ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ގުރުއަތުލުން އަލުން ބޭއްވިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުރިމަތިލާން ޖެހިއްޖެ އެވެ.
މުބާރާތުގެ ގުރުއަތުލުން ފުރަތަމަ ކުރިއަށްދިޔައިރު، ޕީއެސްޖީ ކުޅެން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެކަމަކު، ޓެކްނިކަލް މައްސަލައެއް ދިމާވެ، ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑުން އިސްނަގައިގެން އަލުން ގުރުއަތުލުން ބާއްވަން ގިނަ ޓީމުތަކުން ޕްރެޝަރު ކުރުމުން ޔުއެފާ އިން ނިންމީ އަލުން ގުރުއަތުލުން ކުރިއަށް ގެންދާށެވެ.
ފާހަގަކުރެވުނު މައްސަލަ އަކީ ފުރަތަމަ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ގުރުއަތުން ދިމާވުމެވެ. ޔުނައިޓެޑާއި ވިޔަރެއާލަކީ އެއް ގްރޫޕެއްގައި ހިމެނޭ ދެ ޓީމު ކަމަށްވާއިރު، ގަވާއިދުގައި އޮންނަ ގޮތުން ނޮކައުޓް ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅެން ނުޖެހޭނެ އެވެ. ދެން ފާހަގަކުރެވުނު މައްސަލަ އަކީ ލިވަޕޫލްގެ ބޯޅަ އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުމުގައި ހިމެނުމެވެ. އެތުލެޓިކޯ އާއި ލިވަޕޫލް އެއް ގްރޫޕެއްގައި ކުޅެފައިވާއިރު، މި ދެ ޓީމު ދެ ވަނަ ބުުރުގައި ބައްދަލުނުކުރެވޭނެ އެވެ. ދެން ފާހަގަވި މައްސަލަ އަކީ އެތުލެޓިކޯގެ ގުރުއަތުލުމުގައި ޔުނައިޓެޑް ހިމަނާފައިނުވުމެވެ.
އަލުން ގުރުއަތުލިއިރު، ދެ ވަނަ ބުރުގެ އަށް މެޗުގެ ތެރެއިން އެއް މެޗު ފިޔަވާ ދެން ހުރި ހުރިހާ މެޗެއް ވަނީ ބަދަލުވެފަ އެވެ. ބަދަލުނުވީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި ފްރާންސްގެ ޗެމްޕިއަން ލޮސްކް ލިލް ކުޅެން ޖެހުނު މެޗެވެ.

ޕީއެސްޖީ އާއި ރެއާލްގެ ކުރިމަތިލުން އެންމެ ހާއްސަވާނެ ދެ ކުޅުންތެރިންނަކީ ރާމޯސް (ވ) އާއި އެމްބާޕޭ.
ފުރަތަމަ ގުރުއަތުލުމުގައި ޕީއެސްޖީ ކުޅެން ޖެހުނީ ޔުނައިޓެޑާ އެވެ. އެކަމަކު، ދެ ވަނަ ފަހަރު ގުރުއަތުލުމުން ޕީއެސްޖީން ކުޅޭނީ ރެއާލް މެޑްރިޑާ އެވެ. މިހާތަނަށް ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ހަ މެޗުގެ ތެރެއިން ރެއާލް ތިން މެޗުން މޮޅުވިއިރު، ޕީއެސްޖީ އަށް ހަމައެކަނި ލިބުނު މޮޅަކީ 2019 ވަނަ އަހަރުގެ މުބާރާތުގައި ލިބުނު މޮޅެވެ. މި މެޗު ހާއްސަވާނެ ދެ ކުޅުންތެރިއަކީ ކުރިން ބާސެލޯނާގައި ހުރެ ރެއާލް ކޮޅަށް ގިނަ ގޯލު ޖެހި ލިއޮނަލް މެސީ އާއި އަންނަ ސީޒަނުގައި ރެއާލަށް ބަދަލުވާނެ ކަމަށް އަޑުފެތުރިފައިވާ ކީލިއަން އެމްބާޕޭ އަށެވެ.
އަނެއްކޮޅުން މި ސީޒަނުގައި ރެއާލް ދޫކޮށްފައި ޕީއެސްޖީ އަށް ބަދަލުވި ސާޖިއޯ ރާމޯސް ފުރަތަމަ ފަހަރަށް ކުރީގެ ކްލަބާ ކުޅެން ޖެހޭނެ އެވެ. ރާމޯސް އެންމެ ފަހުން ހުރީ ރެއާލްގެ ކެޕްޓަނެއްގެ ގޮތުގަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
މުޅިން އަލަށް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅޭ އޮސްޓްރިއާގެ ސަލްޒްބާގް ކުޅޭނީ ޖަރުމަނުގެ ބަޔާން މިއުނިކާ އެވެ. ފުރަތަމަ ގުރުއަތުލުމުގައި ބަޔާނާ ކުޅެން ލައްވާލި އެތުލެޓިކޯ ފަހުން ގުރުއަތުލުމުން ކުޅެން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ.

ދެ ވަނަ ފަހަރަށް ގުރުއަތުލުމުން ދިމާވި ގޮތް.-- ފޮޓޯ: އޭއެފްޕީ
ތޭރަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅޭ ޕޯޗުގަލްގެ ޗެމްޕިއަން ސްޕޯޓިން ކުޅޭނީ އިންގްލެންޑްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އެވެ. ބާސެލޯނާ ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖު ފަހަނަައެޅި ބެންފީކާ ދެ ވަނަ ބުރުގައި ކުޅޭނީ 1996 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ނޮކައުޓް ބުރުގައި ކުޅޭ އަޔަކްސްއާ އެވެ.
މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ވިޔަރެއާލް ކުޅޭނީ އިޓަލީގެ ޔުވެންޓަސްއާ އެވެ. އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ނޮކައުޓް ބުރުގައި ކުޅޭއިރު، އެ ޓީމުން ނުކުންނާނީ މުބާރާތުގެ ތަށި ހަ ފަހަރު ހޯދާފައިވާ ލިވަޕޫލާ ދެކޮޅަށެވެ. ލިވަޕޫލުން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިޓަލީގެ އޭސީ މިލާން ބަލިކޮށް، ގްރޫޕް ސްޓޭޖުގެ ހަ މެޗުން މޮޅުވި ހަމައެކަނި އިނގިރޭސި ޓީމުގެ ޝަރަފް ހޯދައިފަ އެވެ.
ދެ ވަނަ ބުރުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 15-16 އާއި 22-23 ގަ އެވެ. ޕީއެސްޖީ އާއި ޔުނައިޓެޑް ކުޅޭ މެޗު ހިމެނޭ ގޮތަށް ޔުއެފާ އިން މިއަދު ޝެޑިއުލް އާންމުކުރާނެ އެވެ. ޝެޑިއުލް އާންމުކުރާނީ ޓީވީ ރައިޓްސް އެއްބަސްވުންތަކުގައި ހުރި ކަންކަމަށް ބަލައި މަޝްވަރާކުރުމަށް ފަހު އެވެ.












