ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އަލުން ބާއްވަން ނިންމައިފި އެވެ.
ޔުއެފާ އިން މި ގޮތަށް ނިންމީ މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑްގެ ގުރުއަތުލުންތައް ކަނޑައެޅުމުގައި ހެދުނު ގޯސްތަކެއްގެ މައްސަލަ ހޫނުވެ، ގިނަ ޓީމުތަކަކުން އަލުން ގުރުއަތުލުން ބާއްވަން ޔުއެފާ އަށް ޕްރެޝަރު ކުރުމުންނެވެ.
ޔުއެފާ އިން ބުނީ މައްސަލަ ދިމާވީ ޓެކްނިކަލް ކަމެއްގެ ސަބަބުން ކަމަށެެވެ. އެހެންވެ، ޔުއެފާގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން މަޝްވަރާކުރުމަށް ފަހު ނިންމީ ފުރަތަަމަ ނެގި ގުރުއަތުލުން އެއްކޮށް އުވާލުމަަށް ކަމަށެވެ.
ފާހަގަކުރެވުނު މައްސަލަ އަކީ ފުރަތަމަ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ގުރުއަތުން ދިމާވުމެވެ. ޔުނައިޓެޑާއި ވިޔަރެއާލަކީ އެއް ގްރޫޕެއްގައި ހިމެނޭ ދެ ޓީމު ކަމަށްވުމުން ގަވާއިދުގައި އޮންނަ ގޮތުން ނޮކައުޓް ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅެން ނުޖެހޭނެ އެވެ.
ދެން ފާހަގަކުރެވުނު މައްސަލަ އަކީ ލިވަޕޫލްގެ ބޯޅަ އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުމުގައި ހިމެނުމެވެ. އެތުލެޓިކޯ އާއި ލިވަޕޫލް އެއް ގްރޫޕެއްގައި ކުޅެފައިވާއިރު، މި ދެ ޓީމު ދެ ވަނަ ބުުރުގައި ބައްދަލުނުކުރެވޭނެ އެވެ. ދެން ފާހަގަވި މައްސަލަ އަކީ އެތުލެޓިކޯގެ ގުރުއަތުލުމުގައި ޔުނައިޓެޑް ހިމަނާފައިނުވުމެވެ.
ޔުއެފާ އިން ފުރަތަމަ ނިންމި ގުރުއަތުލުމުގައި ޔުނައިޓެޑް ކުޅެން ޖެހުނީ ޕީއެސްޖީއާ އެވެ. ލިވަޕޫލުން ސަލްޒްބާގާ ކުޅެން ޖެހުނުއިރު، އެތުލެޓިކޯ މެޑްރިޑް ލައްވާލީ ބަޔާން މިއުނިކާ އެވެ.
ކްލަބްތަކުގެ ޕްރެޝަރާ އެކު ޔުއެފާ އިން ނިންމީ އެއް ގަޑިއިރު ތެރޭ އަލުން މުޅި ގުރުއަތުލުން އަލުން ބާއްވާށެެވެ. ގުރުއަތުލުން ދެން ބާއްވާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.












