ މާޒިޔާ އާއި ވީބީ އަތުގަ އެވެ. މާޒިޔާ އިން މާދަމާރޭ ވެެލެންސިއާ ބަލިކޮށް ޝީލްޑް އުފުލާލައިފިނަމަ އެ ޓީމަށް އެންމެ ގިނައިން ޝީލްޑް އުފުލާލުމުގެ ޝަރަފް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox